މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ދިވެހި ދަރިވަރުންނަށާއި ދަސްވެނިންނަށް އަމަލީ ތަޖުރިބާ ހޯދައިދިނުމުގެ މަގުސަދުގައި ކުރިއަށްގެންދާ އިންޓާންޝިޕް ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމަކީ، މަރުކަޒީ ބޭންކުގެ މަސައްކަތްތަކާއި މާލީ ދާއިރާގެ ތަޖުރިބާ ހޯދުމަށް ބޭނުންވާ ފަރާތްތަކަށް ހުޅުވާލާފައިވާ ރަނގަޅު ފުރުސަތެކެވެ. މި ފަހަރުގެ އިންޓާންޝިޕް ޕްރޮގްރާމުގައި ޖުމްލަ 10 ފުރުސަތު ހުޅުވާލާފައިވެއެވެ.
އެމްއެމްއޭއިން ވިދާޅުވީ، މި އިންޓާންޝިޕް ޕްރޮގްރާމަކީ އޯލެވެލް، އޭލެވެލް، ޑިގްރީ ނުވަތަ މާސްޓާޒް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕްރޮގްރާމެއް ކަމަށެވެ. އަދި މި ޕްރޮގްރާމުގެ 2 ހަފުތާއާއި 1 އަހަރާ ދެމެދުގެ މުއްދަތަކަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
އިންޓާންޝިޕަށް ހޮވޭ ފަރާތްތަކުގެ މަސައްކަތު ގަޑިއަކީ، ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:00 އިން މެންދުރުފަހު 3:00 އެވެ.
އެމްއެމްއޭއިން ވިދާޅުވީ، މި އިންޓާންޝިޕު ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކުގެ ތަޢުލީމީ ފެންވަރަށް ބަލައި އުޖޫރަ ކަނޑައެޅިފައިވާ ކަމަށެވެ. އެގޮތުން އޯލެވެލް އަދި އޭލެވެލް ހަދާފައިވާ ފަރާތްތަކަށް 8،000 ރުފިޔާ ކަނޑައަޅާފައިވާއިރު، ޑިގްރީއެއް ހަދާފައިވާނަމަ 9،000 ރުފިޔާ އަދި މާސްޓާސް ހަދާފައިވާނަމަ 10،000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ.
Applications are now open for the MMA Internship Programme!
Students and recent graduates are invited to gain valuable hands-on experience at the Maldives Monetary Authority across a range of professional fields.
Apply throughhttps://t.co/dy5Syrsb25or scan the QR code.…pic.twitter.com/xXOKrHmsjo— MMA (@MMA_Maldives)August 5, 2026
އެމްއެމްއޭގެ މި އިންޓާންޝިޕް ޕްރޮގްރާމުގައި އޯލެވެލް އަދި އޭލެވެލް ހަދާފައިވާ ފަރާތްތަކަށް ވަކިދާއިރާތަކެއް އަދި ޑިގްރީއާއި މާސްޓާސް ހަދާފައިވާ ފަރާތްތަކަށް ވަކި ދާއިރާތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން މި ޕްރޮގްރާމުގެ ދަށުން އިކޮނޮމިކްސް، އައިޓީ، މީޑިއާ އެންޑް ކޮމިއުނިކޭޝަން، ލީގަލް، ބޭންކިން، އެކައުންޓިން އަދި އެޑްމިނިސްޓްރޭޝަން ފަދަ ތަފާތު ދާއިރާތަކުން ތަޖުރިބާ ހޯދުމުގެ ފުރުސަތު ލިބޭނެކަމަށް އެމްއެމްއޭއިން މައުލޫމާތުދެއްވައެވެ.
މި ޕްރޮގްރާމަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ، މިމަހުގެ 13 ވަނަ ދުވަހެވެ. މި ޕްރޮގްރާމަށް ކުރިމަތިލާ ފަރާތްތަކުން ސަރުކާރުގެ ކެރިއަރ ޕޯޓަލް (careers.gov.mv) މެދުވެރިކޮށް ފޯމު ހުށަހަޅަން ޖެހޭނެއެވެ. ހުށަހަޅަންޖެހޭ ލިޔެކިޔުންތަކުގެ ތެރޭގައި ވަނަވަރު ނުވަތަ "ސީވީ"އާއި، ތަޢުލީމީ ސެޓުފިކެޓުތައް ހިމެނެއެވެ. އަދި 18 އަހަރު ނުފުރޭ ކުދިންނަށް ބެލެނިވެރިޔާގެ އިއުތިރާޒެއް ނެތްކަމުގެ ލިޔުން ބޭނުންވާނެކަމަށް އެމްއެމްއޭއިން މައުލޫމާތުދެއްވައެވެ.
ޕްރޮގްރާމަށް ޝޯޓްލިސްޓް ކުރާ ފަރާތްތައް ހޮވުމުގައި މާލީ ދާއިރާއަށް ހުރި ޝައުގުވެރިކަމާއި، ލީޑަރޝިޕް ހުނަރާއި، މުއާމަލާތް ކުރުމުގެ ޤާބިލުކަމަށް ބަލާނެ ކަމަށް އެމްއެމްއޭއިން ވިދާޅުވިއެވެ.