ފައިސާގެ ދަތިކަމާ ހުރެ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއަށް ފޯރުކޮށްދޭ އެހީގެ ދެބައިކުޅަ އެއްބައި މަދުކުރަން މަޖުބޫރުވެފައިވާ ކަމުގައި ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމުން (ޑަބްލިޔުއެފްޕީ) ހާމަކޮށްފިއެވެ. އެކުވެރި ދައުލަތްތަކުގެ (އދ) މި އިދާރާއިން ބުނީ، މާލީ ދަތިތަކާ ހުރެ އެހީ ފޯރުކޮށްދެވޭ މީހުންގެ ޢަދަދު 400،000 އިން 200،000 އަށް ދަށްކުރުމަށް މަޖުބޫރުވެފައިވާ ކަމުގައެވެ. މި ހިނގާ ސެޕްޓެންބަރު މަހުން ފެށިގެން އެ ސަރަޙައްދުގެ ޢާއިލާތަކަށް ދޭ ފައިސާއާއި ކާބޯތަކެތީގެ އިތުރުން މުހިންމު ޚިދުމަތްތައް އުނިކުރާނެ ކަމުގައި ވެސް އެ އިދާރާއިން ބުނެއެވެ. ހުޅަނގު އައްސޭރީގައި ކާބޯތަކެތީގެ ރައްކާތެރިކަން ނެތް 900،000 މީހުން ތިބިއިރު، އެހީ ދިނުމުގައި އިސްކަންދެނީ އެންމެ ނާޒުކު ޙާލަތުގައި ތިބި ފަރާތްތަކަށް ކަމުގައި ޑަބްލިޔުއެފްޕީން ފަލަސްޠީނަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ ޑިރެކްޓަރު ޝޯން ހިއުސް ވިދާޅުވިއެވެ.
ފަލަސްޠީނުގެ ޣައްޒާގައި 1.5 މިލިޔަން މީހުންނަށް ޑަބްލިއުއެފްޕީން އެހީތެރިކަން ފޯރުކޮށްދޭއިރު، އޭގެ ތެރެއިން އެއް މިލިޔަން މީހުންނަށް ކޮންމެ މަހަކު ކާބޯތަކެތީގެ އެހީ ލިބެއެވެ. ނަމަވެސް، މާލީ ދަތިކަމާ ހުރެ، އެ ސަރަޙައްދުގެ ގާތްގަނޑަކަށް 75،000 ޢާއިލާއަކަށް ދޭ ފައިސާގެ އެހީ ވަނީ މަދުކޮށްފައެވެ. އަދި 375،000 މީހުންނަށް ދޭ މާލީ އެހީގެ އަގު ނިމިދިޔަ ޖުލައި މަހު %40 އަށް ކުޑަކުރި ކަމުގައި އެ އިދާރާގެ ތަރުޖަމާނު ކްލެއަރ ނެވިލް ވިދާޅުވިއެވެ. ބަނޑަށްޖެހުމުގެ ހާލަތު ކުރިން އިޢުލާނުކުރި ނަމަވެސް، އެ ސަރަޙައްދު އަދިވެސް އޮތީ ކާރިސާއެއްގެ ޙާލަތުގައި ކަމުގައި ކާބޯތަކެތީގެ ޙާލަތު ދިރާސާކުރާ ބައިނަލްއަޤުވާމީ އިދާރާއިން ބުނެއެވެ. އެހެންކަމުން ބައިނަލްއަޤުވާމީ މުޖުތަމަޢުން ފަލަސްޠީނަށް ދޭ އެހީ އަވަހަށް އިތުރުކުރުމަށް ހިއުސް ވަނީ ގޮވައިލައްވާފައެވެ.
ކުރިއަށް އޮތް ހަ މަސްދުވަހަށް ޣައްޒާއާއި ހުޅަނގު އައްސޭރީގެ ދެ މިލިޔަން މީހުންނަށް އެހީ ފޯރުކޮށްދިނުމަށް 386 މިލިޔަން އެެމެރިކާ ޑޮލަރު ބޭނުންވާ ކަމުގައި ޑަބްލިއުއެފްޕީން އަންދާޒާ ކުރެއެވެ. އިންސާނީ އެހީގެ ބޭނުންތައް އިންތިހާއަށް ބޮޑުވެފައިވީ ނަމަވެސް، 2026 ވަނަ އަހަރަށް އދ އިން އެދިފައިވަނީ ބޭނުންވާ މިންވަރުގެ ދެބައިކުޅަ އެއްބަޔަށެވެ. އިންސާނިއްޔަތަށް ޓަކައި ޚިދުމަތްކުރާ އިދާރާތަކާއި އެހީދޭ ޖަމުޢިއްޔާތަކަށް އެމެރިކާއިން ފޯރުކޮށްދޭ މާލީ އެހީ ކަނޑައިލެއްވުމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ ގުޅިގެންނާއި ހުޅަނގުގެ ޤައުމުތަކުން އެހީ މަދުކުރުމުން އެ އިދާރާތަކާއި ޖަމުޢިއްޔާތަކަށް ވަނީ ގޮންޖެހުން ކުރިމަތިވެފައެވެ. މި ގޮތުން، 2025 ވަނަ އަހަރު ވެސް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ ޤައުމަކީ އެމެރިކާ ނަމަވެސް، އެ ޤައުމުގެ ހިއްސާ ވަނީ %15.6 އަށް ދަށްވެފައެވެ.
ހުޅަނގު އައްސޭރިއާއި ޣައްޒާއަށް ދޭ ކާބޯތަކެތީގެ އެހީ އދ އިން މަދުކޮށްފި
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed