އިނގިރޭސި ޕްރިމިއަރ ލީގުގެ އެވަޓަންއަށް ކުޅެމުންދިޔަ ސެނެގާލްގެ އިލިމަން އެންޑިއާޔޭ މެންޗެސްޓަރ ސިޓީއަށް ސޮއިކުރިއިރު ސިޓީއަށް ކުޅޭ ޖެކް ގްރީލިޝް ލޯން އެއްބަސްވުމެއްގެ ދަށުން އެވަޓަންއަށް ބަދަލުވެއްޖެއެވެ.
އުމުރުން 26 އަހަރުގެ އެންޑިއާޔޭ ސިޓީއަށް ބަދަލު ވެފައިވަނީ 65 މިލިއަން ޕައުންޑްގެ އަގަކަށެވެ. އެއީ ޓްރާންސްފަރ ފީގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ 60 މިލިއަން ޕައުންޑާއި އިތުރު ބައިތަކުގެ ގޮތުގައި ދިނުމަށް ހަމަޖެހިފައިވާ 5 މިލިއަން ޕައުންޑް ހިމަނައިގެންނެވެ. މަޢުލޫމާތުލިބޭގޮތުގައި އެންޑިއާޔޭ ސިޓީއަށް ސޮއިކޮށްފައިވަނީ 5 އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ.
ސިޓީއަށް ސޮއި ކުރުމަށްފަހު ވާހަކަ ދައްކަމުން އެންޑިއާޔޭ ބުނީ މިފަދަ ފުރުސަތެއް ލިބޭތޯ އޭނާގެ އުމުރުގައި ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައިވާކަމަށެވެ. އަދި ސިޓީއަކީ ދުނިޔޭގެ އެންމެ މޮޅެތި ކްލަބްތަކުގެ ތެރެއިން އެއް ކްލަބް ކަމަށާއި އޭނާ ބޮޑުވަމުން އައިއިރު ސިޓީއިން ހޯދަމުންދިޔަ ކާމިޔާބީތަށް ފެންނަމުންދިޔަ ކަމަށެވެ. އަދި އެފަދަ ކްލަބަކާއެކު އޭނާގެ ވާހަކަ ލިޔުމުގެ ފުރުސަތު ލިބިގެން ދިއުމަކީ ޔަހާތުގައި އެއްފަހަރު ލިބޭނެ ފުރުސަތެއް ކަމުގައި އެންޑިއާޔޭ ބުންޏެވެ. އަދި މިފުރުސަތުގެ ބޭނުން އެންމެ ރަނގަޅަށް ހިފަން ބޭނުން ކަމުގައި އޭނާ ބުންޏެވެ.
ސިޓީއަށް ބަދަލުވުމުގެ ކުރިން އެންޑިއާޔޭވަނީ ސައުދީ ޕްރޯ ލީގުގެ އަލް ހިލާލް އާއި ޕްރިމިއަރ ލީގުގެ ޓޮޓްނަމް ހޮޓްސްޕަރ އާވެސް ވާހަކަ ދައްކާފައެވެ. ނަމަވެސް ސްޕަރސްގެ ރިޗާލިސަން އެވަޓަންއަށް ބަދަލުވާގޮތަށް ކުރަން އުޅުނު ވިޔަފާރީ ކުރިއަށް ނުގެންދެވުނީ ރިޗާލިސަން އާއި އެވަޓަންގެ މެދުގައި އަމިއްލަ ކަންތައްތަކުގައި އެއްބަސްވުމަކަށް ނާދެވުމުންނެވެ.
ސިޓީއިން އެންޑިއާޔޭ އެޓީމަށް ސޮއިކުރިއިރު އިނގިރޭސި ޓްރާންސްފަރގެ ރިކޯޑް ފީއަކަށް އެންޒޯ ފެނާންޑޭޒްވެސް ވަނީ ސިޓީއާ ގުޅިފައެވެ. އެހެންކަމުން މިސީޒަންގައި ސިޓީއަށް ގެންދިޔަ ކުޅުންތެރިންގެ އަދަދު މިވަނީ 8 އަށް އަރާފައެވެ. އެއީ އެންޑިއާޔޭ އާއި ފެނާންޑޭޒްގެ އިތުރުން އެލިއޮޓް އެންޑަރސަން، ޖެރޮނިމޯ ރޫލީ، އައްޔޫބް ބުއާދީ، އެލަން އެލިއަސް، ޖެރެމީ މޮންގާ އަދި ޕިއަސް ޗާލްސް އެވެ.
އެންޑިއާޔޭ އެވަޓަން ދޫކޮށް ސިޓީއާއި ގުޅިފައިވާއިރު މިދިޔަ ސީޒަންގައިވެސް ލޯން އެއްބަސްވުމެއްގެ ދަށުން ސިޓީން އެވަޓަންއަށް ބަދަލުވި ގްރީލިޝް މިސީޒަންގައިވެސް މިވަނީ އެވަޓަންއަށް ބަދަލުވެފައެވެ. މިދިޔަ ސީޒަންގައި ގްރީލިޝް ވަނީ އެވަޓަން އަށް ކުޅުނު 20 މެޗުގައި 2 ލަނޑު ކާމިޔާބު ކޮށްދީ 6 އެސިސްޓް ކޮށްފައެވެ. މިސީޒަންގައި ގްރީލިޝް ގެންދަން އެހެން ކްލަބް ތަކުން މަސައްކަތް ކުރި ނަމަވެސް އޭނާ ބޭނުންވީ ސިޓީ ދޫކޮށްދާނަމަ ހަމައެކަނި އެވަޓަން އަށް ބަދަލުވާށެވެ.
އެންޑިއާޔޭ ސިޓީއަށް، ގްރީލިޝް އެވަޓަންއަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed