ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެއްބާރުލުން ދިނުމުގައި ސަރުކާރުން އަބަދުވެސް ދެމިއޮންނާނެ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ގައުމީ ފަތުރުވެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ފަތުރުވެރިކަމާބެހޭ ވަޒީރު މުޙައްމަދު އަމީން ވަނީ ދުވަހުގެ ތަހުނިޔާ އަރިސްކުރައްވާފައެެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ދިވެހިރާއްޖެއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެއްވަނަ މަންޒިލްގެ ގޮތުގައި ދެމިއޮތުމަށްޓަކައި ކެނޑިނޭޅި މަސައްކަތްކޮށްދެއްވާ ހުރިހާ ފަރާތްތަކުގެ ޚިދުމަތް ފާހަގަކުރައްވާ ކަމަށެވެ. އަދި ދިވެއްސެއްގެ ހައިސިއްޔަތުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތާމެދު ފަޚުރުވެރިވާ ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މި ދާއިރާއަކީ ދުނިޔެއާ ރާއްޖެ ގުޅުވައިދީ، އިގުތިޞާދުގެ މައި ތަނބު ކަމަށާއި، މިއީ ދިވެހި ރައްޔިތުންނަށް ގިނަގުނަ އަގުހުރި ފުރުޞަތުތަކެއް ފަހިކޮށްދޭ ދާއިރާއެއް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް އެއްބާރުލުން ދިނުމުގައި ސަރުކާރު ދެމިއޮންނާނެ ކަމުގެ ޔަޤީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.
On National Tourism Day, I extend my warmest wishes to all our industry partners and every individual whose dedication has helped make the Maldives the world’s number one destination.
As Maldivians, we take immense pride in our tourism industry. It connects us to the world,…pic.twitter.com/gno5ztvFxc— Mohamed Ameen (@ameen3d)October 3, 2026
ކޮންމެ އަހަރެއްގެވެސް އޮކްޓޫބަރު މަހުގެ 3ވަނަ ދުވަހަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ސަރުކާރުން ނިންމެވީ 2021 ވަނަ އަހަރުއެވެ. އެދުވަސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައިި ފާހަގަކުރެއްވުމަށް ނިންމެވީ އެއީ ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓު ހުޅުނުވުނު ދުވަސްކަމަށްވާތީއެވެ.
ރާއްޖޭގެ އެންމެ ފުރަތަމަ ރިސޯޓް ހުޅުވުނީ 1972 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހުއެވެ. އެއީ މާލެ އަތޮޅުގެ ވިހަމަނާފުށި ނުވަތަ މިހާރުގެ ނަމުންނަމަ ކުރުނބާ މޯލްޑިވްސްއެވެ. މިތަން ހަދާފައިވަނީ ވަރަށް އާދައިގެ ގޮތަކަށް އުވަޖަހައިގެންނެވެ. ކުރުނބާ މޯލްޑިވްސް ރިސޯޓަކީ 30 ކޮޓަރީގެ ރިސޯޓެކެވެ. އެއީ މުޅި ޖުމްލަ 60 އެނދެވެ.
އިޤްތިޞާދީ ގޮތުން ބަލާއިރު، ރާއްޖޭގެ ގައުމީ އުފެއްދުންތެރިކަމުގެ 28 އިންސައްތަ ހިއްސާ ކުރަނީ ފަތުރުވެރިކަމުންނެވެ. އަދި ރާއްޖެއަށް ލިބޭ ބޭރު ފައިސާގެ 60 އިންސައްތަ ލިބެނީވެސް ފަތުރުވެރިކަމުންނެވެ. 2022 ވަނަ އަހަރުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފަތުރުވެރިކަމުގެ ސިނާއަތުގައި ޖުމްލަ 55,874 މީހުން މަސައްކަތްކުރެއެވެ. މީގެ ތެރެއިން 41.4 އިންސައްތަ (23,146 މީހުން) އަކީ ދިވެހިންނެވެ. ވުމާއެކު، ފަތުރުވެރިކަމުގެ ސިނާއަތަކީ ރާއްޖޭގެ އިޤްތިޞާދާއި ވަޒީފާގެ ފުރުސަތުތަކަށް އިތުރު ފެހިކަމެއް ގެނެސްދިން ސިނާއަތެކެވެ.