މިދިޔަ މަހު ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 197،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިއީ، މިދިޔަ އަހަރުގެ މިމުއްދަތާ އަޅާބަލާއިރު 2.1 އިންސައްތަ އިތުރު އަދަދެކެވެ.

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާރު ދަނީ، ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. އެގޮތުން ފަތުރުވެރިކަމާބެހޭ ވުޒާރާއިން އެންމެފަހުން އާންމުކުރި ރިޕޯޓުގައިވާގޮތުން މިދިޔަ މަހު އެކަނިވެސް ރާއްޖެއަށް މުޅި ޖުމްލަ 197,640 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ، މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި 193,529 ފަތުރުވެރިންނާ އަޅާބަލާއިރު %2.1 އިތުރު އަދަދެކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުވެސް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ، ޗުއްޓީ ހޭދަކުރުމަށެވެ. އެއީ، 195,390 ފަތުރުވެރިންނެވެ. އަދި މިދިޔަ މަހު ރާއްޖެއަށް ވިޔަފާރީގެ އެކި ބޭނުންތަކަށް 2,244 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، ކްރޫޒުލައިނާތަކުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 6 ފަތުރުވެރިންނެވެ.

މިދިޔަމަހު ފަތުރުވެރިކަމަށް %2.1ގެ ކުރިއެރުމެއް
މިދިޔަމަހު ފަތުރުވެރިކަމަށް %2.1ގެ ކުރިއެރުމެއް

މިމަހުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވިނަމަވެސް، މުޅި އަހަރުގެ ނިސްބަތަށް ބަލާއިރު ރާއްޖެއަށް ޒިޔާރަތް ކުރި ފަތުރުވެރިންގެ އަދަދު އަދިވެސް އުޅެނީ ދަށްކޮށެވެ. އެގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް 1,456,930 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 3.7 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތް ކޮށްފައިވަނީ، 1,513,066 ފަތުރުވެރިންނެވެ.

އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 5 ޤައުމު:

* ޗައިނާ: 267,386 ފަތުރުވެރިން
* ރަޝިއާ: 209,179 ފަތުރުވެރިން
* އިނގިރޭސިވިލާތް: 110,561 ފަތުރުވެރިން
* އިޓަލީވިލާތް: 93,089 ފަތުރުވެރިން
* ޖަރުމަނުވިލާތް: 88,400 ފަތުރުވެރިން

އެންމެ ގިނައިން ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ، ރިސޯޓުތަކުގައެވެ. އެއީ، 1,049,380 ފަތުރުވެރިންނެވެ. އަދި ގެސްޓުހައުސްތަކުގައި 316,267 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. މީގެއިތުރުން ހޮޓެލްތަކުގައި 33,417 ފަތުރުވެރިން އަދި ސަފާރީތަކުގައި 26,490 ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. ރާއްޖެއަށް މިހާރު އެވްރެޖްކޮށް ދުވާލަކު 5,971 ފަތުރުވެރިން ޒިޔާރަތް ކުރެއެވެ.