ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވުމަށް އެދި 700 އަށްވުރެ ގިނަ މީހުން ފޯމު ހުށަޙަޅައިފިއެވެ. މިމަޢުރަޒުގައި ބައިވެރިވުމުގެ މުއްދަތު މިދިޔަ ހޯމަ ދުވަހު ވަނީ ހަމަވެފައެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އިޤުތިޞާދީ ތަރައްޤީއާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މިފަހަރުގެ މައުރަޒުގައި ބައިވެރިވުމަށް 700 އަށްވުރެ ގިނަ ފޯމް ހުށަހަޅާފައިވާކަމަށެވެ. އަދި އެ އަދަދަކީ މިދިޔަ އަހަރު ބޭއްވި މައުރަޒަށް ހުށަހެޅި ފޯމްތަކާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެއްކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވެފައިވަނީ ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒު މައުރަޒަކީ ކުރިއަރަމުންދާ ވިޔަފާރިތަކާއި އަލަށް ވިޔަފާރިކުރަން ނުކުންނަ ފަރާތްތަކަށް އެމީހުންގެ ހުނަރާއި އުފެއްދުންތައް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުޞަތެއްކަމަށެވެ.


ދިވެހި އުފެއްދުންތެރިކަމުގެ މައުރަޒުގައި ބައިވެރިވާން މިދިޔަ އަހަރު ހުށަހެޅީ، 270އެއްހާ މީހުންނެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މަޢުރަޒަކީ، ދިވެހިރާއްޖޭގެ އުފެއްދުންތެރިންނާއި ހުނަރުވެރިންގެ ހުނަރާއި އުފެއްދުންތައް އެއްތަނަކުން ދައްކާލާ، މާކެޓު ކުރުމުގެ ފުރުޞަތު ހޯދައިދިނުމަށް އިންތިޒާމުކުރާ އެންމެ ބޮޑު މައުރަޒެވެ.

މިއަހަރުގެ މައުރަޒު އޮކްޓޯބަރު މަހުގެ ފަހު ހަފުތާގައި ބޭއްވުމަށް ހަމަޖެހިފައިވާއިރު، އެކަމާ ގުޅޭ މުހިންމު މަރުޙަލާތައް ފުރިހަމަކޮށް ތައްޔާރީތައް އަންނަނީ ވަމުންނެވެ. މިއަހަރު މައުރަޒަށް ގެނައި އެންމެ ބޮޑު އެއް ބަދަލަކީ، ކުރިމަތިލެވޭ އުމުރުފުރާއެވެ. ދިވެހިންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި މިއަހަރު 13 އަހަރުން މަތީގެ ކޮންމެ މީހަކަށް ބައިވެރިވެވޭ ގޮތަށްވަނީ ބަދަލުގެނެސްފައެވެ.

އުފެއްދުންތައް ދައްކާލުމުގެ އިތުރުން މި ހަރަކާތުގައި ވިޔަފާރިތައް މާކެޓު ކުރުމާއި، ތަކެތި ވިއްކުމަށް އެކި ޑިސްޓްރިކްޓުތައް ހިމެނެއެވެ. ދިވެހީންގެ އުފެއްދުންތެރިކަމުގެ މައުރަޒުގައި 16 ދާއިރާއަކުން 73 ގިންތިއެއްގައި އުފެއްދުންތަކާއި، ޚިދުމަތްތައް ދައްކާލުމުގެ ފުރުޞަތު ލިބޭނެއެވެ. މިއަހަރުގެ އުފެއްދުންތެރިކަމުގެ މައުރަޒު ބޭއްވުމަށް ހަމަޖެހިފައިވަނީ، އޮކްޓޯބަރު މަހުގެ 23އިން 31ވަނަ ދުވަހުގެ ނިޔަލަށެވެ.

ރާއްޖޭގައި ދިވެހި އުފެއްދުންތެރިންގެ ވިޔަފާރިތައް މާކެޓުކޮށް ކުރިއަރުވާ އާމްދަނީ އިތުރު ކުރުމަށް ފުރުޞަތު ފަހިކޮށްދިނުމަކީ، ސަރުކާރުން ވިޔަފާރީގެ ދާއިރާއިން ގެންގުޅޭ އެންމެ ބޮޑު އެއް ޢަމާޒެވެ.