ސައުދީ އަރަބިއްޔާއިން އެ ޤައުމުގެ ބެލިސްޓިކް މިސައިލް އުފައްދާ މަރުކަޒު އިތުރަށް ފުޅާކުރަމުންދާކަން ސެޓެލައިޓް ފޮޓޯތަކުން ހާމަވެއްޖެއެވެ.
ދިރާސާއިން ފާހަގަވާ ގޮތުގައި މިއީ ދުރުރާސްތާތަކަށް ދަތުރުކުރާ އަދި ބަރު ހަތިޔާރު އުފުލުމުގެ ކުޅަދާނަކަން ލިބިފައިވާ ސޮލިޑް-ފިއުލް މިސައިލް އުފެއްދުމަށް ކުރެވެމުންދާ މަސައްކަތެކެވެ.
އެމެރިކާގެ ޕްލެނެޓް ލެބްސް ކުންފުނީގެ ސެޓެލައިޓް ފޮޓޯތަކުން ދައްކާ ގޮތުގައި، ވެރިރަށް ރިޔާޛުގެ ހުޅަނގުން ގާތްގަނޑަކަށް 200 ކިލޯމީޓަރު ނުވަތަ 125 މޭލު ދުރުގައި އޮންނަ އަލް-ދުވަދިމީ ކޮމްޕްލެކްސްގައި އައު އިމާރާތެއް އެޅުމުގެ މަސައްކަތް ދަނީ ހަލުވިކަމާއެކު ކުރިއަށެވެ.
ފޮރިން ޕޮލިސީ ރިސާޗް އިންސްޓިޓިއުޓް (އެފްޕީއާރުއައި) ގެ ދިރާސާކުރާ ފަރާތްތަކުން ވިދާޅުވީ، މި އައު އިމާރާތުގައި މިސައިލް އިންޖީނުތަކަށް ތެޔޮ އަޅައި ހަރުކުރުމަށް ހާއްސަ ވަޅުތަކެއް ހަދަމުންދާ ކަމަށެވެ. މި ބައި މިހާރު ހުރި އިމާރާތަށްވުރެ މަދުވެގެން ދެގުނަ ބޮޑުއިރު، މިއަހަރުގެ ނިޔަލަށް އެތަނުން މިސައިލް އުފައްދަން ފެށޭނެ ކަމަށްވެސް އެ ބޭފުޅުން ލަފާކުރައްވައެވެ.
އަސްކަރީ ދާއިރާގެ މާހިރުން ފާހަގަކުރައްވާ ގޮތުގައި ސޮލިޑް-ފިއުލް މިސައިލްތަކަކީ ގިނަ ދުވަހު ރައްކާކޮށްފައި ބެހެއްޓޭ އަދި ލިކުއިޑް-ފިއުލް ނިޒާމުތަކަށްވުރެ މާ އަވަހަށް ހަމަލާއަށް ތައްޔާރުކޮށް ފޮނުވާލެވޭ ވަސީލަތެކެވެ. އެހެންކަމުން އަސްކަރިއްޔާތަކުގައި މި ބާވަތުގެ މިސައިލްތަކަށް އޮންނަ އިސްކަން ބޮޑެވެ.
ޗައިނާގެ ޓެކްނޮލޮޖީގެ އެހީގައި މި ކޮމްޕްލެކްސް ބިނާކުރަމުންދާ ކަމަށް ބެލެވޭއިރު، މީގެ ކުރިން 1987 ވަނަ އަހަރު ވެސް ސައުދީން ވަނީ ޗައިނާގެ ޑީއެފް-3 މަރުކާގެ ބެލިސްޓިކް މިސައިލް ސިއްރިޔާތުގައި ހޯދާފައެވެ. މި ވަސީލަތްތައް ތަރައްޤީކުރުމަކީ އީރާނުގެ ނުރައްކާތަކުން ދިފާޢުވުމަށާއި އަސްކަރީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް ސައުދީއަށް ލިބޭނެ ވަރުގަދަ ބާރަކަށް ވީނަމަވެސް، މީގެ ސަބަބުން ސަރަހައްދީ މިސައިލް ވާދަވެރިކަމެއް އުފެދިދާނެ ކަމަށް ތަޖުރިބާކާރުން އިންޒާރުދެއެވެ.
މީގެއިތުރުން، ދުރުރާސްތާ މިސައިލް އުފެއްދުމުގެ މި ޤާބިލުކަމާއެކު އެމެރިކާގެ ކޮންގްރެސްގެ ބައެއް މެންބަރުންގެ ފާޑުކިޔުންތައް ސައުދީއަށް އަމާޒުވުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް، އެމެރިކާއާއި ސައުދީއާ ދެމެދު އެކުލަވާލުމަށް މަޝްވަރާކުރެވެމުންދާ މަދަނީ ނިއުކްލިއަރ އެއްބަސްވުމަށް މިކަމުގެ ސަބަބުން އިތުރު ހުރަސްތަކެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.
މި ރިޕޯޓްތަކާ ގުޅިގެން ސައުދީ އަރަބިއްޔާއިންނާއި ޗައިނާ ސަރުކާރުން މިހާތަނަށް ރަސްމީ އެއްވެސް ބަހެއް ބުނެފައެއް ނުވެއެވެ.
ބާރުގަދަ މިސައިލް އުފެއްދުމަށް ސައުދީގެ ކާރުޚާނާއެއް ބޮޑުކުރަނީ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed