ގައުމީ ވޮލީބޯޅަ ލީގުގެ އަންހެން ޑިވިޝަނުގައި ޕޮލިސް ކުލަބް އެމްޓީސީސީއާ ޕޮލިސް ކުލަބުން ކުޅުނު ފުރަތަމަ މެޗުތައް ކާމިޔާބުކޮށް ފެށުން ރަނގަޅުކޮށްފިއެވެ.
މި ފަހަރުގެ ލީގުގައި އަންހެން ޑިވިޝަނުގައި ފަސް ކުލަބުން ވާދަކުރާނެއެވެ. އެއީ ޕޮލިހާއި އެމްޓީސީސީގެ އިތުރުން ހުރާ ކޮމިއުނިޓީ ކުލަބް، ކުލަބް ވެމްކޯގެ އިތުރުން ސިޓީ ފްރެންޑްސް ކުލަބެވެ. މީގެ ތެރެއިން އެމްޓީސީސީއާ ސިޓީ ފްރެންޑްސް ކުލަބަކީ މި މުބާރާތުގައި މުޅިން އަލަށް ވާދަކުރާ ދެ ކުލަބެވެ.
ހޮނިހިރު ދުވަހު ހަވީރު އެމްޓީސީސީން ނުކުތީ ސިޓީ ފްރެންޑްސް ކުލަބާ ދެކޮޅަށެވެ. މި މެޗު އެމްޓީސީސީން ކާމިޔާބުކުރީ 3-1 ސެޓުންނެވެ.
މި މެޗުގެ ފުރަތަމަ ސެޓުގައި ސިޓީގެ ފަރާތުން ފެނިގެންދިޔައީ އާދައިގެ ކުޅުމެކެވެ. އޭގެ ފައިދާ ނަގައި މި ސެޓު އެމްޓީސީސީން ގެންދިޔައީ ފަސޭހަކަމާއެކު 25-11 އިންނެވެ. އެކަމަކު ދެވަނަ ސެޓުގައި ސިޓީން ކުޅުން ރަނގަޅުކޮށް އެމްޓީސީސީގެ މައްޗަށް 25-21 އިން ވަނީ ކުރިހޯދައިފައެވެ.
މެޗުގެ އެންމެ ފޯރިގަދަކޮށް ދިޔައީ ތިންވަނަ ސެޓެވެ. މި ސެޓު އެމްޓީސީސީން ގެންދިޔައީ 26-24 އިންނެވެ. އަދި ޖެހިގެން އައި ހަތަރުވަނަ ސެޓުގައި ސިޓީ އާދައިގެކޮށް ފެނިގެންދިޔައިރު، މި ސެޓު އެމްޓީސީސީން ކާމިޔާބުކުރީ 25-12 އިންނެވެ.
މީގެ އިތުރުން ހޮނިހިރު ދުވަހުގެރޭ ހުރާ ކޮމިއުނިޓީ ކުލަބްގެ މައްޗަށް ޕޮލިހުން ކުރިހޯދީ ސީދާ ތިން ސެޓުންނެވެ.
ހުރާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ޕޮލިހުން ގެންދިޔައީ، 25-23، 25-18 އަދި 25-22 އިންނެވެ.
މި މުބާރާތުގެ އަންހެން ޑިވިޝަނުގެ މެޗެއް ދެން ކުލޭނީ މި މަހުގެ 20 ވަނަ ދުވަހުއެވެ. އެ ދުވަހު ވެމްކޯއިން ނުކުންނާނީ ސިޓީއާ ދެކޮޅަށެވެ. އަދި ދެވަނަ މެޗުގައި ޕޮލިހުން ނުކުންނާނީ އެމްޓީސީސީއާ ދެކޮަޅަށެވެ.
އެމްޓީސީސީއާ ޕޮލިސް ކުލަބުން ފެށުން ރަނގަޅުކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed