އިންސާނީ އެހީ ފޯރުކޮށްދިނުމުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށް ހިންގާ އަނިޔާވެރި އަމަލުތައް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި ސޯޝަލް މީޑިއާގައި ހިއްސާ ކުރެއްވި ޕޯސްޓެއްގައެވެ.
ދުވަހާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަހުގެ މުނާސަބަތުގައި، އިންސާނިއްޔަތަށްޓަކައި އަމިއްލަ ފުރާނަ އަތްމައްޗަށްލައިގެން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މަސައްކަތްކުރަމުންދާ އިންސާނީ ޚިދުމަތްތެރިންނާއެކު ސާބިތުކަމާއެކު ތިބިކަމަށެވެ.
ރައީސްގެ މެސެޖްގައި ވިދާޅުވީ އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ މިންވަރު އިތުރުވަމުންދާ މި ދަނޑިވަޅުގައި، އާންމު ރައްޔިތުންނާއި އެހީދޭ ފަރާތްތައް ހިމާޔަތްކުރުމުގައި ދުނިޔެ ނުކުޅެދިފައިވާކަން އެންމެ ބޮޑަށް ފެންނަމުންދަނީ ޣައްޒާއިންކަމަށެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުރަސްއެޅުމާއި، އެހީދޭ މުވައްޒަފުންނަށް އަމާޒުކޮށް ހިންގާ އަނިޔާވެރި އަމަލުތައް ދިވެހިރާއްޖެއިން ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމަށް ރައީސްގެ މެސެޖްގައި ވަނީ ވިދާޅުވެފައެވެ. އަދި މިހާރުން މިހާރަށް ދާއިމީ ގޮތެއްގައި ހަމަލާތައް ހުއްޓާލުމަށް ގޮވާލާ ގޮވާލުން އެމަނިކުފާނު ވަނީ ތަކުރާރުކުރައްވާފައެވެ.
On#WorldHumanitarianDay, we stand in solidarity with humanitarian personnel around the world who risk their lives in the service of humanity.
At a time of growing humanitarian need, nowhere is the failure to protect civilians and aid workers more evident than in Gaza. The…pic.twitter.com/DkuRXh750F— Dr Mohamed Muizzu (@MMuizzu)August 19, 2026
ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވަނީ އިންސާނީ ޚިދުމަތުގައި ދެމިތިބި ފަރާތްތަކާއި، އެހެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަމިއްލަ ފުރާނައިން ގުރުބާންވި ފަރާތްތަކުގެ އަގުވަޒަންކޮށް، އެފަރާތްތަކަށް އިހުތިރާމް އަދާކުރައްވާފައެވެ. އެފަރާތްތަކުން ދައްކުވައިދިން ހިތްވަރަކީ، ބައިނަލްއަގުވާމީ އިންސާނީ ގާނޫނުތައް ނެގެހެއްޓުމަށާއި، ހުރިހާ އިންސާނީ ޚިދުމަތްތެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަކީ މުހިންމުކަމެއްކަމަށެވެ.
ކޮންމެ އަހަރެއްގެ އޮގަސްޓް މަހުގެ 19 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ އިންސާނީ އެހީތެރިކަމުގެ ދުވަހުގެ ގޮތުގައެވެ. މި ދުވަސް ފާހަގަކުރަނީ އިންސާނީ ޚިދުމަތުގައި ދެމިތިއްބާ މަރުވި ނުވަތަ އަނިޔާވި ފަރާތްތަކުގެ ޒިކުރާ އާކޮށް އެފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ. މީގެ އިތުރުން، މި ދުވަސް ފާހަގަކުރުމުގެ އަނެއް ބޭނުމަކީ އިންސާނީ އެހީތެރިކަމަށް ބޭނުންވެފައިވާ ކަންކަމަށް ދުނިޔޭގެ ސަމާލުކަން އިތުރުކުރުމަށާއި، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ކުރިމަތިވާ ކާރިސާތަކުގައި އާންމު ރައްޔިތުންނާއި އެހީދޭ މުވައްޒަފުންގެ ރައްކާތެރިކަމާއި ހިމާޔަތް ކަށަވަރުކުރުމަށް ވަކާލާތުކުރުމެވެ.