ކޮންމެ އަހަރެއްގެވެސް ސްކޫލު ބަންދާއި ދިމާކޮށް ޢުމްރާގެ އަޅުކަން އަދާކުރުމަށް ރާއްޖެއިން އެތަށް ބަޔަކު މައްކާއަށް ދެއެވެ. އެގޮތުން މި އަހަރުގެ ފުރަތަމަ ޓާމުގެ ސްކޫލު ބަންދުގައިވެސް ގިނަ އަދަދެއްގެ ދިވެހިން ވަނީ ޢުމްރާގެ އަޅުކަމަށް ގޮސްފައެވެ.
މިދުވަސްވަރަކީ، ހިމަބިއްސާއި އެކި ކަހަލަ ގައިން ގަޔަށް އަރާ ބަލިތައް ފެތުރެމުންދާ ދުވަސްވަރެއްކަމުން އެޗްޕީއޭއިން ދަނީ ބަލިތަކުން ރައްކާތެރިވުމަށް ސޯޝަލް މީޑިއާގެ އެކި މަންސަތައް މެދުވެރިކޮށް މީހުން ހޭލުންތެރި ކުރުމަށް މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން އެޗްޕީއޭއިން ވަނީ ޢުމްރާއިން އަންނަ މީހުންނަށް އަމާޒުކޮށްގެން މީސްމީޑިއާ މެދުވެރިކޮށް ބަލިތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ކަންކަން ހިއްސާކުރައްވާފައެވެ. އޭގެ ތެރޭގައި 8 ކަމެއް ހިމެނެއެވެ.
ސަމާލުކަން ދޭންވީ ކަންތައްތައް:
- 1- އަރިދަފުސް ރޯގާޖެހިއްޖެނަމަ ކެއްސާ، ކިނބިހި އަޅާއިރު އަނގަމައްޗާއި ނޭފަތް ނިވާކުރުން
- 2- ޓިޝޫ ފަދަ ތަކެތި ބޭނުން ކުރުމަށްފަހު ރައްކާތެރި ގޮތުގައި ނައްތާލުން
- 3- ގިނަގިނައިން ސައިބޯނި ލައިގެން އަތް ދޮވުން
- 4- ދަތުރުމަތީގައާއި ޢުމްރާ އަދާކުރުމުގައި އުޅޭއިރު މާސްކު އަޅައިގެން އުޅުން
- 5- ރޯގާޖެހި ކެއްސާނަމަ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިއުން
- 6- ރޯގާ ޖެހިފައިވާނަމަ ކުޑަކުދިން ކައިރިއަށް ނުދިއުން އަދި ކުދިން އުރާ ނުހެދުން
- 7- ޢުމްރާއިން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި އެއްވެސް ބައްޔެއްގެ އަލާމާތެއް ފެންނަނަމަ ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން
- 8- ޑޮކްޓަރަށް ދައްކާއިރު ޙައްޖުން ނުވަތަ ޢުމްރާއިން އެނބުރި އައި މީހެއްކަމުގެ މައުލޫމާތު ދިނުން
މީގެއިތުރުން ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ ގޭގައި ތިބެގެން ފަރުވާ ހޯދޭނެ ގޮތްތަށްވެސް އެޗްޕީއޭއިން ހިއްސާކުރައްވާފައިވެއެވެ.
ހުން އަދި އަރިދަފުސް ރޯގާ ޖެހިއްޖެނަމަ، ގޭގައި ދެވިދާނެ ފަރުވާތައް:
- 1- ގިނަގިނައިން ދިޔާތަކެތި ބޭނުންކުރުން
- 2- އަރާމުކުރުން
- 3- ހުން ގަދަނަމަ ގައިގައި ފެން ހޭކުން
- 4- ޕެރެސެޓަމޯލް ފިޔަވައި އެހެން ބޭހެއް ޑޮކްޓަރުގެ މަޝްވަރާއާ ނުލާ ބޭނުން ނުކުރުން
ރާއްޖެއިން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރަންދާ މީހުންގެ އަދަދު މިފަހުން ވަނީ، ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. ޚާއްސަކޮށް ސްކޫލު ޗުއްޓީއާއި އަދި ރަމަޟާން މަސް ފަދަ މަސްތަކުގައި ޢުމްރާގެ އަޅުކަން އަދާކުރުމަށް ދާ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.
މިއަހަރުގެ ފުރަތަމަ ޓާމުގެ ސްކޫލު ބަންދުގައިވެސް ގިނަ އަދަދެއްގެ މީހުން ވަނީ ޢުމްރާގެ އަޅުކަމަށް ގޮސްފައެވެ. އެގޮތުން މިދިޔަ މަހު އެކި އެކި ޖަމާޢަތްތަކުގައި ރާއްޖެއިން 5 ހާހަށްވުރެ ގިނަ މީހުން ޢުމްރާއަށް ގޮސްފައިވެއެވެ.