ރައީސުލްޖުމްހޫރިއްޔާ 3 ދުވަހުގެ މުއްދަކަށް ޕާކިސްތާނަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ އެ ޤައުމުގެ ބޮޑުވަޒީރު ޝެހެބާޒް ޝަރީފްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

ރައީސް މުޢިއްޒުގެ މި ދަތުރުފުޅާއެކު، ދެ ޤައުމުގެ ގުޅުމަށް އައު ދިރުމެއް ލިބިފައިވާއިރު، ދެ ޤައުމުގެ ތަރައްޤީއާއި އިޤްތިޞާދަށް އިތުރު ފުރުސަތުތަކެއް ވަނީ ހުޅުވިގެން ގޮސްފައެވެ. މި ދަތުރުފުޅުގެ ތެރެއިން، ދެ ޤައުމުގެ މުސްތަޤުބަލުގެ ކުރިއެރުމަށް އެކި ދާއިރާތަކުން މުހިންމު ނިންމުންތަކެއް ނިންމާ، 20 އެއްބަސްވުމެއް ވަނީ ބަދަލުކޮށްފައެވެ.

ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ބަދަހި ޚާރިޖީ ގުޅުމަށް އިތުރު ކުރިއެރުންތަކެއް
ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ބަދަހި ޚާރިޖީ ގުޅުމަށް އިތުރު ކުރިއެރުންތަކެއް

ވިޔަފާރީގެ އުއްމީދީ ތަސައްވުރު

މި ދަތުރުފުޅުގެ މައިގަނޑު އުސްއައްޔަކީ އިޤްތިޞާދީ އެއްބާރުލުން ފުޅާކުރުމަށް ދެ ޤައުމުން ނިންމެވި މުހިންމު ނިންމެވުމެވެ. ދެ ޤައުމުގެ މެދުގައި ކުރެވޭ ވިޔަފާރި ބޮޑުތަނުން އިތުރުކުރުމަށް ދެ ޤައުމުގެ ލީޑަރުން ވަނީ އެއްބަސްވެވަޑައިގެންނެވުމަކީ މިހާރު މައިގަނޑު ގޮތެއްގައި ޚާރިޖީ ގުޅުމުގެ މައްޗަށް ބިނާވެފައި އޮތް ގުޅުން، އިޤްތިޞާދީ ގޮތުން ކުރިއެރުވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. މީގެ ސަބަބުން ދެ ޤައުމުގެ ވިޔަފާރިވެރިންނަށް އައު މާކެޓުތައް ހޯދުމަށާއި، ވިޔަފާރީގެ ބައިވެރިން އިތުރުކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި، ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުއާމަލާތްތަކުގެ އަދަދު 200 މިލިޔަން ޑޮލަރަށް އިތުރުކުރެއްވުމުގެ އަމާޒާއެކު، ދެ ޤައުމުން ދަނީ ނަތީޖާ ޙާސިލްވާނެ މަސައްކަތްތަކެއް ކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވަމުންނެވެ. އެގޮތުން ދާދިއަވަހަށް ޕާކިސްތާނުގެ ވަފުދެއް ރާއްޖެއަށް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ބަދަހި ޚާރިޖީ ގުޅުމަށް އިތުރު ކުރިއެރުންތަކެއް
ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ބަދަހި ޚާރިޖީ ގުޅުމަށް އިތުރު ކުރިއެރުންތަކެއް
ދިވެހިރާއްޖެއާއި ޕާކިސްތާނާއި ދެމެދު ބޭއްވެވި ރަސްމީ މަޝްވަރާތައް / ފޮޓޯ: ރައީސް އޮފީސް

ސީދާ ދަތުރުތަކާއެކު ވައިގެމަގުން ގުޅާލުން

ދެ ޤައުމުގެ މެދުގައި ސީދާ ދަތުރުތައް ފެށުމަށް ނިންމެވުން ވެގެންދާނީ، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރިއާއި އެހެނިހެން ގުޅުންތައް ޤާއިމްކުރުމަށް އެޅޭ މުހިންމު ބިންގަލަކަށެވެ.

ދެ ޤައުމުގެ އިސްވެރިންގެ އިރުޝާދާއެކު ޤައުމީ އެއާލައިން މެދުވެރިކޮށް ވައިގެމަގުން ސީދާ ދަތުރުތައް ފެށުމާއި، ކަނޑުގެ މަގުން މުދާ އުފުލުމުގެ ނިޒާމެއް ބޭއްވުމަށް މަސައްކަތް ފެށުމަށް ނިންމެވުމަކީ މި މަގުން އެޅި މުހިންމު ފިޔަވަޅެކެވެ.

