ފުޓުބޯޅައިގައި މުޅި ރާއްޖެ ޝާމިލުކޮށް، ބައިވެރިކުރުމުގެ އަޒުމުގައި މިދިޔަ އަހަރު ފެށި ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ދެވަނަ އެޑިޝަނުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެފްއޭއެމް އިން ބުނީ، އެ އެސޯސިއޭޝަންގެ 2026/2027 ވަނަ އަހަރުގެ ފުޓުބޯޅަ ކަލަންޑަރުގައި ހިމެނޭ އެޓޯލް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތް ފަށަން ތާވަލުކޮށްފައި ވަނީ 17 އޮކްޓޯބަރުގައި ކަމަށެވެ.
އެހެންކަމުން، މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ރަށްތަކުން، އެ އެސޯސިއޭޝަންގެ ވެބްސައިޓުގައިވާ އެކަމަށް ޙާއްސަ ފޯމު (https://famcompetitions.com/?tournament=tour_aj372ufe&apply=true) ފުރައި، ހުށަހަޅަންޖެހޭ ލިޔެކިޔުންތައް މި މަހުގެ 20ވަނަ ދުވަހުގެ ކުރިން ހުށަހެޅުމަށް އެފްއޭއެމް އިން ބުނެފައިވެއެވެ.
މުބާރާތުގައި ބައިވެރިވެވޭ މުއްދަތު ހަމަވެ، ޓީމުތައް ބައިވެރިވެ ނިމުމުން، ރީޖަންތަކުގައި މެޗުތައް ކުޅޭނެ ތާރީޚުތައް އަންގާނެކަމަށް ވެސް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
ފުޓުބޯޅައިގެ ބޭނުމަށް ރާއްޖެ ހަތަރު ސަރަހައްދަކަށް ނުވަތަ ރީޖަންއަކަށް ބަހާލައިގެން، އެޓޯލް ޗެމްޕިއަންޝިޕުން ފެށިގެން، ދިވެހި ޕްރިމިއަރ ލީގަށް ޕްރޮމޯޓުވެވޭ ގޮތަށް އުސޫލަށް ބަދަލު ގެނެސް، ފާއިތުވީ ސީޒަނުގައި އެފްއޭއެމް އިން ވަނީ ކާމިޔާބު މަސައްކަތްތަކެއް ކޮށްފައެވެ.
އެޓޯލް ޗެމްޕިއަންޝިޕުގައި ނަތީޖާ ނެރޭ ޓީމުތަކަށް ޒޯން ބުރެއް ބާއްވައި، އެއަށްފަހު ރީޖަނަލް ކޮލިފިކޭޝަންކުޅެ، އޭގެއިން ޓީމުތަކަށް މާލޭގައި ބާއްވާ ދިވެހި ލީގު ކޮލިފައިންގައި ވާދަކުރުމުގެ ފުރުސަތު މިހާރު އޮވެއެވެ. އަދި ލީގު ކޮލިފިކޭޝަންގައި ނަތީޖާ ނެރެގެން، ދިވެހި ލީގަށް ކޮލިފައި ވެވޭއިރު، މި މަހުގެ 10ވަނަ ދުވަހު ފަށާ މި ސީޒަނުގެ ދިވެހި ޕްރިމިއަރ ލީގުގައި މި މަރުހަލާތައް ކަނޑަތުކޮށް، ދިވެހި ލީގުން ޖާގަ ހޯދާފައިވާ ހއ. ދިއްދޫއާއި ގދ. ގައްދޫ ވާދަކުރާނެއެވެ.


އެފްއޭއެމް އިން މާޗު މަހު ބޭއްވި އޯޑިނަރީ ކޮންގްރެސްގެ ތެރެއިން. ފޮޓޯ: އެފްއޭއެމް
ގުޅިލައިމެހިފައިވާ ނިޒާމެއްގެ ތެރެއިން ދިވެހި ފުޓުބޯޅަ ކުރިއެރުވުމަށް އެފްއޭއެމް އިން ކުރަމުން އަންނަ މަސައްކަތުގައި ކަނޑައަޅާފައިވާ ރީޖަންތަކަކީ ނޯތު ރީޖަން، ސެންޓްރަލް ރީޖަން، މާލެ ރީޖަން އަދި ސައުތު ރީޖަންއެވެ. މި ރީޖަންތަކުގައި ފުޓުބޯޅައިގެ ކަންކަން ބެލެހެއްޓުމަށްޓަކައި އެފްއޭއެމް އިން ވަނީ ރީޖަނަލް ފުޓުބޯޅަ އެސޯސިއޭޝަންތަކެއް ގާއިމްކުރަން ނިންމާ، އެ އެސޯސިއޭޝަންތަކުގެ އޮފީސްތައް ޤާއިމްކުރާނެ ރަށްތައް ވެސް ކަނޑައަޅާފައެވެ.
މީގެތެރެއިން ނޯތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަންގެ އޮފީސް ޤާއިމްކުރަން ނިންމާފައި ވަނީ ހއ. ދިއްދޫގައެވެ. ސެންޓްރަލް ރީޖަން ފުޓުބޯޅަ އެސޯސިއޭޝަން އދ. މަހިބަދޫގައި ޤާއިމްކުރާއިރު މާލޭ ރީޖަން ފުޓުބޯޅަ އެސޯސިއޭޝަންގެ އޮފީސް ޤާއިމްކުރާނީ މާލޭގައެވެ. އަދި ސައުތު ރީޖަން ފުޓުބޯޅަ އެސޯސިއޭޝަންގެ އޮފީސް ޤާއިމްކުރަނީ ލ. ގަމުގައެވެ.
މީގެއިތުރުން، އެފްއޭއެމް ޑިވެލޮޕްމަންޓް އޮފީހެއް، ބ. އޭދަފުށީގައި ޤާއިމްކުރުމަށް ވެސް ވަނީ ނިންމާފައެވެ.