ޖަޕާނުގެ ދެކުނުގެ ސަރަޙައްދަށް އައި ބާރުގަދަ ބިންހެލުމުމުގައި މަރުވި މީހުންގެ ޢަދަދު 25 އަށް އަރައިފިއެވެ.
ރިކްޓަރ މިންގަނޑުން 7.1 މެގްނިޓިއުޑްގެ ބިންހެލުމުގެ ސަބަބުން ޔަޓްސުޝިރޯ ފަދަ ސިޓީތަކުގެ ގެދޮރަށާއި މަގުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، މި ދުވަސްވަރަކީ ހޫނުގަދަ ދުވަސްވަރަކަށް ވުމުން ފެނާއި ކަރަންޓުގެ ޚިދުމަތް މެދުކެނޑުމުގެ ސަބަބުން އާންމުން ވަނީ ވަރަށް ބޮޑު ނުރައްކަލަކަށް ހުށަހެޅިފައެވެ.
ޔަޓްސުޝިރޯ ސިޓީގެ ގާތްގަނޑަކަށް 58،000 ގޭބިސީއަށް ބުރާސްފަތި ދުވަހާ ހަމައަށް ވެސް ފެނާއި ކަރަންޓުގެ ޚިދުމަތް ލިބިފައެއް ނުވެއެވެ. ހާލުގައި ޖެހިފައިވާ މީހުންނަށް އެހީ ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި އިސްކޮށް ޙަރަކާތްތެރިވާ އޮފިޝަލަކު ވިދާޅުވީ، ފެން ހޮޅިތަކަށް ލިބިފައިވާ ގެއްލުންތައް މަރާމާތުކޮށް ނިންމާލެވޭނެ ވަކި މުއްދަތެއް އަދި އަންދާޒާ ކުރަންވެސް ނޭނގޭ ކަމަށެވެ.
"މިހާ ހޫނުގަދަ ދުވަސްވަރެއްގައި ފެނުގެ ޚިދުމަތް މެދުކެނޑުމަކީ ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުން،" އޭނާ ވިދާޅުވިއެވެ.
އެ ސިޓީގެ ނަރުދަމާ ނިޒާމަށް ގެއްލުންވުމުގެ ސަބަބުން، އޮފިޝަލުން ވަނީ މަގުމަތީގައި ވަގުތީ ފާޚާނާތައް ބަހައްޓާފައެވެ. މި ދުވަސްވަރު އެ ސަރަހައްދުގެ ފިނިހޫނުމިން ހުރީ 35 ޑިގްރީ ސެލްސިއަސްގައެވެ. އެ ސަރަޙައްދަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިން ބުނި ގޮތުގައި، މާދަމާގެ ހަވީރާ ހަމައަށް ކަރަންޓުގެ ޚިދުމަތް އަލުން ދެވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
ކުމާމޮޓޯ ޕްރިފެކްޗަރަލް ސަރުކާރުން ހާމަކުރި ގޮތުގައި މަރުވި މީހުންގެ ތެރޭގައި ގިނައީ ބޮޑެތި އިމާރާތްތަކަށް ލިބުނު ގެއްލުންތަކުގެ ސަބަބުން މަރުވި މީހުންނެވެ. މީގެ އިތުރުން މަރުވެފައިވާ އިތުރު ނުވަ މީހެއްގެ މަރުގެ ޙާދިސާއަކީ ބިންހެލުމާ ގުޅުންހުރި ކަމެއްތޯ ބެލުމަށް ތަޙުޤީޤު ކުރަމުންދާ ކަމަށްވެސް ބުނެފައިވެއެވެ.
ކުރިއަށް އޮތް ހަފްތާ ބަންދުގެ ތެރޭގައި ފިނިހޫނުމިން 40 ޑިގްރީއަށް އުފުލޭނެ ކަމަށް ލަފާކުރެވޭތީ، ހޫނު ގަދަވުމުގެ ސަބަބުން ސިއްޙީ މައްސަލަތައް ކުރިމަތިވެދާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.
ޖަޕާނުގެ އަސްކަރިއްޔާއިން (އެސްޑީއެފް) ދަނީ ހާލުގައި ޖެހިފައިވާ މީހުން ތިބި ވަގުތީ ހިޔާތަކުގައި 300 އެއާކޮންޑިޝަން ޔުނިޓް ހަރުކޮށް، ސިޓީގެ އެކި ހިސާބުތަކަށް ފެން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
ޖަޕާނަކީ ދުނިޔޭގައި އެންމެ ގިނަ ޢަދަދެއްގެ އަލިފާން ފަރުބަދަތައް އޮންނަ 'ރިންގ އޮފް ފަޔަރ' ގެ ނަންދީފައިވާ ސަރަޙައްދުގައި އޮންނަ ޤައުމަކަށް ވުމުން، ދުނިޔެއަށް އަންނަ ބާރުގަދަ ބިންހެލުންތަކުގެ އަސަރު އެ ޤައުމަށް ކުރެއެވެ.
މި ބިންހެލުމުގެ ސަބަބުން ޓޮޔޯޓާ، ހޮންޑާ، ސޮނީ އަދި ޓީއެސްއެމްސީ ފަދަ ބޮޑެތި ކުންފުނިތަކުގެ މަސައްކަތްތައް ވަނީ ވަގުތީ ގޮތުން މެދުކަނޑާލައިފައެވެ.
ޖަޕާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ، ބިންހެލުމުގައި ގެއްލުން ލިބިފައިވާ އުމްރާނީ ވަޞީލަތްތައް މަރާމާތުކޮށް، އިޤްތިޞާދަށް ކުރާނެ އަސަރުތައް ކުޑަކުރުމަށެވެ.
ޖަޕާނު ބިންހެލުމުގައި މަރުވި މީހުންގެ ޢަދަދު 25އަށް
Lead photo
ތަންތީގައި އެއްބަސް
މި ޚަބަރު ބައިވެރިކޮށްފި ތަންތީގައި ހުޅުވާ އެއްބަސްތަކެއް.
Back to feed