ނޭޕާލާއި ޗައިނާ ގުޅޭ ހިމާލަޔާގެ ސަރަޙައްދަށް ވޭތުވެދިޔަ ހަފުތާގައި ކުރިމަތިވި ނުރައްކާތެރި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކުގައި މަރުވި މީހުންގެ ޢަދަދު 1,130 އަށް އަރައި، 4,500 އަށްވުރެ ގިނަ މީހުން ގެއްލިފައިވާކަން ރަސްމީ އިދާރާތަކުން ހާމަކޮށްފިއެވެ.
ނޭޕާލްގައި ފެންބޮޑުވުމުގެ ނުރައްކާތެރި ހާދިސާ ހިނގާފައި ވަނީ، އޮގަސްޓު 26 ވަނަ ދުވަހު އެ ޤައުމުގެ ފަރުބަދަމަތީ ސަރަޙައްދަކުން 'ގްލޭސިޔަރ' އެއް ނުވަތަ ބޮޑު ގަނޑުފެން ގަނޑެއްގެ ބަޔެއް ކަނޑައިގެން ދިޔުމާ ގުޅިގެން، ހިމާލަޔާ ފަރުބަދައާ ގުޅިފައިވާ ކޯރުތަކުގެ ނިޒާމުގައި ކުއްލިއަކަށް ފެންބޮޑުވެ، ހިލައާއި، ގަނޑުފެނާއި، ކިސަޑު ފޭބުމުގެ ސަބަބުންނެވެ.
ނޭޕާލުގެ އިދާރާތަކުން މަޢުލޫމާތު ދޭ ގޮތުގައި، އޮގަސްޓު މަހުގެ 26 ވީ އަންގާރަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާއާ ގުޅިގެން މިހާތަނަށް 1,114 މީހެއްގެ ހަށިގަނޑު ވަނީ ފެނިފައެވެ. މީގެއިތުރުން 292 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، 3,916 މީހަކު އަދިވެސް ވީނުވީއެއް ނޭނގި ވަނީ ގެއްލިފައެވެ.
ފެންބޮޑުވި ސަރަޙައްދުތަކުން މިހާތަނަށް 12,000 އަށްވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރެވިފައިވާއިރު، ގެއްލުނު މީހުން ހޯދުމަށާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސިފައިންނާއި ފުލުހުން ހިމެނޭހެން، ސަލާމަތީ ޚިދުމަތްތަކުގެ 21,000 އަށްވުރެ ގިނަ މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. ތަފާސްހިސާބުތައް ދައްކާ ގޮތުގައި މި ނުރައްކާތެރި ޤުދުރަތީ ކާރިސާގެ ސަބަބުން ނޭޕާލުގެ 1.6 މިލިއަނަށްވުރެ ގިނަ ރައްޔިތުންގެ ދިރިއުޅުމަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.
މޫސުން ގޯސްވުމުގެ އިތުރުން، ފަރުބަދަމަތިން ފޭބި ފެނުގެ ސަބަބުން އުފެދިފައިވާ ބިޔަ ފެންގަނޑުތައް ބަންޑުންވެ، ފެންބޮޑުވުމުގެ އިތުރު ހާދިސާތައް ހިނގުމުގެ ނުރައްކާ ބޮޑު ކަމުގައި ނޭޕާލްގެ އިދާރާތަކުން އިންޒާރު ދިނެވެ. މި ކަމާ ގުޅިގެން، ގެއްލިފައިވާ މީހުން ހޯދުމަށް ކުރަމުންދާ މަސައްކަތްތައް ވެސް އެކި ފަހަރުމަތިން މެދުކަނޑައިލާފައިވެއެވެ. މި ހާދިސާ ހިނގަން މެދުވެރިވެފައި ވަނީ މޫސުމަށް އަންނަމުންދާ ނޭދެވޭ ބަދަލުތަކުގެ ސަބަބުން ކަމަށާއި، ނޭޕާލާއި ޓިބެޓުގެ ސަރަޙައްދުތަކުގެ ބިންގަނޑު އިތުރަށް ކަނޑައިގެން ދިޔުމުގެ ފުރުޞަތު ބޮޑު ކަމުގައި ޗައިނާގެ ދައުލަތުގެ މީޑިއާއިން ބުނެއެވެ.
ނޭޕާލުގައި ފެންބޮޑުވުން: 1،130 މަރު، 4،500 މީހުން ގެއްލިފައި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed