ތުރުކީވިލާތުގެ އިސްތަންބޫލް ސަހަރުގެ ބޭރުން މަރުމަރާ ކަނޑުގައި ދެ އުޅަނދެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މުދާއުފުލާ ބޯޓެއް ފެތި، އޭގެން ދަތުރުކުރި 10 ފަޅުވެރިން ގެއްލިގެން ހޯދުމުގެ ވަރުގަދަ އޮޕަރޭޝަނެއް ފަށައިފިއެވެ.

ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި ހިނގި ޙާދިސާއާ ގުޅޭގޮތުން އިސްތަންބޫލްގެ ގަވަރުނަރުގެ އޮފީހުންނާއި ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދެއްވި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ އިސްތަންބޫލްގެ ސިލީފްރީ ސިޓީގެ ދެކުނުން ގާތްގަނޑަކަށް 20 މޭލު ބޭރުންނެވެ. މި ޙާދިސާގައި ޖެހިފައިވަނީ ތުރުކިޔޭގެ ދިދަ ނަގާފައިވާ ވިޔަފާރި ދެ އުޅަނދު ކަމަށްވާ "ތުގްބާކް އިމާމޯގްލޫ" އަދި "އަލްސޫ" އެވެ.

ދިގުމިނުގައި 90 ފޫޓު ހުރި "ތޫބަރކް އިމާމޮލޫ" ދަތުރުކުރަމުން ދިޔައީ ތުރުކީވިލާތުގެ މެޑިޓެރޭނިއަން ބަނދަރެއް ކަމަށްވާ އިސްކަންދަރޫން އިން ފެށިގެން ކަޅުކަނޑުގެ އައްސޭރީގައިވާ ކަރަދެނިޒް އެރެގްލީ އަށެވެ. އަދި ދިގުމިނުގައި 298 ފޫޓު ހުރި "އަލްސޫ" ދަތުރުކުރަމުން ދިޔައީ އިސްތަންބޫލްގެ އިރުމަތީގައިވާ ކޮޖާއެލީ އިން އޭޖިއަން ކަނޑުގެ އައްސޭރިފަށުގައިވާ އަލިއާގާ އަށެވެ.

މި އެކްސިޑެންޓަށްފަހު "ތޫބަރކް އިމާމޮލޫ" އާ އެއްވެސް މުއާމަލާތެއް ނުކުރެވި، މުވާސަލާތީ ގުޅުން ކެނޑިފައިވާ ކަމަށް ގަވަރުނަރުގެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި އެހީތެރިކަން ފޯރުކޮށްދިން ޓީމުތަކުން ކުރި ފުރަތަމަ ސާވޭއިން "އަލްސޫ" އުޅަނދަށް ފާހަގަކުރެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައި ނުވާކަން ވަނީ އެނގިފައެވެ.

ތުރުކީވިލާތުގެ ދަތުރުފަތުރާބެހޭ ވަޒީރު ޢަބްދުލްޤާދިރް އުރަލޫލޫ ވިދާޅުވީ، ފެތުނު އުޅަނދުގައި ކެޕްޓަން ހިމެނޭހެން ތިބި 10 ފަޅުވެރިންނަކީ ވެސް ތުރުކީވިލާތުގެ ރައްޔިތުން ކަމަށެވެ. އަދި އެ އުޅަނދު އެކްސިޑެންޓްވިތާ އެންމެ 11 މިނެޓުގެ ތެރޭގައި އަޑިއަށް ގޮސްފައިވާ ކަމަށާއި، މިހާތަނަށް އެއްވެސް މީހަކު ފެނިފައިނުވާ ކަމަށް ވެސް ވަޒީރު ހާމަކުރެއްވިއެވެ.

މެރިޓައިމް އެފެއާޒްގެ ޖެނެރަލް ޑައިރެކްޓަރޭޓުން ނެރުނު ބަޔާނެއްގައި ފާހަގަކޮށްފައިވާ ގޮތުގައި، އެ އުޅަނދުން އެއްވެސް ރޭޑިއޯ ކޯލަކަށް ޖަވާބު ނުދިނުމާއި، ފަޅުވެރިންގެ ފޯނުތަކަށް ގުޅޭގޮތް ނުވުމުން އުޅަނދު ފެތިފައިވާ ކަމަށް ވަނީ ޔަޤީންކުރެވިފައެވެ. މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި މިހާތަނަށް އެ އުޅަނދުގެ ލައިފްބޯޓަކާއި ބައެއް ބައިތައް ފެނިފައިވީ ނަމަވެސް، ގެއްލިފައިވާ ފަޅުވެރިއެއްގެ އެއްވެސް ނިޝާނެއް އަދި ފެނިފައެއް ނުވެއެވެ.

މި ޙާދިސާއާ ގުޅިގެން ކޯސްޓަލް ސޭފްޓީގެ ޖެނެރަލް ޑައިރެކްޓަރޭޓާއި ކޯސްޓް ގާޑް މަރުމަރާ އެންޑް ސްޓްރެއިޓްސް ކޮމާންޑުގެ އުޅަނދުފަހަރުގެ އިތުރުން، ހެލިކޮޕްޓަރުތައް ބޭނުންކޮށްގެން މީހުން ހޯދުމާއި ސަލާމަތްކުރުމުގެ އޮޕަރޭޝަން ވަރަށް ފުޅާ ދާއިރާއެއްގައި ދަނީ ކުރަމުންނެވެ.

މަރުމަރާ ކަނޑުގެ ދެކޮޅުގައިވާ ބުސްފޫރް އަދި ދަރްދަނީލް ކަނޑުއޮޅި ހިމެނޭ މި ސަރަޙައްދަކީ ދުނިޔޭގެ އެންމެ ބާރުބޮޑު ކަނޑުގެ މަގުތަކުގެ ތެރޭގައި ހިމެނޭ، އަދި އަހަރަކު އެތައް ލައްކަ އުޅަނދެއް މެޑިޓެރޭނިއަން ކަނޑާއި ކަޅުކަނޑާ ދެމެދު ދަތުރުކުރާ މުހިންމު ސަރަޙައްދެކެވެ.