ޕެންޝަން އޮފީހުން ހަނިމާދޫ ސްކޫލުގެ ދަރިވަރުންނަށް ޚާއްޞަ ކޮށްގެން މާލީ ހޭލުންތެރިކަމާއި، ކެރިއަރ ބައްޓަންކުރުމާއި ގުޅޭ މަޢުލޫމާތު ދިނުމުގެ ދެ ސެޝަނެއް ބާއްވައިފިއެވެ.
ޕެންޝަން އޮފީހުން ވިދާޅުވީ، މިއީ އެއޮފީހުގެ "ކެރިއަރ ކޮމްޕަސް" އަދި "ޑޯނަޓްސް އެންޑް ފައިނޭންސް" ޕްރޮގްރާމްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ސެޝަންތަކެއް ކަމަށެވެ. މި ސެޝަންތަކުގެ މައިގަނޑު އަމާޒަކީ ދަރިވަރުންގެ ޕްރޮފެޝަނަލް ހުނަރުތައް ތަރައްޤީކުރުމާއި، އަމިއްލަ މާލީ ކަންކަން ހަރުދަނާކޮށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމުގެ މުހިންމުކަމާއި ބޭނުންވާ ހުނަރުތައް އުނގަންނައިދިނުމެވެ.
We've just wrapped up our fourth Doughnuts and Finance session of the year! 🍩
Students of Hanimaadhoo School joined us for an interactive session on financial literacy, exploring practical ways to manage money, build healthy financial habits and prepare for the future, all topped off with some delicious doughnuts!
Read More: https://t.co/xWcaHmS0WB— Pension Office (@PensionOffice)October 14, 2026
ގްރޭޑް 11ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ "ކެރިއަރ ކޮމްޕަސް" ސެޝަނުގައި މުސްތަޤުބަލަށް ކެރިއަރ ރޭވުމާއި، ވާޒިފާއަށް ސީވީއެއް ތައްޔާރުކުރުމުގެ އިތުރުން އިންޓަވިއުތަކަށް ތައްޔާރުވާނެ ގޮތްތަކާ ގުޅޭގޮތުން ޢަމަލީ އިރުޝާދުތަކެއް ވަނީ ދީފައެވެ. އަދި ވަޒީފާގެ ފުރުޞަތުތައް ހޯދުމާއި، އިތުބާރާއެކު އިންޓަވިއުތަކާއި ކުރިމަތިލުމަށް ބޭނުންވާ ހުނަރުތަކުގެ އިތުރުން ޒުވާން އުމުރުގައި ރިޓަޔަރމަންޓަށް ފައިސާ ރައްކާކުރުމާއި، ދުޅަހެޔޮ މާލީ އާދަތައް އަށަގެންނެވުމުގެ މުހިންމުކަން ދަރިވަރުންނަށް ކިޔައިދީފައިވެއެވެ.
ޕެންޝަން އޮފީހުން ވިދާޅުވީ، "ޑޯނަޓްސް އެންޑް ފައިނޭންސް" ޕްރޮގްރާމުގެ ހަތަރުވަނަ ސެޝަންގައި ހަނިމާދޫ ސްކޫލުގެ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި ކަމަށެވެ. މި ސެޝަނުގައި މާލީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، ބަޖެޓު އެކުލަވައިލުމާއި، ފަހަށް ފައިސާ ރައްކާކުރުމުގެ އިތުރުން އިންވެސްޓް ކުރުމާއި، ޒިންމާދާރުކަމާއެކު ދަރަނި މެނޭޖުކުރުން ފަދަ މުހިންމު މާލީ އަސާސްތަކާއި ގުޅޭ މަޢުލޫމާތު ދީފައިވެއެވެ. އަދި ޒުވާން އުމުރުގައި މާލީ ކަންކަން ރަނގަޅަށް މެނޭޖުކުރުމުގެ މުހިންމުކަމާއި، ހަރުދަނާ މާލީ ނިންމުންތައް ނިންމުމަށް ދަރިވަރުންނަށް ކިޔައިދީފައިވެއެވެ.
ޕެންޝަން އޮފީހުން ވިދާޅުވީ، މި ޕްރޮގްރާމުތައް ހިމެނެނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ޒުވާނުންނަށް ޢަމާޒުކޮށްގެން ޕްރޮފެޝަނަލް ހުނަރުތައް ކުރިއެރުވުމަށާއި، މާލީ ހޭލުންތެރިކަން އިތުރުކުރުމަށް ޕެންޝަން އޮފީހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށެވެ. އަދި މީގެކުރިންވެސް މިފަދަ ޕްރޮގްރާމުތައް ކުރިއަށް ގެންގޮސްފައިވާއިރު، ކުރިއަށް އޮތްތަނުގައިވެސް މިފަދަ ތަފާތު އެކި ޕްރޮގްރާމުތައް ކުރިއަށް ގެންދިއުމަށް ރާވާފައިވާ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.