ދުނިޔޭގެ މަޝްހޫރު ކެމެރާ އަދި އިލެކްޓްރޯނިކްސް ބްރޭންޑް ކަމަށްވާ "ކެނަން" އާއި ރާއްޖޭގެ މަޝްހޫރު ވިޔަފާރި ކުންފުނި ސިމްޑީ ގްރޫޕާ ދެމެދު އޮތް ވިޔަފާރީގެ ގުޅުމަށް 30 އަހަރު ފުރިއްޖެއެވެ.

މިމުނާސަބަތު ފާހަގަކުރުމުގެ ގޮތުން މިއަދު ސިމްޑީގެ މައި އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސިންގަޕޯރ ކެނަންގެ ރައީސް އަދި ސީއީއޯ ޓޮޝިޔުކީ (ޓައިގާ) އިޝީ ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ސިމްޑީ ގުރޫޕުގެ މެނޭޖިންގ ޑިރެކްޓަރ މިޝަލް ދީދީ އާއި ސިމްޑީގެ ޖެނެރަލް މެނޭޖަރ ޔޫޝައު ސައީދުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުން ފެށުމުގެ ކުރިން، ސިމްޑީ ގްރޫޕުން ވަނީ ވޭތުވެދިޔަ 30 އަހަރަކީ ކެނަން އާއެކު ރާއްޖެއަށް އެންމެ ފަހުގެ ޒަމާނީ ޓެކްނޮލޮޖީ ތައާރަފުކުރުމުގައި ވަރަށް ކާމިޔާބު އަހަރުތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގެ ފޮޓޯގްރާފަރުންނާއި، ވީޑިއޯގްރާފަރުންގެ އިތުރުން، އޮފީސްތަކަށް ބޭނުންވާ ޕްރިންޓިންގ އަދި އިމޭޖިންގ ހައްލުތައް ފޯރުކޮށްދިނުމުގައި ވެސް ކެނަން އަކީ އާއްމު ރައްޔިތުންނާއި، ސަރުކާރުގެ ބޮޑެތި ކުންފުނިތަކުގެ އިތުބާރުވެސް ހޯދާފައިވާ ކުންފުންޏެއްކަންވަނީ ފާހަގަކުރައްވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން، ސީއީއޯ ޓޮޝިޔުކީ (ޓައިގާ) އިޝީ ވިދާޅުވީ، ރާއްޖެއަކީ ކެނަންގެ އުފެއްދުންތަކަށް ވަރަށް ބޮޑު ތަރުހީބެއް އޮންނަ މާކެޓެއް ކަމަށާއި، ސިމްޑީއާއިއެކު މި އޮތް ގުޅުމުގެ ސަބަބުން ދިވެހިންނަށް ކެނަންގެ އެންމެ ފަހުގެ އުފެއްދުންތަކާއި ފުރިހަމަ ޚިދުމަތްތައް ފަސޭހަކަމާއެކު ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ކެނަންގެ ސީއީއޯ ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އޭއައި ބޭނުން އެދެވޭ ގޮތުގައި ހިފައި ދެ ކުންފުނީގެ އުފެއްދުންތަކާއި ޚިދުމަތްތައް ރަނގަޅުކުރުމުގެ މަސައްކަތްތައް މިހާރަށްވުރެވެސް ފުޅާކުރަމުންދާނެކަމަށެވެ. އަދި އެކުންފުނީގެ އަމާޒަކީ ވީހާވެސް ފެންވަރު ރަނގަޅު އުފެއްދުންތަކެއް އާއްމުންނާއި ހަމައަށް ފޯރުކޮށްދިނުންކަމަށްވެސް ސީއީއޯ ވިދާޅުވިއެވެ.

ކެނަން އާއި ސިމްޑީގެ ގުޅުމަށް 30 އަހަރު
ކެނަން އާއި ސިމްޑީގެ ގުޅުމަށް 30 އަހަރު

ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ސިމްޑީގެ މެނޭޖިންގ ޑިރެކްޓަރ ވިދާޅުވީ ކެނަންއާއެކު އޮތް މި ގުޅުން ދެމެހެއްޓިފައިވަނީ ދެކުންފުނީގެ ދެމެދުގައި ކުރެވޭ މުއާމަލާތްތަކާއި، ޓްރެއިނިންގ ޕްރޮގުރާމުތަކުގެ ސަބަބުންކަމަށެވެ. އަދި ދެކުންފުނިންވެސް ކަސްޓަމަރުންނަށް ދޭވޭ ޚިދުމަތް ރަނގަޅުކުރުމަށް އެއް އަމާޒަކަށް ކުރާ މަސައްކަތުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

ސިމްޑީން ވިދާޅުވީ އަމާޒަކީ މިއަހަރު ނިމެންވާއިރަށް މުޅި ރާއްޖެއަށް އީ-ކޮމާސް ފުޅާކޮށް، ކެނަންގެ އުފެއްދުންތައް ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ފަސޭހަކަމާއެކު ފޯރުކޮށްދިނުންކަމަށެވެ. އަދި ސިމްޑީގެ ދަށުން އެތެރެކުރާ ބައިނަލްއަގުވާމީ ބްރޭންޑްތަކުގެ މުދާ އެއް ފުރާޅެއްގެ ދަށުން ބައްލަވައިގަނެވޭގޮތަށް މިހާރު ހުޅުމާލޭގައި ހުންނަ "ސިމްޑީ ރެކްރިއާ" ފަދަ "ވަން-ސްޓޮޕް" ޝޮޕިންގް އައުޓްލެޓުތައް ރާއްޖޭގެ އާބާދީ ބޮޑެތި ރަށްރަށުގައި ގާއިމުކުރުންކަމަށްވެސް ވިދާޅުވިއެވެ.

ސިމްޑީ ގުރޫޕާއި ކެނަންގެ ގުޅުމަށް 30 އަހަރު ފުރުމުގެ މުނާސަބަތުގައި ޚާއްސަ ފިލައެއްވެސް ކެނަންގެ ސީއީއޯއަށްވަނީ އަރުވާފައެވެ.

ކެނަން އާއި ސިމްޑީގެ ގުޅުމަށް 30 އަހަރު
ކެނަން އާއި ސިމްޑީގެ ގުޅުމަށް 30 އަހަރު

ކެނަންނައާއި ސިމްޑީގެ ގުޅުން ފެށުނީ 1995 ވަނަ އަހަރު، ސިމްޑީ ޓެކް އިން ކެނަންގެ ރަސްމީ އަދި އެކްސްކްލޫސިވް ޑިސްޓްރިބިއުޓަރެއްގެ މަގާމު ހޯދި ހިސާބުންނެވެ. އެއަށްފަހު، ވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި، މި ގުޅުން ވަނީ ހަމައެކަނި މުދާ އެތެރެކޮށް ވިއްކުމުގެ ބަދަލުގައި، ރާއްޖޭގެ ޑިޖިޓަލް އިގްތިސާދުގެ މައިގަނޑު އެއް ތަނބަށް ބަދަލުވެފައެވެ. ސިމްޑީން އެތެރެކުރާ ކެނަންގެ އުފެއްދުންތަކުގެ ތެރޭގައި އާންމުން ބޭނުންކުރާ ޑީއެސްއެލްއާރް ކެމެރާތަކުން ފެށިގެން، ބޮޑެތި ކުންފުނިތަކަށް ބޭނުންވާ އެންމެ ފަހުގެ ކެމެރާތައް ހިމެނެއެވެ. މިއީ ރާއްޖޭގެ ވިޔަފާރި ކުންފުންޏަކުން ބައިނަލްއަގުވާމީ ބޮޑު ބްރޭންޑަކާއެކު މިހާ ދިގު މުއްދަތަކަށް ދަމަހައްޓާފައިވާ އެންމެ ކާމިޔާބު އެއް ޕާޓްނަރޝިޕެވެ. މީގެސަބަބުން، ރާއްޖޭގެ މިދާއިރާގެ 50 އިންސައްތައަށް ވުރެ ބޮޑު މާކެޓް ހިއްސާއެއް އެ ކުންފުނިން ވަނީ ހޯދާފައެވެ.