ޖަރުމަނުވިލާތުގެ ލައިޕްޒިޚް އެއާޕޯޓަށް ޑްރޯން ހަމަލާއެއް ދޭން އުޅުނު ކަމަށް ބުނެ އެ ޤައުމުން ކުރާ ތުހުމަތުތައް، ޖަރުމަނުވިލާތުގައި ހުންނަ ރަޝިއާގެ ސަފާރާއިން ދޮގުކޮށްފިއެވެ. ރަޝިއާގެ ސަފާރާއިން ބުނީ، ޖަރުމަނުވިލާތުން ކޮށްފައިވާ ތުހުމަތަކީ އެއްވެސް އަސާސެއް ނެތް އަދި ބުއްދި ޤަބޫލުނުކުރާ ވާހަކަތަކެއް ކަމުގައެވެ. އަދި އޮގަސްޓު މަހުގެ 5 ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން، ރަޝިއާގެ ސަފީރު ޖަރުމަނުވިލާތުގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށް ސުވާލު ކޮށްފައިވާ ކަމުގައި ވެސް އެ ސަފާރާއިން ހާމަކުރިއެވެ. މީގެ އިތުރުން، ދެ ޤައުމުގެ ދެމެދުގައި ޢަމަލުކުރާ އެއްބާރުލުމުގެ އޮނިގަނޑު ޖަރުމަނުވިލާތުން ނިޒާމީ ގޮތެއްގައި ރޫޅައިލަމުންދާ ކަމުގައި ވެސް ރަޝިއާގެ ސަފާރާއިން ވަނީ ތުހުމަތުކޮށްފައެވެ.

ޖަރުމަނުވިލާތުން ވަނީ ރަޝިއާއާ ދެކޮޅަށް ފިޔަވަޅުތަކެއް އަޅަން ނިންމައި، ސެޕްޓެމްބަރު 18 ގެ ކުރިން ބޮން ގައި ހުންނަ ރަޝިއާގެ ކޮންސިޔުލޭޓް ޖެނެރަލް ބަންދުކުރުމަށާއި، ބަރްލިންގައި ހުންނަ 'ރަޝިއަން ހައުސް' ހިމެނޭ ގޮތުގައި 2011 ވަނަ އަހަރު ސޮއިކޮށްފައިވާ އެއްބަސްވުންތަކެއް ބާޠިލުކުރުމަށް ނިންމާފައެވެ. ޖަރުމަނުވިލާތުގެ ދާޚިލީ ވަޒީރު އަލެކްސާންދަރ ދޫބްރިންތު ވިދާޅުވީ، ލައިޕްޒިޚް އެއާޕޯޓަށް ދީފައިވާ ހަމަލާއަކީ ރަޝިއާގެ ޖާސޫސީ އިދާރާތަކުން ރޭވި ކަމެއްކަން ތަހުގީގަށް ހާމަވެފައިވާ ކަމުގައެވެ. އަދި، އެ ޤައުމުގެ ޚާރިޖީ ވަޒީރު ޔޯހާން ވާޑަފުލް ވިދާޅުވީ، ރަޝިއާގެ ސަފީރު ހާޒިރުކޮށް އެ ޤައުމާ ދެކޮޅަށް އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކުގެ މަޢުލޫމާތު ޙިއްޞާ ކުރައްވާފައިވާނެ ކަމުގައެވެ. 'ރަޝިއަން ހައުސް' ކިޔާ ސަގާފީ މަރުކަޒަކީ ރަޝިއާއިން ޖާސޫސް ކުރުމަށް ބޭނުންކުރާ ތަނެއް ކަމުގައި ހުޅަނގުގެ ޤައުމުތަކުގެ އޮފިޝަލުން ތުހުމަތު ކުރެއެވެ.

މި ފިޔަވަޅުތަކާ ގުޅިގެން ރަޝިއާގެ ސަފީރު ވިދާޅުވީ، މިއީ ދެ ޤައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެންދާނެ ކަމެއް ކަމަށާއި، މި ކަމުގެ ޒިންމާ ޖަރުމަނުވިލާތުން އުފުލަންޖެހޭނެ ކަމުގައެވެ. އަދި، ލައިޕްޒިޚް އެއާޕޯޓުގެ ހާދިސާއަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމަ އިތުރަށް ފުޅާކުރުމަށް އެދޭ ވިލާތުގެ ސިޔާސީ ފަރާތްތަކާއި އަސްކަރީ ވިޔަފާރިވެރިންގެ މަޤުޞަދުތައް ހާސިލުކުރުމަށް ހިންގި ޖަރީމާއެއް ކަމުގައި ވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

ރަޝިއާގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު މަރިޔާ ޒަޚަރްވާ ވިދާޅުވީ، ޖަރުމަނުވިލާތުގެ މި ނިންމުމަށް އެކަށީގެންވާ ހައްޤު ރައްދެއް ދޭނެ ކަމުގައެވެ. އޭނާ ވިދާޅުވީ، ޖަރުމަނުވިލާތުން މަސައްކަތް ކުރަނީ ދޮގު ބަހަނާއެއް ދައްކައިގެން ދެ ޤައުމުގެ ގުޅުންތައް ގޯސްކުރުމަށް ކަމުގައެވެ. އަދި، ރަޝިއާއާ ދެކޮޅަށް ނިންމާ ހުރިހާ ނިންމުމަކަށް ވެސް މޮސްކޯއިން ރައްދު ދޭނެ ކަމުގެ ޔަގީންކަން އޭނާ އެރުވިއެވެ.