ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތަކާއި ފަރުވާ އިތުރަށް ފުރިހަމަކުރުމަށްޓަކައި، އާޓިފިޝަލް އިންޓެލިޖެންސް، އޭއައި އަދި ޑޭޓާ ސައިންސް ބޭނުންކުރުމަށް ޗައިނާގެ ޔުނާން ޔުނިވަރސިޓީ އާއި ނޭޝަނަލް ޑްރަގް އެޖެންސީއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އެންޑީއޭގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ، ޗެއާޕާސަން، އަލްއުސްތާޛު އަޙްމަދު ޞިއްދީޤުއެވެ. މި ފަހުމުނާމާގެ ސަބަބުން ‏މަސްތުވާތަކެތީގެ ވަބާއިން މީހުން ސަލާމަތްކުރުމަށް މިހާރު ދެމުންދާ ފަރުވާ އާއި ނަފްސާނީ ދުޅަހެޔޮކަމުގެ ޚިދުމަތްތައް ތަރައްގީކުރުމަށް އޭއައި އަދި ޑޭޓާ ސައިންސް ބޭނުންކުރުމަށް އެކި ދާއިރާތަކުން ގުޅިގެން މަސައްކަތްކުރުމަށް މަގުފަހިވާނެއެވެ.

މި ފަހުމުނާމާގެ ދަށުން އޭއައި ބޭނުންކޮށްގެން ހައްލުތައް ހޯދުމާއި، ދިރާސާކުރުމާއި، ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ތަމްރީނު ދިނުމާއި މުވައްޒަފުންގެ ގާބިލުކަން އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށް އެންޑީއޭއިން ވިދާޅުވެއެވެ. މި މަޝްރޫއުގެ މަސައްކަތްތައް މައިގަނޑު ގޮތެއްގައި ކުރިއަށްދާނީ ނޭޝަނަލް ޑްރަގް އެޖެންސީގައެވެ.

މިއަދު ސޮއިކުރި މި ފަހުމުނާމާއާ ގުޅޭގޮތުން އެންޑީއޭގެ އެޖެންސީގެ ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އަބްދުﷲ ފަސީހް ވިދާޅުވީ ކުރިއަށް އޮތްތަނުގައިދިވެހިންނާ ރައްޓެހި ގޮތްތަކަކަށް އޭއައިގެ ޚިދުމަތްތައް ބައްޓަންކޮށް، އޭއައި ބޭނުންކޮށްގެން އެންޑީއޭއިން ކުރަމުން އަންނަ މަސައްކަތްތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުންދާކަމަށެވެ.

އެންޑީއޭގެ މަސައްކަތްތަކުގައި އޭއައި ބޭނުންކުރަން ފަށަނީ
އެންޑީއޭގެ މަސައްކަތްތަކުގައި އޭއައި ބޭނުންކުރަން ފަށަނީ

"މިދެންނެވީ ނަފްސާނީ ސިއްހަތާ ގުޅުން ހުރި ކަންތައްތަކަކީ އިތުރު އެހެން މީހަކާ ވާހަކަ ދައްކަންވީމަ އެހާ ފަސޭހަ ކަމަކަށް ނުވެދާނެ. އެ ޗެލެންޖުތައް ވީހާވެސް ކުޑަކުރުމުގެ ގޮތުން އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެސެސްމެންޓް ހެދުމާއި، އިތުރަށް ހަރުދަނާ ކުރުމަށް ކުރެވިދާނެ ކަންކަން ހޯދުން." ޑެޕިއުޓީ ޑައިރެކްޓަރ ޖެނެރަލް އަބްދުﷲ ފަސީހް ވިދަޅުވިއެވެ.

މި ފަހުމުނާމާގެ ދަށުން އެންޑީއޭގެ މުވައްޒަފުންނަށް ކަމާއި ގުޅުން ހުރި އިތުރު ތަމްރީނާ ތަޖުރިބާ ފޯރުކޮށްދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މި ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން އާއި އެންޑީއޭގެ އިސް ބޭފުޅުންގެ އިތުރުން ޗައިނާގެ ވަފުދުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.