މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހުޅުމާލެ ހިނގި އެކްސިޑެންޓުގައި ނިޔާވި ކުޑަކުއްޖާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާކަމަށް ބެލެވޭކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
ހުޅުމާލެ ދެވަނަ ފިޔަވަހީގެ ވިނަރެސް-7 ކައިރީގައި ހިނގި ހިތާމަވެރި އެކްސިޑެންޓެއްގައި، އުމުރުން 9 އަހަރުގެ ޒީވާ ސިނާން އަޙްމަދު ވަނީ ނިޔާވެފައެވެ. އޭނާ ނިޔާވީ އެކްސިޑެންޓުގައި ލިބުނު އަނިޔާތަކަށް ފަރުވާދެމުންދަނިކޮށް އިއްޔެ ފަތިހުގެ ވަގުތެއްގައެވެ.
މި މައްސަލަ ދިވެހި ފުލުހުންގެ ޚިދުމަތުން ތަހުގީގުކުރަން ފަށާފައިވާއިރު އެ ޚިދުމަތުން ވިދާޅުވީ އެ ހާދިސާ ހިނގި ސަރަޙައްދުގެ ވީޑިއޯ ފުޓޭޖާއި އެކްސިޑެންޓް ސީނުން ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި، އެކްސިޑެންޓް ހިނގަން މެދުވެރިވީ މަގުގެ އެއްފަރާތުގައި މަޑުކޮށްފައި އޮތް ކާރެއްގެ ޑްރައިވަރު، ކާރަށް އަރަން އުޅުމުގެ ތެރޭގައި ކަމަށެވެ. އަދި އެވަގުތު އެ ކާރު އޯވަޓޭކް ކުރަން ދިޔަ ސައިކަލު އެމީހާގެ ގައިގައި ޖެހި، ސައިކަލު މަގުގެ ކަނާތްފަރާތު ލޭނަށް ވެއްޓުނު ކަމަށްވެސް ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ އެވަގުތު އެ ލޭނުން ދުއްވާފައި އައި އެހެން ކާރެއް، ސައިކަލުން ވެއްޓުނު، ކުޑަކުއްޖާގެ ގައިގައި ޖެހިފައިވާކަމަށް ނުވަތަ އެ ކުއްޖާގެ ގައިމައްޗަށް ކާރު އަރާފައިވާކަމަށް ތަހުގީގަށް ބެލެވޭ ކަމަށެވެ. އެގޮތަށް ދިމާވީ ކާރަކަށް ކުއްލިއަކަށް މަޑުކުރަން ފުރުސަތު ނުލިބުމުންކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ނިޔާވި ކުއްޖާގެ ގައިގައި އެ ކާރުން ޖެހުނުކަން ނުވަތަ އެ ކާރު އެކުއްޖާގެ ގައިމައްޗަށް އަރާފައިވާކަން ކަށަވަރުކުރުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން، އެކްސިޑެންޓުގައި ހިމެނޭ 3 އުޅަނދު ޓޯކޮށް، އެ އުޅަނދުތައް ދުއްވި 3 މީހުންގެ ލައިސަންސްވެސް ވަނީ ހިފަހައްޓާފައެވެ. އަދި މަޑުކޮށްގެން އޮތް ކާރުގެ ޑްރައިވަރު އެ އުޅަނދު ދުއްވާފައިވަނީ އޭނާގެ ލައިސަންސް ކުރިންވެސް ހިފަހައްޓާފައި ވަނިކޮށް ކަމަށްވާތީ، ފުލުހުން ވަނީ އޭނާ ޖޫރިމަނާކޮށް ފިޔަވަޅު އަޅާފައެވެ.
ހުޅުމާލެ އެކްސިޑެންޓް: ކުއްޖާ ގައިގައި އެހެން ކާރަކުން ޖެހުނު ކަމަށް ބެލެވޭ
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed