އިމާމުންނާއި ޚަތީބުންގެ ޖީލެއް ބިނާ ނުކުރެވިއްޖެނަމަ ޤައުމަށް ބޮޑު ހުސްކަމެއް އަންނާނެ ޙާލަތަށް ގޮސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ އައުޤާފާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ޞަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވީ، މި ދާއިރާގައި މަސައްކަތްކުރާ ބޮޑު އާބާދީއަކީ ދުވަސްވީ އާބާދީއެއްކަމަށެވެ.

ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ރާއްޖޭގައި މިފަދަ މަސައްކަތްތައް ކުރަން އެނގޭ، އެކަމުގެ ހުނަރު ހުރި ބޮޑު އާބާދީއެއް އުމުރުން ދުވަސްވެ ޒިންމާ އުފުލަށް ދަތިވެފައިވާކަމަށެވެ. އަދި ވަރަށް ގިނަ އިމާމުން ދުވަސްވެ ދުނިޔެ ދޫކޮށްފަވާކަމަށެވެ.

ވަޒީރު ވިދާޅުވީ މައުހަދު ދިރާސާތުލް އިސްލާމިއްޔާ އުފެދުނު ޒަމާނުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން އެކި އުމުރުގެ މީހުން ގެނެސް، އިމާމުންނާއި ޤާރީން ރަށްރަށަށް އޭރު ބޭނުންވާ މިންވަރަށް ބިނާކުރިކަމަށެވެ. އޭގެތެރެއިންވެސް ވަރަށް ގިނަ މީހުންނަކީ އުމުރުން ދުވަސްވީ މީހުންކަމަށާއި އައު ޖީލެއް ބިނާކުރުމަށް އެކަށީގެންވާ ގޮތުގައި މަސައްކަތް ކުރެވިފައި ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

"އެކި ތަޢުލީމީ ޕްރޮގްރާމްތަކާއި އެމްކިއުއޭ އެޕްރޫވް ކޯސްތައްވެސް ހެދި. އެކަމަކު އެމީހުން އެނބުރި ރަށަށް ނުދެ. އެހެންވެ އިތުރު ދަރިކަމެއް ރަށްތަކަށް ދިމާވީ. އިމާމުކަމާއި ޖަމާތްތެރިކަން އެއީ ވަކި މިންވަރެއްގެ ސެޓްފިކެޓެއް ބޭނުންވާ ކަމެއް ނޫން. އެކަމަށް އަޙުލުވެރިވާންޖެހޭނީ." ވަޒީރު ވިދާޅުވިއެވެ.

ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް

މިކަމަށް ޙައްލެއް ހޯދާ، ކުރިމަގަށް މި ދާއިރާތަކުން އައު ޖީލެއް ބިނާކުރުމުގެ ޤައުމީ މަޝްރޫޢު ސަރުކާރުން 2024ވަނަ އަހަރު ވަނީ ފަށާފައެވެ. މިހާތަނަށް ރާއްޖޭގެ އެކިކަންކޮޅުތަކުން 700 ޒުވާން ޚަތީބުންނާއި އިމަމުން ވަނީ ތަމްރީންކޮށްފގައެވެ. އަދި 880 ޖަމާތްތެރިން ވަނީ ތަމްރީންކޮށްފައެވެ.

"ވޭތުވެދިޔަ ޖީލަށްވުރެ ޢިލްމީ ޖީލެއް ބިނާކުރުމުގެ މަސައްކަތް މިދަނީ. ޒަމާނީ ތަޢުލީމާއި ތަރުބިއްޔަތާއި ތަޖުވީދު ޤުރުއާޏާއި އިސްލާމީ ފިޤްޙްގެ ޢިލްމު، އޭލެވެލް ފެންވަރަށް މި ތަމްރީންކުރަނީ. ތަފާތު މަދަރުސާތަކުގެ ދަރިވަރުން މިއަދު މި ޕްރޮގްރާމް ފުރިހަމަކުރަމުންދޭ." ވަޒީރު ވިދާޅުވިއެވެ.

ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް
ޚަތީބުންނާއި އިމާމުންގެ އައު ޖީލެއް، ޒަމާންވީ ބޮޑު މައްސަލައަކަށް ޙައްލެއް

ވަޒީރު ވިދާޅުވީ ޚަތީބަކަށް ނުވަތަ އިމާމަކަށް ވެވެނީ ވަކި މަދަރުސާއަކުން ކިޔެވީމަ ނޫންކަމަށެވެ. ކޮންމެ މުސްލިމަކީ އިމާމުކަމަށް އަޙުލުވެރި މީހަކަށްވާންޖެހޭކަމަށާ، މިއަދު މި އުފައްދަނީ އެފަދަ ޖީލެއްކަމަށް ވިދާޅުވިއެވެ. ކޮންމެ ދަޢިރާއަކުން ތަޢުލީމު ހާސިލްކޮށް، ދިރިއުޅުމުގައި ކޮންމެރޮނގަކުން ކުރިއަށްދިޔަނަމަވެސް، ޚަތީބުކަމާއި އިމާމުކަންފަދަ ޚިދުމަތްތަކުގައި ދެމިތިބުމަށް ވަޒީރު ގޮވާލެއްވިއެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުން އިސްނަގާފައިމިވާ މަސައްކަތަކީ ޤައުމު ވަރަށް ބޮޑު ހުސްކަމަކުން ސަލާމަތްކުރުމަށް ކުރާ މަސައްކަތެއްކަމަށެވެ. ތަފާތު ތަމްރީންތަކުގެ ފުރުޞާތު ރާއްޖެއިން ބޭރުންވެސް ދަނީ ފަހިކޮށްދެމުންނެވެ.

"ދެ އަހަރުތެރޭ ރާއްޖެއިން ބޭރުން 100 ފުރުޞަތު، މިހާރު އިމާމުކަން ކުރަމުންދާ އިމާމުންނަށް ދެވިއްޖެ. ބުރޫނާއި އިންޑޮނޭޝިއާ މެލޭޝިއާ، ކޮންމެ ޤައުމަކުން 20 ފުރުޞަތު އަދި ސައުދީއިން 50 ފުރުޞަތު ހޯދައިދެވިއްޖެ. އިމާމުންގެ މުސާރާ ބޮޑޫކޮށްފިން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ދާއިމީ އިމާމުން ނެތް 65 މިސްކިތް ރާއްޖޭގައި އެބަހުރިކަމަށެވެ. އަދި މިހާރު އިތުރު 101 މިސްކިތް ބިނާކުރުމުގެ މަޝްރޫޢު ކުރިއަށްދާއިރު، ސަރުކާރުން ފަށާފައިވާ ޕްރޮގްރާމްތަކާއެކު، މި ގޮންޖެހުމަށް ބޮޑު ޙައްލެއް ލިބިގެންދާނެކަމަށާއި، މިއަދު މި އުފައްދަނީ އެކަމުގައި ކުރީ ސަފަށް ނިކުންނާނެ ޒުވާނުންތަކެއްކަމަށް ވިދާޅުވިއެވެ.