އަރުމީނިއާގެ ޝިރަކް އަވިއާއިން އެ ޤައުމުގެ ވެރިރަށާއި މާލެއާ ދެމެދު ދަތުރުތައް ފެށުމަށް ތައްޔާރުވެއްޖެއެވެ. މި ދަތުރުތައް ކުރާނީ ހަފްތާއަކު އެއް ދުވަހުއެވެ.

އާރްމީނިއާގެ އެއާލައިނެއް ކަމަށްވާ ޝިރަކް އަވިއާއިން ރާއްޖެއަށް ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ މިއަންނަ ނޮވެންބަރު މަހުގެ 14 އިން އަންނަ އަހަރުގެ މާރިޗު މަހުގެ ނިޔަލަށެވެ. މި ދަތުރުތައް ކުރާނީ ހަފުތާއަކު އެއް ފަހަރެވެ.

މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ އަރުމީނީއާގެ ވެރިރަށް ޔެރެވާން އިން ފުރައިގެން އުމާނުގެ މުސްކަޓުގައި ޓެކްނިކަލް ސްޓޮޕެއް ކުރުމަށް ފަހުއެވެ. އޭގެ ފަހުން ސީދާ މާލެއަށް އަންނާނެއެވެ. މި ދަތުރުތައް ކުރާނީ ކޮންމެ ހަފުތާއެއްގެވެސް ހޮނިހިރު ދުވަހުއެވެ.

އަރްމީނިއާގެ ޝިރަކް އަވިއާގެ ދަތުރުތަކަކީ ފިނި މޫސުމާއި ދިމާކޮށް އިތުރު މަންޒިލްތަކަށް އެއެއާލައިނުން ކުރާ ދަތުރުތަކުގެ ތެރޭގައި ހިމެނޭ ދަތުރުތަކެކެވެ. މި ދަތުރުތަކުގައި އެއާލައިނުން ބޭނުންކުރާނީ ބޮއިން 800-737 މަރުކާގެ ބޯޓެކެވެ.

މިފަހަރުގެ ފިނި މޫސުމާއި ދިމާކޮށް ރާއްޖެއަށް ގިނަ އެއާލައިންތަކެއް ދަތުރުކުރުމަށް ހަމަޖެހިފައިވާ ވުމާއެކު، ބައެއް އެއާލައިންތަކަށް ޚިދުމަތް ދިނުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް 2 (ކުރީގެ އިންޓަރނޭޝަނަލް ޓާމިނަލް) ބޭނުންކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން 10 އެއާލައިނެއް ދަތުރުތައް ފިނި މޫސުމާއި ދިމާކޮށް ޓާމިނަލް 2 އަށް ބަދަލު ކުރާނެވެ.

އެމްއޭސީއެލްއިން ވިދާޅުވީ، މި އިންތިޒާމުގެ ސަބަބުން ފަތުރުވެރިން ރާއްޖެ އައުން އެންމެ ބާރުބޮޑުވާ ދުވަސްވަރު ވީއައިއޭގެ 2 ޓާމިނަލުންވެސް ބައިނަލްއަޤްވާމީ ދަތުރުތަކަށް ޚިދުމަތް ފޯރުކޮށްދެވި، ޖާގައިގެ ތަނަވަސްކަމާއި އިތުރު ޗެކްއިން ކައުންޓަރުތަކާއެކު ޚިދުމަތް ހޯދުމަށް ލުއިފަސޭހަ މާހައުލެއް ޤާއިމްކުރެވޭނެ ކަމަށެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރާއި ޓޫރިޒަމް ސިނާޢަތް ފުޅާވަމުން އަންނައިރު، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ދަތުރުވެރިންނަށްވެސް އަމާން އަދި ހިތްފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެކުންފުނި ދެމިއޮންނާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވިއެވެ.