ބޯހިޔާވަހިކަމުގެ ސްކީމަށް ހުށައަޅާފައިވާ ފަރާތްތަކަށް މާކްސް ދިނުމުގެ އެންމެހާ މަސައްކަތްތައް ކުރިއަށްދަނީ ޑިޖިޓަލައިޒްޑް ސިސްޓަމްއެއްގެ ތެރެއިން އެއްވެސް ނުފޫޒެއް ނުފޯރުވޭގޮތަށްކަމަށް ބިނާރާއި ގެދޮރުވެރިކަމާ ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވެއްޖެއެވެ. މިއީ މިހާތަނަށް އެންމެ ހުޅުވަލެވިގެން ދެފުއްފެންނަ ގޮތަށް ކުރިއަށްގެންދާ މިފަދަ މަސައްކަތްކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

ބޯހިޔާވަހިކަމުގެ އެންމެހާ ކަންކަން މިފަހަރު ކުރިއަށްގެންދަނީ އެކަމަށް ޚާއްސަކޮށްފަވާ ޑޭޓާބޭސް އަދި އޮންލައިން ޕޯޓަލް މެދުވެރިކޮށެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަޙުމަދު ނާޒިމް މުޙައްމަދު ވިދާޅުވީ މިފަހަރު ބޯހިޔާވަހިކަން ލިބޭ މީހުން ކަނޑައެޅުމުގެ އެންމެހާ މަސައްކަތްތައް ގެންދާނީ، އެއަށް ނުފޫޒު ނުފޯރުވޭގޮތަށް އޮޓަމޭޓެޑް ސިސްޓަމްއެއްގެ ތެރެއިންކަމަށެވެ. ވެރިފިކޭޝަންގެ އެންމެހާ މަރުޚަލާތައްވެސް ދާނީ މި ސިސްޓަމްގެ ތެރެއިންނެވެ.

"މުޅި ޕްރޮސެސްއަކީ އެއްކޮށް ޑިޖިޓަލައިޒް ސިސްޓަމެއް. ކޮންމެ ކަމެއް، ކޮންމެ މަޢުލޫމާތެއް ލޮކްވާނެ. ކާކުކަން އެ މަސައްކަތެއް ކުރީ އިންގޭނެ. ސަރުކާރުން މިހާތަނަށް އެންމެ ހުޅުވާލެވިގެން، އެންމެ ދެފުއްފެންނަ ގޮތަށް ކުރިއަށްގެންދާ ސްކީމަށް ބޯހިޔާވަހިކަމުގެ މި ސްކީމް ވާނެ." ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.

ފޯމުތަކުގައި ހިމަނާފަވާ މަޢުލޫމާތު ކަށަވަރުކުރުމަށް، ގޯތި ގެދޮރާއި ބިންވެރިކަމާއި މިލްކުވެރިކަމާއި، ތަޢުލީމާއި އަދި ވަޒީފާއާއި ގުޅޭ މަޢުލޫމާތުތައް ކަމާ ގުޅުންހުރި ރަސްމީ އިދާރާތަކުން ހޯދާ، އެ މަޢުލޫމާތުތަކުގެ ޑޭޓާބޭސް އެއް ވަނީ އުފައްދާފައެވެ.

"ބޯހިޔާވަހިކަމުގެ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނޭ"
"ބޯހިޔާވަހިކަމުގެ ޕޯޓަލްއަށް އެއްވެސް ނުފޫޒެއް ނުފޯރުވޭނޭ"

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެނަށް" ސިޔާސަތުގެ މަޤުޞަދަކީ އެންމެ ބޭނުންޖެހިފައިވާ މީހުންނަށް ބޯހިޔާވަހިކަން ފަހިކޮށްދިނުމެވެ.

ނާޒިމް ވިދާޅުވީ ޑިޖިޓަލައިޒް ސިސްޓަމެއްގެ ތެރެއިން މި މަސައްކަތް ކުރިއަށްގެންދިއުމުން، ޕޯޓަލުގެ ތެރޭގައި ކުރިއަށްގެންދާ އެންމެހާ ކަންކަމުގެ ހުރިހާ މަޢުލޫމާތުތައް ރެކޯޑްވަމުންދާނެކަމަށެވެ. ޝައްކު އުފެދޭ އެވެސް ކަމެއް ހިނގައިފިނަމަ ވަގުތުން ބަލާ ޗެކްކުރެވޭނެއެވެ.

ފޯމު ހުށައެޅުމުގެ އެންމެހާ މަރުޚަލާތައް ކުރިއަށްގެންދިޔައީ ބޯހިޔާވަހިކަން ޕޯޓަލް މެދުވެރިކޮށެވެ. އަދި މިކަމާ ގުޅިގެން އަންގަންޖެހޭ އެންމެހާ ކަންކަމާއި، އެންމެހާ މުޢާމަލާތްތައްވެސް ކުރިއަށްގެންދާނީ މި ޕޯޓަލް މެދުވެރިކޮށެވެ.

ފޯމު ވެރިފައިކުރުމުގެ މަރުޚަލާތަކުގެ މަޢުލޫމާތުތައްވެސް ޕޯޓަލުގައި އަދާހަމަކުރަމުންދާނެއެވެ. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ ސްކީމަށް ހުޅުވާލާ، ފޯމު ހުށައެޅުމުގެ މަރުޚަލާ ނިމި، މިހާރު ކުރިއަށްދަނީ މަޢުލޫމާތުގެ ސައްހަކަން ދެނެގަތުމުގެ މަސައްކަތެވެ.