އެކުވެރި ޢަރަބި ޢިމާރާތް، ޔޫއޭއީގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ކޮއްކޯފުޅު، ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތައުޒިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ޔޫއޭއީގެ ނައިބު ރައީސަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި މަރުހޫމް ފުރާނަފުޅު ރަޙުމަތްލެއްވުން އެދި ދުޢާކުރެއްވިއެވެ.
ރައީސުލްޖުމްޙޫރިއްޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ޢާއިލާއާއި ޔޫއޭއީގެ ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.
I extend my sincere condolences to His Highness Sheikh Mohammed bin Rashid Al Maktoum@HHShkMohdon the passing of his beloved brother Sheikh Ahmed bin Rashid Al Maktoum.
May Almighty Allah grant him infinite mercy, bless his soul with eternal peace, and admit him into…— Dr Mohamed Muizzu (@MMuizzu)September 21, 2026
އުމުރުފުޅުން 76 އަހަރުގައި ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވީ މިއަދު ކަމަށް ދުބާއީގެ މީޑިއާ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ޝެއިޚް އަޙްމަދު އަވަހާރަވުމުގެ ހިތާމައިގައި، ހޯމަ ދުވަހުން ފެށިގެން ދުބާއީގައި ރަސްމީކޮށް ހިތާމަފާޅުކުރުމުގެ 10 ދުވަހުގެ މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުގައި ދުބާއީގެ ދިދަތައް ބައިދަނޑިއަށް ތިރިކުރުމަށް ނިންމައިފައެވެ.
12 ޖުލައި 1950 ގައި ބުރް ދުބާއީ އަށް އުފަންވެވަޑައިގަތް ޝެއިޚް އަޙްމަދަކީ ދުބާއީގެ ކުރީގެ ވެރިޔާ އަލްމަރުޙޫމް ޝެއިޚް ރާޝިދު ބިން ސަޢީދު އަލް މަޚްތޫމްގެ ހަތަރުވަނަ އަދި އެންމެ ހަގު ފިރިހެން ދަރިކަލުންނެވެ.
އެމަނިކުފާނަކީ ޤައުމީ އަދި ބައިނަލްއަޤުވާމީ ފެންވަރުގައި ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކުރެއްވި ޝަޚްޞިއްޔަތެކެވެ. އެގޮތުން ފުރުއްވި ބައެއް މުހިންމު މަޤާމުތަކުގެ ތެރޭގައި ދުބާޢީ ޕޮލިސް އެންޑް ޕަބްލިކް ސެކިއުރިޓީގެ ޑެޕިއުޓީ ޗެއާމަންކަމާއި، އޭ.އާރް.އެމް. ހޯލްޑިންގް އަދި ދުބާއީ ރިއަލް އެސްޓޭޓް ސެންޓަރުގެ ގްރޫޕް ޗެއާމަންކަމާއި އަދި ޔޫއޭއީ ޕްރޯ ލީގުގެ މަޝްހޫރު ކްލަބު "އަލް ވަޞްލް އެފްސީ" ގެ ޗެއާމަންކަން ހިމެނެއެވެ.