ޒުވާން ޚަތީބުންނަކީ މުޅި ރާއްޖޭގެ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ޒުވާން ޚަތީބުންގެ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި އެމަނިކުފާނުވަނީ ދީނާއި، ދީނީ ޢިލްމު ކުރިއެރުވުމަށް ޒުވާނުންގެ ދައުރަށް އަލިއަޅުއްވާލައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖެ އިސްލާމްވިތާ 9 ގަރުނު ފާހަގަކުރާއިރު ޒުވާން ޚަތީބުންގެ ގޮތުގައި 700އަށްވުރެ ގިނަ ޒުވާނުން ތަމްރީންވަމުންދިޔުމަކީ ހެޔޮ ފާލެއްކަމަށެވެ. އަދި އެއީ އިސްލާމީ ރޫހަށް ލިބޭ އައު ބާރަކާއި ދިރުމެއް ކަމަށެވެ. އަދި އިސްލާމީ ތާރީޚާއި ދިވެހި ތާރީޚުންވެސް ފެންނާނީ އިސްލާމްދީން މަތިވެރިކުރުމަށް ޒުވާނުން ފާޅުކުރި ޖޯޝާއި ހިތްމަތާއި މިންނަތްކަމަށާއި އޭގެ ނަތީޖާ ޒަމާންތަކަކަށް ދެމިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.


ޒުވާން ޚަތީބުންގެ ޤައުމީ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން/
ފޮޓޯ: ރައީސް އޮފީސް
އިސްލާމް ދީން ފެތުރުމުގައި ނަމޫނާ ޒުވާން ޝަހުސިއްޔަތުތައް ފާހަގަކުރައްވައި ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވީ ދީން ފެތުރުމާއި ދީން ދިފާއުކުރުމާއި ދީން ޤާއިމުކުރުމުގައި ޒުވާނުންގެ ދައުރު ފެވިގެންދަނީ ރަން އަކުރުން ކަމަށެވެ. އަދި ދިވެހި ތާރީޚުގައިވެސް ދީނީ ޢިލްމު އުނގެނުމަށް ގިނަ ޤުރުބާނީތައް ވެވަޑައިގެންނެވި ޒުވާނުން އެބަތިބިކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެން ތާރީޚުންވެސް ފެންނަނީ ދީނީ ޢިލްމުގެ މައިދާނުގައި ޒުވާނުން އަދާކޮށްފައިވާ ދައުރު. ވެފައިވާ ޤުރުބާނީ. ރާއްޖޭގެ ބައެއް ދީނީ ޢިލްމުވެރިން ދީން އުނގެނިވަޑައިގެންނެވުމަށްތަކައި އުމުރުފުޅުން 11 އަހަރުފުޅުގައި އަނެއްބައި ބޭފުޅުން 13 އަހަރުފުޅުގައި ރާއްޖެ ދޫކުރައްވައި ބޭރުގެ ޢިލްމީ ތަންތަނަށް ވަޑައިގެންފައި އެބަހުރި. ބައެއް ބޭފުޅުން ވަރަށް ނުރައްކާތެރި ހާލަތްތައް ކުރިމަތިވުމުންވެސް ކިޔެވުން މެދުކަނޑާނުލައި އެ ނުރައްކާތެރި މާހައުލުތަކުގައި ތިއްބަވައިގެންވެސް ކިޔަވާ ވިދާޅުވެފައިވޭ،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޢިލްމު އުނގެނުމަކީ ބުރަ އުނދަގޫ ދަތި މަސައްކަތަކަށްވާއިރު އެކަމުގައި ޒުވާން އުމުރަކީ މުހިންމު އުމުރެއް ކަމަށެވެ. އަދި ދީނަށް ޚިދުމަތް ކުރުމަކީ ޒުވާނުންގެ އުފަލެއްކަން ތާރީޚުންވެސް ފެންނަ އެބައޮތް ކަމަށާއި ރާއްޖޭގެ އެކި ރަށްރަށުން ތަމްރީންވާ ޒުވާން ޚަތީބުންނަކީ މުޅި ރާއްޖޭގެ އިސްލާމީ ވެއްޓަށް އަލިކަން ގެނެސްދޭނެ ދަންމަރުތަކެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.


ޒުވާން ޚަތީބުންގެ ޤައުމީ މަހާސިންތާ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން، ރައީސް ވާހަކަފުޅުދައްކަވަނީ/
ފޮޓޯ: ރައީސް އޮފީސް

ފޮޓޯ: ރައީސް އޮފީސް
"ޒުވާން ޚަތީބުންނަކީ މުޅި ރާއްޖެ އިސްލާމީ ވެއްޓަށް އަލިކަން ދޭނެ ދަންމަރުތަކަކަށް. ޒުވާން ޚަތީބުންނަކީ ދިވެހީންގެ އިސްލާމީ އަޚްލާގަށް އާރޯކަންދޭނެ މުރައްބާިންތަކެއް. ޒުވާން ޚަތީބުންނަކީ މުސްތަގުުބަލުގައި ދިވެހި ޤައުމުގެ ފިކުރީ ސިކުނަޑު ބބައްޓަންކުރާނެ ހެޔޮލަފާ އެދުރުންތަކެއް. އެހެންވެ އަޅުގަނޑުގެ އިލްތިމާސަކީ މި ބިޔަ މަސައްކަތާއި ތިޔަ ޒުވާނުން ހަވާލުވާން،" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދީން ކުރިއެރުވުމުގައި ޒުވާނުންގެ ދައުރު އިތުރުވަމުންދާތީ އުފާވާކަމަށެވެ. އަދި އިސްލާމް ދީން އައީ އިންސާނީ ކަރާމާތް ނަގަހައްޓައި އިންސާނާ ހެޔޮގޮތުގައި ބަލަހައްޓައި، ސުލްހަވެރިކަމާއި އަމާން ދަމަހައްޓަން ކަމަށްވާއިރު ޒުވާން ޚަތީބުން އެކަންކަމަށް ސަމާލުވުމަށް އެމަނިކުފާނު ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.
