ދުނިޔޭގެ އެންމެ ނުފޫޒުގަދަ ޓެކްނޮލޮޖީ ކުންފުނި، އެޕަލްގެ ޗީފް އެގްޒެކެޓިވް އޮފިސަރ (ސީއީއޯ) ގެ މަޤާމާ ޖޯން ޓަރނަސް ރަސްމީކޮށް ޙަވާލުވެވަޑައިގެންފިއެވެ.

މިއާއެކު، ވޭތުވެދިޔަ 15 އަހަރު ދުވަހު އެ ކުންފުނީގެ އެންމެ އިސް ވެރިޔާގެ ގޮތުގައި ހުންނެވި ޓިމް ކުކްގެ ދައުރު މިވަނީ ނިމުމަކަށް އައިސްފައެވެ.

މި ބަދަލާއެކު، އެޕަލްގެ ހިންގުމާއި އަދި ސަޕްލައި ވިއުގަތައް ވަރުގަދަކުރެއްވި ޓިމް ކުކްގެ ބަދަލުގައި ކުންފުނީގެ ހުންގާނާ މި ޙަވާލުވެވަޑައިގަތީ، އެޕަލްގެ ހާޑްވެއަރ ތަރައްގީކުރުމުގެ ދާއިރާގައި ގިނަގުނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ އިންޖީނިއަރެކެވެ.

އުމުރުން 51 އަހަރުގެ ޓަރނަސް އެޕަލްގެ ޑިޒައިން ޓީމާ ގުޅިވަޑައިގަތީ 2001 ވަނަ އަހަރުއެވެ. އޭގެ ފަހުން އޭނާ ވަނީ ހާޑްވެއަރ އެންޖިނިއަރިންގގެ ސީނިއަރ ވައިސް ޕްރެޒިޑެންޓްގެ މަޤަމަށް ވަޑައިގެން، އެޕަލްގެ މައިގަނޑު އުފެއްދުންތައް ބަލަހައްޓާ ޓީމުތަކާއެކު ކާމިޔާބު ކަމާއެކު އިސްވެ މަސައްކަތް ކުރައްވައިފައެވެ.

ހޯމަ ދުވަހު މުވައްޒަފުންނަށް ފޮނުއްވި މެމޯއެއްގައި ޓިމް ކުކް ވަނީ ޓަރނަސްއަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވައިފައެވެ. ކުކް ފާހަގަކުރެއްވި ގޮތުގައި، ދުނިޔެ ބަދަލުކޮށްލާފަދަ އިންޤިލާބީ އުފެއްދުންތައް އީޖާދުކުރުމަށް ބޭނުންވާ ފަންނީ ޤާބިލުކަން ޓަރނަސްއަށް އެންމެ ފުރިހަމައަށް ލިބިގެންވާ ކަމަށެވެ.

ކުންފުނިން ހުށަހެޅި ލިޔެކިޔުންތަކުން ހާމަވެފައިވާ ގޮތުގައި، އައު ސީއީއޯ ޓަރނަސްގެ އަސާސީ މުސާރައަކީ އަހަރަކު 3 މިލިއަން އެމެރިކާ ޑޮލަރެވެ. މިއީ ކުރީގެ ސީއީއޯ ކުކްގެ ވެސް އަސާސީ މުސާރައެވެ. މީގެއިތުރުން ކުންފުނީގެ ޙިއްސާއާއެކު ޓަރނަސްގެ ފުރަތަމަ އަހަރުގެ ޖުމްލަ އާމްދަނީ 58 މިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވެއެވެ.

ސީއީއޯގެ މަޤާމުން ވަކިވެވަޑައިގެން، ކުންފުނީގެ އެގްޒެކެޓިވް ބޯޑު ޗެއަރމަންގެ މަޤާމާ ހަވާލުވެވަޑައިގަންނަވާ ޓިމް ކުކްގެ އަސާސީ މުސާރަ 2 މިލިއަން ޑޮލަރަށް ދަށްވި ނަމަވެސް، އެކި އިނާޔަތްތަކާއެކު އޭނާއަށް ޖުމްލަ 47 މިލިއަން ޑޮލަރު ލިބިވަޑައިގަންނަވާނެއެވެ.

ޓަރނަސް މި މަޤާމާ ޙަވާލުވެވަޑައިގެންނެވީ އެޕަލްއަށް ގޮންޖެހުންތައް ގިނަ، ނާޒުކު ދަނޑިވަޅެއްގައެވެ. ސްމާޓްފޯން ވިޔަފާރީގައި އެޕަލް އެންމެ ކުރީގައި އޮތް ނަމަވެސް، ހަލުވިކަމާއެކު ކުރިއަރަމުން އަންނަ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ދާއިރާއިން ވާދަވެރިންނާ އަޅާބަލާއިރު އެޕަލް ފެންނަނީ ކޮންމެވެސް ވަރަކަށް ފަހަތުގައި އޮތް ތަނެވެ.

މީގެ އިތުރުން، އަންނަ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެޕަލްގެ އަހަރީ ޙާއްސަ ޙަފުލާއަކީ ޓަރނަސްއަށް ކުރިމަތިވާނެ ފުރަތަމަ ބޮޑު އިމްތިޙާނެވެ. މި ޙަފުލާގައި އެޕަލްގެ އެންމެ ފުރަތަމަ ފަތްޖަހާލެވޭ (ފޯލްޑަބަލް) އައިފޯން ތަޢާރަފުކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެއެވެ.

އައު އުފެއްދުންތައް ތަޢާރަފުކުރުމުގެ އިތުރުން، ބައިނަލްއަޤުވާމީ ސިޔާސީ މަސްރަޙާއި ސަރަޙައްދީ ހަލަބޮލިކަމަކީވެސް ޓަރނަސްއަށް އޮތް ބޮޑު ގޮންޖެހުމެކެވެ. އެޕަލްގެ އުފެއްދުންތެރިކަން މައިގަނޑު ގޮތެއްގައި ބަރޯސާވެފައިވަނީ ޗައިނާއަށެވެ. އެ ކުންފުނިން އިންޑިއާ އަދި ވިއެޓްނާމަށް އުފެއްދުންތެރިކަން ފުޅާކުރުމަށް މަސައްކަތް ކުރި ނަމަވެސް، މައިގަނޑު މަރުކަޒަކީ އަދިވެސް ޗައިނާއެވެ.

އަނެއްކޮޅުން، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އައިފޯން ފަދަ އުފެއްދުންތައް އެމެރިކާގައި އުފެއްދުމަށް ތަކުރާރުކޮށް ބާރުއަޅުއްވަމުންނެވެ. މިފަދަ ޙާއްސާސް ހާލަތްތަކުގައި އެޕަލް ކުންފުންޏާއި ޗައިނާ އަދި އެމެރިކާ އާ އެކު އޮންނަ ގުޅުން ހަމަހަމަކަމާއެކު ދެމެހެއްޓުމުގައި ޓިމް ކުކް ވަނީ މުހިންމު ދައުރެއް އަދާކުރައްވައިފައެވެ.

ހާޑްވެއަރގެ ދާއިރާއިން ޓަރނަސްއަށް އެޕަލްގެ ކަންކަން އެންމެ ފުރިހަމައަށް އެނގިވަޑައިގެންނެވި ނަމަވެސް، ބައިނަލްއަޤުވާމީ މަސްރަޙުގައި ކުންފުނީގެ މަސްޙަލަތުތައް ރައްކާތެރިކުރުމަކީ އޭނާ މި މަޤާމުގެ ތެރެއިން އެންމެ ބޮޑަށް ދަސްކުރައްވަން ޖެހިވަޑައިގަންނަވާނެ ދާއިރާކަމަށް މާހިރުން ވިދާޅުވެއެވެ.

އެހެންކަމުން، އެގްޒެކެޓިވް ޗެއަރމަންގެ މަޤާމުގައި ހުންނަވައިގެން ޓިމް ކުކް ކުރިއަށް އޮތް ތަނުގައިވެސް ދުނިޔޭގެ ޤާނޫނު ހަދާ މަޖިލިސްތަކާއި ސަރުކާރުތަކާއެކު މަސައްކަތް ކުރައްވައި، ބައިނަލްއަޤުވާމީ މަސްރަޙުގެ ސަބަބުން އެޕަލްއަށް ކުރިމަތިވާ ގޮންޖެހުންތައް ޙައްލުކުރުމުގައި ކުންފުންޏަށް މަގުދައްކަވައި އެހީތެރިކަން ފޯރުކޮށްދެއްވުމުގައި ދެމިހުންނަވާނެއެވެ.