ބެލްޖިއަމްގެ ކެޕްޓަން ކެވިން ޑި ބްރޭނާގެ ދެ ގޯލާ އެކު އިޓާލިއަން ސެރީ އޭ ގައި ނަޕޯލީން ރޮސިނޯނި ބަލިކޮށްފިއެވެ. މެޗު ނަޕޯލީން ކާމިޔާބުކުރީ 3-0 ނެވެ.

މެޗުގައި ނަޕޯލީގެ ފުރަތަމަ ލަނޑާއި ތިންވަނަ ލަނޑު ޖެހީ މިސީޒަންގައި ނަޕޯލީއާ ގުޅުނު މެންޗެސްޓަރ ސިޓީގެ ކުރީގެ މިޑްފީލްޑަރ ކެވިން ޑި ބްރޭނާއެވެ. ޑި ބްރޭނާ ފުރަތަމަ ލަނޑު ޖެހީ 29 ވަނަ މިނިޓްގައި ޕެނަލްޓީ އަކުންނެވެ. ދެވަނަ ގޯލު ޖެހީ މެޗުގެ އިތުރު ވަގުތުގައެވެ. ނަޕޯލީގެ ދެވަނަ ލަނޑު ޖެހީ ލަންގް އެވެ.

ޑި ބްރޭނާ ޕެނަލްޓީ ޖެހީ ފުރަތަމަ ރަސްމުސް ހޮއިލުންޑް ޖެހި ޕެނަލްޓީ ކީޕަރު މަތަކުރި ނަމަވެސް, ޕެނަލްޓީ ޖެހުމުގެ ކުރިން ގޯލް ލައިނަށްވުރެ ކުރިއަށް ޖެހި ހުރުމުން ދެވަނަ ފަހަރަށް ޕެނަލްޓީ ޖެހުމުގެ ފުރުޞަތު ރެފްރީ ދިނުމުންނެވެ. އޭގެ ތިން މިނިޓް ފަހުން ނޯ ލަންގް ނަޕޯލީއަށް ދެވަނަ ލަނޑު ޖަހައިދިނެވެ.

މެޗުގެ ދެވަނަ ހާފްގައި ސްކޮޓް މެކްޓޮމިނޭ ކުޅުމުގެ ތެރެއަށް އެނބުރި އައުމަކީ މޮޅުގެ އިތުރުން ނަޕޯލީއަށް ލިބުނު ހިތްހަމަ ޖެހުމެކެވެ. ހިތުގެ މައްސަލައެއް ކުރިމަތިވި ކުޅުންތެރިޔާ އެނބުރި ކުޅުމުގެ ތެރެއަށް އައިސް, މެޗަށް ނިކުތީ 61 ވަނަ މިނިޓްގައެވެ.

ނަޕޯލީން މިމެޗުގެ ކުރިން ކުޅުނު ފަސް މެޗުގެ ތެރެއިން ދެ މެޗުން ބަލިވެ, އެއް މެޗު އެއްވަރުވި އެވެ. އެހެންކަމުން މިއީ އަލުން ރަނގަޅު ފޯމަކަށް ދިއުމަށް ނަޕޯލީއަށް މުހިއްމު މޮޅެކެވެ. ނަޕޯލީ އޮތީ 10 ޕޮއިންޓާއެކު 6 ވަނައިގައެވެ.

ލީގު ތާވަލުގެ އެއްވަނައިގައި އޮތީ 3-0 ން ޕާމާ ބަލިކުރި އިންޓަރ މިލާނެވެ. މިލާނުގެ ލަނޑުތައް ޖެހީ ސުކިޗް އާއި ހަކަން ޗަލްހަންގްލޫ އާއި ތުރާމް އެވެ. އިންޓަރ މިލާން އެއްވަނައިގައި އޮތީ 6 މެޗުން 16 ޕޮއިންޓާ އެކުއެވެ.