މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް ދޭ ފަރުވާގެ ނިޒާމާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް އަދި ޑޭޓާ ސައިންސްގެ ބޭނުން ހިފުމަށް ނޭޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއާއި ޗައިނާގެ ޔުނާން ޔުނިވަރސިޓީއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާންގެ އިތުރުން އެންޑީއޭގެ އިސްވެރިންނާއި ޗައިނާގެ ވަފުދުގެ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ. މި އެއްބަސްވުމުގައި އެންޑީއޭގެ ފަރާތުން ސޮއިކުރެއްވީ އެ އެޖެންސީގެ ޗެއަރޕާސަން، އަލްއުސްތާޛު އަޙްމަދު ޞިއްދީޤެވެ. އަދި ޔުނާން ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޑީން، ސްކޫލް އޮފް ސޮފްޓްވެއަރ އެންޑް އާރޓިފިޝަލް އިންޓެލިޖެންސް ޕްރޮފެސަރ ސައި ލީއެވެ.

ދާޚިލީ ވުޒާރާއިން ވިދާޅުވި ގޮތުގައި މި ފަހުމުނާމާގެ މައިގަނޑު މަޤުސަދަކީ ޒަމާނީ ޓެކްނޮލޮޖީއާއި އޭއައި ބޭނުންކޮށްގެން ފަރުވާގެ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމާއި، ދާއިރާއިން ދިރާސާތައް ކުރުމުގެ އިތުރުން ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. އަދި އެންޑީއޭގެ މުވައްޒަފުންނަށް ޚާއްޞަ ތަމްރީނުތައް ދީ، އެ ފަރާތްތަކުގެ ޤާބިލުކަން އިތުރުކުރުމަކީވެސް މި އެއްބަސްވުމުގެ މުހިންމު ބައެއް ކަމަށް ވިދާޅުވިއެވެ.

މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ، އެންޑީއޭގައެވެ.

މަސްތުވާތަކެތީގެ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އޭއައި ބޭނުންކުރަނީ
މަސްތުވާތަކެތީގެ ފަރުވާއާއި ނަފްސާނީ ދުޅަހެޔޮ ކަމަށް އޭއައި ބޭނުންކުރަނީ

މި އެއްބަސްވުމާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން އެންޑީއޭގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް ޢަބްދުﷲ ފަސީޙް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި މައިގަނޑު ގޮތެއްގައި މަސައްކަތް ކުރައްވާނީ ދިވެހިންގެ ވެއްޓާ އެންމެ ގުޅޭ އަދި ރައްޓެހި ގޮތްތަކަކީ ކޮބައިތޯ ބަލައި، އޭއައި ބޭނުންކޮށްގެން އެންޑީއޭގެ ޚިދުމަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ކަމަށެވެ.

ޚާއްޞަކޮށް، ނަފްސާނީ ޞިއްޙަތާ ގުޅުންހުރި ކަންކަމުގައި މީހުންނާ ވާހަކަ ދައްކައި ޙިއްޞާކުރުމަކީ ގިނަ ފަހަރަށް މީހުންނަށް ދަތި، އުނދަގޫ ކަމެއްކަން ފާހަގަކުރައްވައި ފަސީޙް ވިދާޅުވީ، އެފަދަ ގޮންޖެހުންތައް ވީހާވެސް ކުޑަކުރުމަށް އޭއައި މެދުވެރިކޮށް އެސެސްމެންޓްތައް ހެދޭނެ ކަމަށެވެ. އަދި ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރެވިދާނެ ކަންކަން ދެނެގަނެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.

މީގެއިތުރުން، މި ފަހުމުނާމާގެ ސަބަބުން އެންޑީއޭގެ މުވައްޒަފުންނަށް ބައިނަލްއަޤްވާމީ ފެންވަރުގެ ތަމްރީނާއި ތަޖުރިބާ ލިބި، ރާއްޖޭގައި މަސްތުވާތަކެއްޗަށް ފަރުވާދިނުމުގެ ދާއިރާއަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށްވެސް ފަސީޙް ވިދާޅުވިއެވެ.