ސަރުކާރުން ކުރިއަށް ގެންދާ ފަސް މިލިޔަން ގަސް އިންދުމުުގެ ޕްރޮގްރާމަށް ހުޅުމާލޭގައި ތަރައްޤީކުރާ "ގްރީން ނާސަރީ" މިއަހަރުގެ ނިޔަލަށް ނިންމުމަށް މަސައްކަތްކުރަމުން އަންނަކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ފަސް މިލިޔަން ގަސް އިންދުމުގެ ޕްރޮގުރާމަކީ ރާއްޖެއިން ނެތެމުންދާ ގަސްތައް އަލުން އާލާކުރުމާއި ފެހިކަން އިތުރުކޮށް މާހައުލީ ނިޒާމު ދެމެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވާ ޕްރޮގުރާމެކެވެ.
މި ޕްރޮގްރާމުގެ ތެރެއިން މިއަހަރުވެސް 1 މިލިޔަން ގަސް އިންދުމަށް އަމާޒުހިފާފައިވާއިރު މިހާތަނަށް ޖުމްލަ 2.3 މިލިޔަނަށްވުރެ ގިނަ ގަސް އިންދާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
5 މިލިޔަން ގަސް ޕްރޮގްރާމުގެ ދަށުން ރާއްޖޭގައި އަޅާ އެންމެ ފަހުގެ މޮޑަރން ނާސަރީގެ ފަހުގެ މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން ވަޒީރު ވިދާޅުވީ، އެ މަޝްރޫޢުގެ މަސައްކަތް މިހާރުވެސް ނުހުއްޓި ކުރިއަށްދާކަމަށެވެ.
މިހާތަނަށް މަޝްރޫޢުގެ %30 މަސައްކަތް ނިމިފައިވާކަމަށާއި، އަމާޒަކީ މުޅި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ ނިއަލަށް ނިންމައި ބޭނުންކުރަން ފެށުންކަމަށް ވިދާޅުވިއެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށީ މިއަހަރުގެ ޖަނަވަރީމަހުގެތެރޭގައެވެ.
"ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ހުޅުމާލޭގައި ނާސަރީއެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްއެބަދޭ. ފައުންޑޭޝަންގެ މަސައްކަތް މިހާރު ނިމުމާއި ގާތްވެފައިވާއިރު ނާސަރީގެ %30 މަސައްކަތް މިހާރުވަނީ ނިމިފައި. މި ނާސަރީއަކީވެސް މުސްތަޤުބަލުގައި އެޗްޑީސީން މީގެ އޯނާޝިޕް ނަގައިގެން ކުރިއަށްގެންދާނެ މަޝްރޫޢެއް". ވަޒީރު ވިދާޅުވިއެވެ.
ތިމާވެއްޓާއި ބެހޭ ވުޒާރާއިން ވިދާޅުވީ މި ނާސަރީ އެޅުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ދެވަނަ ފިޔަވަހީގައިކަމަށާއި މިއީ 55،000 އަކަފޫޓަށް ވުރެއް ބޮޑު ތަނެއްކަމަށެވެ. އަދި މިނާސަރީގައި ލެބޯޓަރީއަކާއި ތަމްރީނުދޭ ކޮޓަރިތަކާއި އޮފީސް ބަޔަކާއި ގްރީން ހައުސްއެއް ހުންނާނެކަމަށް ވިދާޅުވިއެވެ.


5 މިލިޔަން ގަސް އިންދުމުގެ ޕްރޮގްރާމުގެ ދަށުން މޯލްޑިވިއަނުން ކުރިއަށްގެންދިޔަ ގަސް އިންދުމުގެ ޕްރޮގްރާމުގެ ތެރެއިން/ ފޮޓޯ ތިމާވެއްޓާއި ބެހޭ ވުޒާރާ
ސަރުކާރުން އަންނަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވެސް ނާސަރީތައް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންނެވެ. އެގޮތުން ރާއްޖޭގެ 20 ރަށެއްގައި ނާސަރީ ގާއިމުކުރުމަށް ސޮއިކޮށް، ފުރަތަމަ ބުރުގެ 10 ރަށުގެ ޢަމަލީ މަސައްކަތް ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
އެގޮތުން ރ.އިންނަމާދޫގައި ތަރައްޤީކުރާ ނާސަރީގެ ފައުންޑޭޝަންގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށާއި، ބާކީ 9 ރަށުގެ ބިން ސާފުކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ވިދާޅުވިއެވެ.
އަދި މި ނާސަރީއަކީ މުސްތަޤުބަލުގައި ސްކޫލު ކުދިން ގެނެސްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގޭނެ ގޮތަށް ޑިޒައިން ކުރެވޭ ތަނެއްކަމަށްވެސް ތިމާވެއްޓާއި ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.