ތިމާވެށި ރައްކާތެރިކުރުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްކޮށް، އާމްދަނީ ހޯދޭނެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރިއަށްގެންދަވާ، ވިލުންވެށި ޕްރޮގްރާމް ފުޅާކޮށް، ކުންފުނިތަކަށް ފުރުޞަތު ހުޅުވާލަން ނިންމާފައިވާކަމަށް، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ވިލުންވެށި ގްރާންޓް ޕްރޮގްރާމަކީ އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް އޭޑީބީގެ މާލީ އެހީތެރިކަމާއެކު، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި، އެސްއެމްއީ ޑިޖިޓަލްއިން ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

ވަޒީރު ވަނީ އެ ޕްރޮގްރާމަށް ލިބެމުންދާ ތަރުޚީބު ރަނގަޅުކަމަށާއި، އެ ޕްރޮގްރާމަށް ލިބުނު ތަރުޚީބަށް ބެލުމަށްފަހު، ވިލުންވެށި ޕްރޮގްރާމްގެ އިތުރު ޕްރޮޕޯޒަލްއަށް އަންނަ އަހަރު ހުޅުވާލަން ނިންމާފައިވާކަމަށެވެ. އަދި ވިލުންވެށި ޕްރޮގްރާމްގެ ދަށުން މިހާރު ފުރުޞަތު އޮންނަނީ ވަކިވަކި ފަރުދުންނަށްކަމަށްވާއިރު، ކުރިއަށް އޮތްތަނުގައި އެ ޕްރޮގްރާމް ފުޅާކޮށް، ކުންފުނިތަކަށް ފުރުޞަތު ހުޅުވާލުމަށް ނިންމަވާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިހާރު މި ޕްރޮގްރާމް ރާވާފައިވާގޮތުން، ޕްރޮގްރާމަށް ހޮވޭ ފަރާތްތަކަށް، 100,000 ރުފިޔާއާ ހަމައަށް މާލީ އެހީ ލިބެއެވެ. ވަޒީރު ވިދާޅުވީ ކުންފުނިތަކަށް އެ ޕްރޮގްރާމަށް ފުރުސަތު ހުޅުވާލާނީ، އެ ޕްރޮގްރާމްގެ ދަށުން ކުންފުނިތަކަށް ލިބޭ މާލީ އެހީގެ އަދަދު އިތުރުކުރުމަށް ފަހުގައިކަމަށެވެ.

ވިލުންވެށި ޕްރޮގްރާމް ފުޅާކޮށް، ކުންފުނިތަކަށް ހުޅުވާލަނީ
ވިލުންވެށި ޕްރޮގްރާމް ފުޅާކޮށް، ކުންފުނިތަކަށް ހުޅުވާލަނީ

"އީޖާބީ ޕްރޮޖެކްޓުތަކަށް ހުޅުވާލާ ސަބަބަކީ، ވަރަށް ގިނަ ސްޓާޓްއަޕްތަކަށް އެބަތިބި ފުރުސަތަކަށް މަޑުކޮށްގެން. ކޮންމެވެސް ވަރެއްގެ އެސިސްޓެންސެއް ލިބިގެން ނޫނީ މުޖުތަމަޢުއަށް ނުނުކުމެވި." ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވިއެވެ.

މިދިޔަ ޖޫން މަހު އިޢުލާންކުރި "ވިލުންވެށި ގްރާންޓް ޕްރޮގްރާމް"އަށް ލިބުނު ޕްރޮޕޯޒަލްތަކުގެ ތެރެއިން، 150 ޕްރޮޕޯޒަ އިވަލުއޭޓްކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ. އެ މަރުހަލާ ނިމި، އެ ޕްރޮގްރާމަށް ހޮވޭ ފަރާތްތައް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި އިޢުލާންކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. މި ޕްރޮގްރާމްގެ އިވަލުއޭޝަން ކުރިއަށްގެންދަނީ، މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާ އާއި އެސްއެމްއީ ބޭންކާއި ގުޅިގެންނެވެ.

"އެ ބޭންކް އިންވޯލްވް ކުރާ ސަބަބަކީ އެކިއެކި ފަންޑުތަކަށް އަޅުގަނޑުމެންގެ ހުރި ބޭންކްތަކުން އެބަ މަސައްކަތްކުރަން، ގްރީން ކްލައިމެޓް ފަންޑުގައި، އެކްރެޑިޓެޑް ޚިދުމަތަކަށް ހެދުމުގެ މަސައްކަތް. އެހެން ހަދާކަމަށް ވާނަމަ އަޅުގަނޑުމެންގެ ބޭންކްތަކުގައިވެސް ވަކި ސްޓޭންޑާޑެއް ހުންނަންޖެހޭ. އެހެންވީމަ މިކަމުގެ ތެރޭގައި އެ ފަރާތްތައް ބައިވެރިކޮށްގެން މަސައްކަތް ކުރިއަށްގެންދަނީ." ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފު ވިދާޅުވިއެވެ.

ވިލުންވެށި ޕްރޮގްރާމުގެ މައިގަނޑު މަޤުޞަދަކީ މޫސުމީ ބަދަލުތަކުން ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކަށް ވިލުންތެރިވުމާއި، ތިމާވެއްޓާ ރައްޓެހި އުސޫލުތަކުން ކާނާގެ ޔަޤީންކަން ކަށަވަރުކުރުންކަމަށް ސަރުކާުރން ވިދާޅުވެއެވެ. އަދި އައު އީޖާދުތަކާއި ޑިޖިޓަލް ވަޞީލަތްތައް ބޭނުންކޮށްގެން ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ހޯދޭނެ މަގުތައް ފަހިކޮށްދިނުމަކީވެސް މި މަޝްރޫޢުގެ އަމާޒެކެވެ.

ސަރުކާރުން މީގެކުރިން ވިދާޅުވެފައި ވަނީ މި ޕްރޮގްރާމްގެ ދަށުން، ފޯމް އިވަލުއޭޓްކުރުމަށްފަހު، އެންމެ ޤާބިލް 50 ފަރާތަކަށް ގްރާންޓް ދޫކުރާނެކަމަށެވެ.