މިފަދަ ގުޅުންތަކުގެ ސަބަބުން ދަރިވަރުންނާއި، ފަތުރުވެރިންނާއި، ވިޔަފާރިވެރިންނަށް ފަހި ފުރުސަތުތަކެއް ލިބޭނެކަމަށް ބެލެވެއެވެ. ފަތުރުވެރިކަމަކީ މީގެ ތެރެއިންވެސް އުންމީދީ ދާއިރާއެކެވެ. ރާއްޖެއަކީ ދުނިޔޭގެ ފެންވަރުގެ މަތީ ފަންތީގެ މަންޒިލަކަށް ވުމާއި، މުސްލިމުންނަށް ފަސޭހަ ފަތުރުވެރިކަމުގެ ފުރުސަތުތަކާއި، ދެ ގައުމުގެ މެދުގައި ހުރި ސަގާފީ އެއްގޮތްކަމަކީ ފަތުރުވެރިކަން ކުރިއެރުވުމަށް އޮތް ބިންގަލެކެވެ.

ދަތުރުފަތުރުގެ ނިޒާމު ރަނގަޅުވުމުން، މިހާރު އޮތް އެކުވެރިކަން އަމަލީ ގޮތުން ފެންނަ، ހަރަކާތްތެރި ގުޅުމަކަށް ބަދަލުވެ، ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެއެވެ.

ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ބަދަހި ޚާރިޖީ ގުޅުމަށް އިތުރު ކުރިއެރުންތަކެއް
ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ބަދަހި ޚާރިޖީ ގުޅުމަށް އިތުރު ކުރިއެރުންތަކެއް

އަންނަން އޮތް ޖީލުތަކަށް މަންފާ

ދިވެހިރާއްޖެއާއި ޕާކިސްތާނާ ދެމެދު ދަތުރުފަތުރާއި ތަޢުލީމާއި ސިއްޙީ އަދި ދިފާޢީ ދާއިރާ ހިމެނޭހެން 20 އެއްބަސްވުމެއް ބަދަލުކުރުން / ފޮޓޯ: ރައީސް އޮފީސް

މި ދަތުރުފުޅުގެ އެންމެ މުހިންމު އެއް ބަޔަކީ ތައުލީމާއި، ސިއްހީ ދާއިރާއާއި، ޒުވާނުން ކުރިއެރުވުމަށް ދީފައިވާ އަހަންމިއްޔަތެވެ. މިއީ ހަމައެކަނި ހާރިޖީ ގުޅުމުގެ ބޭރުފުށަށްވުރެ ބޮޑަށް، ދުރު މުސްތަގުބަލުގައި އޭގެ ފައިދާ ކުރާނެ ދާއިރާތަކެވެ.

ޕާކިސްތާނުން ވަނީ ދިވެހި ދަރިވަރުންނަށް ކޮންމެ އަހަރަކު ފުރަތަމަ ޑިގްރީގެ 20 އިތުރު ސްކޮލަޝިޕް ދިނުމަށް ނިންމާފައެވެ. މީގެ އިތުރުން ސިއްހީ ދާއިރާއާއި، ފަންނީ ތަމްރީނާއި، މީހުން ބިނާކުރުމުގެ ދާއިރާއިން އެއްބާރުލުން ދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި ޒުވާނުންގެ މެދުގައި ބަދަލުކުރެވޭ ޕްރޮގްރާމްތައް ވަރުގަދަކުރުމަށާއި، ހުނަރު ތަރައްގީކުރުމާއި، އާޓިފިޝަލް އިންޓެލިޖެންސް އަދި ޑިޖިޓަލައިޒޭޝަންގެ ދާއިރާއިން ފުރުސަތުތައް ހޯދުމަށްވެސް ދެ ގައުމުން ވަނީ އެއްބަސްވެފައެވެ.

ދިވެހި ޒުވާނުންނަށް މި ފުރުސަތުތަކުގެ ސަބަބުން މަތީ ތައުލީމާއި ހާއްސަ ތަމްރީނުތައް ހޯދުމަށް މަގުފަހިވެ، ގައުމުގެ އިގްތިސާދަށް ބޭނުންވާ ހުނަރުތައް އުނގެނުމަށް އެހީތެރިވެދޭނެއެވެ. އަދި ތައުލީމީ ދާއިރާގެ މި އެއްބާރުލުމުގެ ސަބަބުން ޔުނިވާސިޓީތަކާއި ދިރާސާކުރާ ފަރާތްތަކުގެ މެދުގައި އޮންނަ ގުޅުންވެސް ބަދަހިވާނެއެވެ.

ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ބަދަހި ޚާރިޖީ ގުޅުމަށް އިތުރު ކުރިއެރުންތަކެއް
ރައީސްގެ ޕާކިސްތާނު ދަތުރުފުޅު: ބަދަހި ޚާރިޖީ ގުޅުމަށް އިތުރު ކުރިއެރުންތަކެއް

ދެމެހެއްޓެނިވި މުސްތަގުބަލަކަށް ތިމާވެށީގެ އެއްބާރުލުން

މޯލްޑިވްސް ޕާކިސްތާން ބިޒްނަސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒާއި ޕާކިސްތާނުގެ ބޮޑުވަޒީރު މުޙައްމަދު ޝެހްބާޒު ޝަރީފް / ފޮޓޯ: ރައީސް އޮފީސް

ދިވެހިރާއްޖެއަށް ބަލާއިރު، ތިމާވެށި ހިމާޔަތްކުރުމާއި މޫސުމީ ބަދަލުތަކަށް ކެތްތެރިވުމަކީ ޤައުމީ ސަލާމަތާއި، އިޤްތިޞާދީ ހަމަޖެހުމާއި، ރަށްތަކުގެ މުސްތަޤުބަލާ ސީދާ ގުޅިފައިވާ ކަމެކެވެ. މި ދަތުރުފުޅުގެ ސަބަބުން މި ދާއިރާތަކުން ބައިނަލްއަގުވާމީ އެއްބާރުލުން ހޯދުމަށް އިތުރު ފުރުސަތެއް ލިބިގެންދިޔައެވެ.

ރައީސް މުޢިއްޒުގެ 5 މިލިޔަން ގަސް އިންދުމުގެ މަޝްރޫއަށް އެހީތެރިވުމުގެ ގޮތުން، ޕާކިސްތާނުން ވަނީ 100،000 އޮލިވް ގަހާއި، ތަފާތު ބާވަތްތަކުގެ 100،000 އޮށް ދިނުމަށް ވައުދުވެފައެވެ. އަދި ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި އެއް މިލިޔަން ގަސް އުފެއްދުމަށް ބޭނުންވާ ނާސަރީތައް ތަރައްޤީކުރުމުގައި ޕާކިސްތާނުގެ މާހިރުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ. ހަމައެހެންމެ ތިމާވެށި ހިމާޔަތްކުރުމުގެ މަސައްކަތް ގުޅިގެން ކުރުމަށް އިތުރު ބާރެއް ވަނީ ލިބިފައެވެ.

11 އަހަރަށްފަހު ރާއްޖޭގެ ރައީސަކު ޕާކިސްތާނަށް ކުރެއްވި މި ތާރީޚީ ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ބަދަހި ޚާރިޖީ ގުޅުން އިތުރަށް ތަރައްޤީވަމުންދާކަމުގެ ހެއްކެކެވެ. މީގެ ސަބަބުން ވިޔަފާރިތަކަށް އައު ދޮރުތަކެއް ހުޅުވި، ޒުވާނުން ބާރުވެރިވެ، މުއައްސަސާތައް ވަރުގަދަވެ، ދެ ޤައުމުގެ ގާތްކަން އިތުރަށް ބަދަހިވެގެންދާނެއެވެ.

ރާއްޖެއާ ޕާކިސްތާނުގެ ގުޅުމުގެ އެންމެ ބޮޑު ބާރަކީ ދެ ޤައުމުގެ ރައްޔިތުންނަށް އަމަލީ ގޮތުން ފައިދާކުރަނިވި ނަތީޖާތަކެއް ނެރެދިނުމަށް ކުރާ އުއްމީދެވެ. ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމުގެ މި ގުޅުން އިތުރު ހަރުފަރަކަށް ގެންދިއުމަށް މިއީ މުހިންމު ދަތުރުފުޅެކެވެ. އުނގެނުމާއި، އަދި ދެމެހެއްޓެނިވި ތަރައްޤީ ހޯދުމަށް މަގުފަހިކޮށްދޭނެ މުހިންމު ބާރަކަށްވުމުގެ ފުރުސަތު މި ދަތުފުޅުގެ ސަބަބުން ވަނީ ފުޅާކޮށްދީފައެވެ.