ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައަށް، ރަޝިއާގެ ރައީސް ވްލަޑިމިޔަރ ޕުޓިން 47 ޤައުމަކުން ހަނގުރާމަވެރިން ހޯއްދަވަމުން ގެންދަވާ ކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ތުހުމަތުކުރައްވައިފިއެވެ. އެކުވެރި ދައުލަތްތަކުގެ (އދ) ޢާންމު މަޖިލީހުގައި ސެޕްޓެންބަރު 23 ގައި ތަޤުރީރުކުރައްވަމުން ޒެލެންސްކީ ވިދާޅުވީ، ރަޝިއާއަށް ހަނގުރާމަކޮށްދިން އުތުރު ކޮރެއާގެ ދެ ސިފައިން ހައްޔަރުކޮށް، ދެކުނު ކޮރެއާއާ ޙަވާލުކޮށްފައިވާނެ ކަމުގައެވެ. އަދި، މި ހަނގުރާމައިގައި ގާނާ، ނޭޕާލް އަދި އިންޑިއާގެ ރައްޔިތުން ވެސް ބައިވެރިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.
ޕުޓިން އަބަދު ވެސް މަސައްކަތްކުރައްވަނީ ޔޫކްރެއިންގެ އިތުރު ބިންތައް ހިފައި، ގިނަ ބަޔަކު މަރަން އެހީތެރިވާނެ ބަޔަކު ހޯދުމަށް ކަމުގައި ޒެލެންސްކީ ތުހުމަތު ކުރެއްވިއެވެ. މި ދަނޑިވަޅުގައި ޔޫކްރެއިނުން ދަނީ އެކުވެރި ޤައުމުތަކާއެކު ޑްރޯން ޓެކްނޮލޮޖީގެ ގުޅުން ފުޅާކުރަމުންނެވެ. މި ގޮތުން، ފިންލެންޑާއެކު ޑްރޯން އެއްބަސްވުމެއްގައި ސޮއިކުރައްވާފައިވާއިރު، އޮސްޓްރޭލިއާއެކު ސަލާމަތީ އެއްބަސްވުމެއް ހަދާފައިވާ ކަން ޒެލެންސްކީ ހާމަކުރެއްވިއެވެ. މީގެއިތުރުން، ކެނެޑާއާއެކު އެއްބަސްވުމެއް ހަދަން ތައްޔާރުވަމުންދާއިރު، ގަލްފާއި ދެކުނު ކޯކަސަސް އަދި ވިލާތުގެ ޤައުމުތަކާއެކު ވެސް އެއްބަސްވުންތަކެއް އެކުލަވައިލެވިފައިވާ ކަން ޒެލެންސްކީ ހާމަކުރެއްވިއެވެ.
ކުރިއަށް އޮތް ފިނި މޫސުމުގައި ޔޫކްރެއިންގެ ޢާންމު ހަކަތައިގެ ނިޒާމަށް ރަޝިއާއިން ދޭ ހަމަލާތަކަށް ރައްދުދޭނެ ކަމަށް ޒެލެންސްކީ އިންޒާރުދެއްވިއެވެ. މި ގޮތުން، ރަޝިއާގެ ހަކަތައިގެ މަރުކަޒުތަކަށް ޔޫކްރެއިނުން ހަމަލާދޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. މިއީ، ރަޝިއާއަށް ވެސް ދަތިކުރުމުގެ ގޮތުން ދޭނެ ހަމަލާތަކެއް ކަން އޭނާ ފާހަގަކުރެއްވިއެވެ. އޭނާ މި މޭރުމުން އިންޒާރު ދެއްވާފައި މި ވަނީ، ދެ ޤައުމުގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާތައް އަމާޒުކުރުން މެދުކަނޑައިލުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިޔޯ ބާރުއަޅުއްވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ.
ޔޫކްރެއިންގެ މަޤްޞަދަކީ ރަޝިއާގެ ތެލުގެ ސަޕްލައި ނައްތައިލުން ނޫން ކަމަށާއި، ހަނގުރާމައަށް ޚަރަދުކުރަން ހަކަތަ ވިއްކައިގެން ރަޝިއާއަށް ލިބޭ ޢާމްދަނީ ދަށްކުރުން ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ. ވިޔަފާރީގެ ތެރެއިން ރަޝިއާއަށް ފައިސާ ދިނުމަކީ ހަނގުރާމަ ދިގުދެމިގެންދާނެ ކަމެއް ކަމުގައި އޭނާ ފާހަގަކުރެއްވިއެވެ. އަދި، ރަޝިއާއާއެކު ކުރާ ވިޔަފާރި ހަނިކުރަންޖެހޭ ކަމަށާއި، ޕުޓިންއަށް ހަނގުރާމަ ކުރިއަށްގެންދަން ފުރުޞަތު ލިބޭ ވަރަކަށް ދުނިޔެއަށް ލިބޭ ގެއްލުން ބޮޑުވާނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
"ރަޝިއާއިން ދަނީ 47 ޤައުމެއްގެ ހަނގުރާމަވެރިން ބޭނުންކުރަމުން"
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed