ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށް ގާނޫނަށް ގެނައި އިސްލާހާއެކު، ޖީއެސްޓީ ނިޒާމަށް ވަދެފައިނުވާ ފަރާތްތަކެއް އެ ނިޒާމުގެ ތެރެއަށް ވެއްދި، ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެކަމަަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ މީރާއިން ވިދާޅުވެއްޖެއެވެ.
މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ބޭނުމަކީ މުޅިން އަލަށް ޓެކްސްއެއް ނަގައި ނުވަތަ ރައްޔިތުން އަތުން ޓެކްސް ނަގާ ރޭޓު މަތިކުރުމެއް ނޫނެވެ. މި އިސްލާހުގެ ބޭނުމަކީ ޓެކްސް ބޭސް ފުޅާކުރުން ނުވަތަ ޓެކްސް ނެގޭ ފަރާތްތައް އިތުރުކުރުމެވެ. އަދި މީގެ ސަބަބުން ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެ ކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން މީރާގެ ޑިރެކްޓަރ ޖެނެރަލް، ލާޖް ޓެކްސްޕެއަރ އެންޑް އިންޓަނޭޝަނަލް ޓެކްސް އޮޑިޓް ނަފާ ވަހީދު ވިދާޅުވީ، ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ނަގާ ޖީއެސްޓީއަކީ މީރާއިން އަލަށް ތައާރަފްކުރި ޓެކުހެއް ނޫން ކަމަށެވެ. އަދި ގާނޫނަށް ގެނައި އިސްލާހުގެ ބޭނުމަކީ ޖީއެސްޓީ ނިޒާމަށް ވަދެފައިނުވާ ފަރާތްތައް ރަޖިސްޓްރީކޮށް، ޖީއެސްޓީ ނެގުމުގެ ނިޒާމެއް ތައާރަފްކުރުންކަމަށް ނަފާ ވިދާޅުވިއެވެ.
"ދެން ބައެއް ޓެކްސް ދައްކާ ފަރާތްތަކަށް އޮޅިގެންވެސްދޭ ކަންނޭގެ އެބަ. އައު ޓެކްސްއެއް މިއައިއްޔޭ ކިޔާފަ. އެހެންނޫން މިވީކީ. ޖީއެސްޓީ ނިޒާމަށް ވަދެފައިނުވާ ފަރާތްތަކެއް މިހާރު މި އިސްލާހު ތެރެއަށް ވަދެވިގެން، އެފަރާތްތައް ރަޖިސްޓްރީ ކުރެވިގެން މިހާރު އެފަރާތްތަކުން ޓެކްސް ނަގަންޖެހޭ މުދަލާއި ހިދުމަތްތަކުން ޖީއެސްޓީ ނެގުމުގެ ނިޒާމެއް ތައާރަފްވެގެންމިދިޔައީ. އެހެންމަ މިހާރު ޖީއެސްޓީގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ފުރިހަމަކުރަންޖެޙޭ އިންތިޒާމުތަކަށް އެއްވެސް ބަދަލެއް ނާންނާނެ." ނަފާ ވިދާޅުވިއެވެ.


ޕީއެސްއެމް ނިއުސްގެ 'ރާއްޖެ މިއަދު' ޕްރޮގްރާމުގައި މީރާގެ ޑިރެކްޓަރ ޖެނެރަލް، ލާޖް ޓެކްސްޕެއަރ އެންޑް އިންޓަނޭޝަނަލް ޓެކްސް އޮޑިޓް ނަފާ ވަހީދު/ ފޮޓޯ ޕީއެސްއެމް ނިއުސް
އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓްސްގެ ތެރޭގައި ހިމެނޭ ބައެއް ތަކެއްޗާއި ޚިދުމަތްތަކަށް އަލިއަޅުއްވާލައްވަމުން ނަފާ ވިދާޅުވީ، މީގެ ތެރޭގައި ދިވެހިރާއްޖޭގައި ހިންގާ ޓޫރިސްޓް އެކޮމޮޑޭޝަން، ފަދަ ފަތުރުވެރިކަމާ ގުޅުންހުރި ތަކެއްޗާއި ޚިދުމަތްތައް ހިމެނޭ ކަމަށެވެ. އަދި މި ޓެކްސް ނެގެނީ ދިވެހިރާއްޖޭގައި ޓެކްސް ނެގޭ ދާއިމީ ތަނެއް ނެތި ވިޔަފާރިކުރާ ފަރާތްތަކުން، އިންބައުންޑް ޓޫރިޒަމް ޕްރޮޑަކްޓެއް ނުވަތަ އެއާ ގުޅޭ ބުކިންގއެއް ފޯރުކޮށްދޭނަމަ ކަމަށް ނަފާ ވިދާޅުވިއެވެ.
މިއީ ޓޫރިޒަމް ދާއިރާއަށް ހާއްސަކުރެެވިފައިވާ އިސްލާހެއްކަން ފާހަގަކުރައްވަމުން ނަފާ ވިދާޅުވީ، މި އިސްލާހުގެ ސަބަބުން މިހާރު ރާއްޖޭގައި ގާއިމްވެތިބެ މީރާގައި ރަޖިސްޓްރީކޮށްގެން ވިޔަފާރިކުރަމުންދާ ފަރާތްތަކަށް އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ހިދުމަތްތަކުން ނަގާ ޖީއެސްޓީއަށާއި، ޖީއެސްޓީ ބަޔާން ހުށަހެޅުމަށާއި، އަދި ޖީއެސްޓީ ހިސާބުކުރުމަށް ގެންގުޅޭ އުސޫލުތަކަށް އެއްވެސް ބަދަލެއް ނާންނަނެ ކަމަށްވެސް ނަފާ ވިދާޅުވިއެވެ.
"މިހާރު ޖީއެސްޓީއަށް ރަޖިސްޓްރީވެފައިވާ ފަރާތްތަކުން އެއީ ދިވެހިރާއްޖޭގައި ފޯރުކޮށްދޭ މުދަލާއި ޚިދުމަތްތަކުން މި ނަގާ ޖީއެސްޓީ އަދި އެ ފަރާތްތަކުން ހުށަހަޅަންޖެހޭ ޖީއެސްޓީ ބަޔާނަކަށްވެސް އަދި ޖީއެސްޓީ ހިސާބުކުރުމަށް މި ގެންގުޅޭ އުސޫލުތަކަކަށްވެސް އެއްވެސް ބަދަލެއް ނާދޭ. އެހެންވީމަ ކުރިންވެސް ހަމަ އެފަރާތްތަކުން ޖީއެސްޓީ ބަޔާން ހުށަހަޅުއްވާހެން މީރާކަނެކްޓް މެދުވެރިކޮށް ޖީއެސްޓީ ބަޔާން އަދި އެހެނިހެން ކަންތައްތައްވެސް ފުރިހަމަ ކުރުމުގެ މަސައްކަތްތައް ހަމަ ކުރިއަށްގެންދަންވީ." ނަފާ ވިދާޅުވިއެވެ.
ބޭރުގެ ޓުއަރ އޮޕަރޭޓަރުން އަތުން ޖީއެސްޓީ ނެގުން ލާޒިމުކުރުމަށް މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީޤުކުރެއްވީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ. މި ބިލް ތަސްދީޤުކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މި އިސްލާހާއެކު ދައުލަތުގެ އާމްދަނީ އިތުރުވެގެންދާނެކަމަށެވެ. އަދި މި ބިލު ޚާއްސަ ކުރެވިފައިވަ
ނީ ޓުއަރިޒަމް ދާއިރާއަށްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.