އިނގިރޭސި ޕްރިމިއަރ ލީގުގެ އެސްޓަން ވިލާއިން ސައުދީ ޕްރޯ ލީގުގެ އަލް ހިލާލަށް މިދިޔަ ހަފްތާގައި ސޮއިކުރި އިންގްލަންޑްގެ ފޯވަޑް އޮލީ ވޮޓްކިންސް އެޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ލަނޑު ޖަހައިފިއެވެ.

ވޮޓްކިންސް ލަނޑު ޖަހާފައިވަނީ އަލް އަހްލީއާ ދެކޮޅަށް ކުޅެ އަލް ހިލާލް 0-3 އިން މޮޅުވި މެޗުގައެވެ.

51 މިލިއަން ޕައުންޑްގެ އަގަކަށް އަލް ހިލާލާ ގުޅުނު ވޮޓްކިންސް މި މެޗު ފަށާފައިވަނީ ބެންޗުންނެވެ. މިސީޒަންގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ އަލް ހިލާލުން މެޗު ފަށާފައިވަނީ ވަރަށް ފޯރީގައެވެ. މި މެޗުގައި އަލް ހިލާލުން ކާމިޔާބު ކުރި ފުރަތަމަ ލަނޑު މެޗުގެ 9 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސަރުގެއި މިލިންކޮވިޗް ސެވިޗެވެ. އަދި މެޗުގެ 23 ވަނަ މިނެޓުގައި ކްރިސެންސިއޯ ސަމަރވީލް ޖަހައިދިން ލަނޑުން އަލް ހިލާލްވަނީ އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިމެޗުގައި އަލް ހިލާލުން ކުރަމުންދިޔަ މަސައްކަތް އިތުރަށް ފަސޭހަ ވެގެންދިޔައީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތްވަނަ މިނެޓްގައި އަލް އަހްލީއަށް ކުޅޭ މެރިހު ޑެމިރާލަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުންނެވެ.

ސިމޯނީ އިންޒާގީގެ ކޯޗު ކަމުގެ ދަށުން ކުޅެމުންދާ އަލް ހިލާލުން ވޮޓްކިންސް ކުޅެން އަރުވާފައިވަނީ ދެވަނަ ހާފު ފެށުމާއެކުއެވެ. އަދި މި މެޗުގައި އޭނާ ކާމިޔާބު ކުރި ލަނޑު މެޗުގެ 86 ވަނަ މިނެޓުގައި ކާމިޔާބު ކޮށްފައިވަނީ ސުލްތާން މަންޑާޝް ތަނަވަސްކޮށްދިން ފުރުސަތެއްގައެވެ.

މިކާމިޔާބީ އާއެކު އަލް ހިލާލް މިވަނީ މިހާތަނަށް ލީގުގައި ކުޅުނު ހަތަރު މެޗުވެސް ކާމިޔާބު ކޮށްފައެވެ. އަދި މިވަގުތު އުޅެނީ 4 މެޗުން ލިބިފައިވާ 12 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ. އެއީ އަލް ނަސްރު އާއި އެއްވަރަށް ޕޮއިންޓް ލިބި ނަމަވެސް ފައިދާ ގޯލަށް ބަލާއިރު ކުރި ލިބޭތީއެވެ.

2020 ވަނަ އަހަރު ބްރެންޓްފަޑް އިން ވިލާއަށް ބަދަލުވި ވޮޓްކިންސްވަނީ އެޓީމަށް ކުޅުނު ހަ ސީޒަންގައި ޕްރިމިއަރ ލީގުގައި 91 ލަނޑު އެޓީމަށް ކާމިޔާބު ކޮށްދީފައެވެ. އަދި މިދިޔަ ސީޒަންގައި ވިލާއަށް ޔޫރޮޕާ ލީގު ކާމިޔާބު ކޮށްދިނުމުގައިވެސް ވޮޓްކިންސް ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.