އަންނަ އަހަރުން ފެށިގެން ޙައްޖަށް ދާ މީހުންގެ މެޑިކަލް ޗެކަޕް ހިލޭ ފޯރުކޮށްދިނުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް، ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ފިރުޒުލް ވިދާޅުވީ ޙައްޖަށް ދިއުމުގެ ކުރިން ކޮންމެ ފަރާތަކުންވެސް އެ ފަރާތެއްގެ ހުރި ޞިއްޙީ މައްސަލަތައް ދެނެގަނެ، ދުރާލާ އެކަަމަށް ތައްޔާރުވުން ވަރަށް މުހިންމުކަމަށެވެ.

ހުރިހާ ޙައްޖުވެރިންވެސް މެޑިކަލް ޗެކަޕް ހެދުމަކީ ލާޒިމްކަމަކަށްވާއިރު އެ އިންތިޒާމުތައް ހިލޭ ފޯރުކޮށްދިނުމަށް ކުރަން ޖެހޭ މަސައްކަތްތައް ޙައްޖު ކޯޕަރޭޝަަނާއި، ސިއްޙީ ވުޒާރާއާއި އާސަންދައިން ކުރައްވަމުންދާކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

ފިރުޒުލް ވިދާޅުވީ، މިހާރަށްވުރެ ހަރުދަނާ ނިޒާމެއްގެ ތެރެއިން އެ މަސައްކަތްތައް ބައްޓަންކުރައްވާނެކަމަށެވެ. ޙައްޖަށް ދާ މީހުންގެ ހާލަތު ރަނގަޅަށް އެނގުމަކީ، އިދާރީ އިންތިޒާމުތަކަށް ދުރާލާ ތައްޔާރުވުމަށާއި، ދިމާވެދާނެ ޞިއްޙީ ހާލަތަކަށް ތައްޔާރުވުމަށް މުހިންމުކަމެއްކަން ފިރުޒުލް ފާހަގަކުރެއްވިއެވެ.

"އަންނަ އަހަރުން ފެށިގެން އަމިއްލަ ޖީބުން ޚަރަދުކުރަން ޖެހިވަޑައިނުގެން އެހެންނަމަވެސް ހަރުދަނާ ނިޒާމެއްގެ ތެރެއިން މެޑިކަލް ޗެކަޕްގެ ފުރުސަތު ލިބިގެންދާނެ." ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވިއެވެ.

އަންނަ އަހަރުން ފެށިގެން ޙައްޖުވެރިންގެ މެޑިކަލް ޗެކަޕް ހިލޭ
އަންނަ އަހަރުން ފެށިގެން ޙައްޖުވެރިންގެ މެޑިކަލް ޗެކަޕް ހިލޭ

ޙައްޖު ކޯޕަރޭޝަންގެ ހަވާލުގައި ޢުމްރާއަށްދާ މީހުންނަށް އެ މީހަކާ އެންމެ ކައިރި ޞިއްޙީ މަރުކަޒަކުން އިތުރު އަގަކާ ނުލައި، ވެކްސިން ޖެހޭނެ އިންތިޒާމުވެސް އެ ކޯޕަރޭޝަނުން ވަނީ ހަމަޖައްސާފައެވެ.

އެއްވެސް އަގަކާ ނުލައި ވެކްސިން ޖެހުމުގެ އިންތިޒާމު މީގެކުރިން ހަމަޖެހިފައި އޮތީ މާލެ ސިޓީގައި އެކަންޏެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޙައްޖުވެރިންނަށް ދެއްވި ޔަޤީންކަމާ އެއްގޮތަށް، ޙައްޖު ކޯޕަރޭޝަނުން މިހާރު މިވަނީ އަންނަ ނޮވެންބަރު ޢުމްރާއިން ފެށިގެން، މާލެ ސިޓީގެ އިތުރުން އަތޮޅުތަކުގެ ރަށްރަށުންވެސް، އިތުރު އަގަކާނުލައި ވެކްސިން ޖެހޭނެ އިންތިޒާމް ފަހިކޮށްދީފައެވެ.

މިއީ ޢުމްރާވެރިންނާއި ޙައްޖުވެރިންނަށް ލުއިފަސޭހަ ކޮށްދިނުމުގެ ގޮތުން އެޅި މުހިއްމު ފިޔަވަޅެއްކަމަށް ޙައްޖު ކޯޕަރޭޝަނުން ވިދާޅުވިއެވެ.