މެލޭޝިއާގައި ހިނގި އެކްސިޑެންޓްގައި ނިޔާވި ދިވެހި ދަރިވަރުގެ އާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަޢުޒިޔާ ފޮނުވައިފިއެވެ.
ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި، އުމުރުން 22 އަހަރުގެ ދިވެހި ޒުވާނެއް ކަމަށްވާ، އާމިނާ އިމީލީ ނާޒިމްގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާކަމަށެވެ.
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ،
މެލޭޝިޔާގެ ކުއާލަ ލަމްޕޫރުގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ނިޔާވި، އުމުރުން 22 އަހަރުގެ ދިވެހިޒުވާނެއް ކަމަށްވާ، އާމިނާ އިމީލީ ނާޒިމްގެ ޢާއިލާއަށްތަޢުޒިޔާ ދަންނަވަން.
މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ އިމީލީ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށި! އާމީން.— Dr Mohamed Muizzu (@MMuizzu)October 5, 2026
މާތްﷲގެ ތަނަވަސް ރަޙްމަތުގައި މަރްޙޫމާ އިމީލީ ލަހައްޓަވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރެއްވުން އެދި ރައީސް ވަނީ ދުއާކުރައްވާފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓުވީ މެލޭޝިއާގައި "ގްރެބް" ޓެކްސީގައި ދިޔަ ދިވެހި 2 އަންހެން ދަރިވަރުންނެވެ. ނިޔާވި އަންހެން ދަރިވަރުގެ ބޮލަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެއެވެ. އެކްސިޑެންޓުވި ކާރުގައި އިން ދެވަނަ މީހާގެ ހާލު ސީރިއަސް ނޫންކަމަށް މަޢުލޫމާތު ލިބެއެވެ.