ބޮޑުތަކުރުފާނުމަގުގައި ފެންބޮޑުވަނީ އެ މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތް ނުނިމޭތީކަމަށް އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
އެމްޓީސީސީއިން މިހެން ވިދާޅުވީ މިހާރު ކުރަމުންދާ ވިއްސާރައިގައި ބޮޑުތަކުރުފާނުމަގުގެ އަލަށް ތަރައްޤީކުރިބައިގައި ފެންބޮޑުވާ މައްސަލައާ ގުޅިގެން ނެރުއްވި ބަޔާނުގައެވެ.
އެމްޓީސީސީން ވިދާޅުވީ އެ ކުންފުންޏާއި ދިވެހި ސަރުކާރުން ހަވާލުކުރައްވައިގެން ތަރައްޤީކޮށްފައިވާ ބޮޑުތަކުރުފާނުމަގު އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވާއިރު، އެ މަގުގައި ފުރިހަމަކުރަންޖެހޭ އިތުރު މަސައްކަތްތައް ހުރިކަން މިމަހުގެ 24 ވަނަ ދުވަހު ނެރުނު ބަޔާނުގައިވެސް ފާހަގަކޮށްފައިވާނެކަމަށެވެ.


ބޮޑުތަކުރުފާނުމަގުގައި ޕަމްޕު ސްޓޭޝަންގެ މަސައްކަތް ކުރުން / ފޮޓޯ: އެމްޓީސީސީ
އެގޮތުން މަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަންގެ މަސައްކަތް އަދި އޮތީ ފުރިހަމަ ނުކުރެވިކަން މީގެކުރިން ހާމަކޮށްފައިވާނޭކަމަަށް އެމްޓީސީސީން ވިދާޅުވެއެވެ. ނަމަވެސް އަންނަމަހުގެ 15 ވަނަ ދުވަހުގެ ކުރިން ބޮޑުތަކުރުފާނުމަގުގައި ބެހެއްޓުމަށް ހަމަޖެހިފައިވާ 3 ޕަމްޕު ސްޓޭޝަން ބަހައްޓައި ޓެސްޓުކޮށް އަދި ކޮމިޝަންކުރުމަށް ހަމަޖެހިފައިވާކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. މި މުއްދަތުގައިވެސް މާލެއަށް ކުރާ މޫސުމީ ވިއްސާރައާ ގުޅިގެން ބޮޑުތަކުރުފާނުމަގުގައި ފެން ބޮޑުވާނަމަ ފެން ހިންދުމުގެ މަސައްކަތް އެ ކުންފުނިން ކުރަމުން ގެންދާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ މަސައްކަތް ނިންމައި، އާންމުންނަށް ހުޅުވާލާފައިވަނީ މިމަހުގެ 24 ދުވަހުއެވެ. މާލޭ ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 5 ސެގްމެންޓުގެ ތެރެއިން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ރަސްމީ ފާލަމާ ހަމައަށް 700 މީޓަރުގެ ސަރަޙައްދެއް ތާރުއަޅައިގެން ތަރައްޤީ ކޮށްފައިވެއެވެ.