ހަ ޤައުމަކުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއަށް މަޤާމުގެ ފަތްކޮޅު އަރުވައިފިއެވެ.
އެބޭޅުން ރައީސުލްޖުމްހޫރިއްޔާއަށް މަޤާމުގެ ފަތްކޮޅު އަރުވާފައިވަނީ، މިއަދު ރައީސްއޮފީހުގައި ވަކިވަކިން ބޭއްވި ބައްދަލުކުރެއްވުންތަކުގައެވެ. ނޮން ރެސިޑެންޓް ސަފީރުން މި ރަސްމިއްޔާތަށް ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ ޢިއްޒަތުގައި، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް)ގެ ބެރުދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރާއެކު ހިންގަވާފައެވެ.

މިއަދު މަޤާމުގެ ފަތްކޮޅު އަރުވާފައިވާ ނޮން-ރެސިޑެންޓް ސަފީރުން:
- ޑިމޮކްރެޓިކް ޕީޕަލްސް ރިޕަބްލިކް އޮފް ލާއޮސް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ވިތާޔާ ޒަޔާވޮންގ
- ތުރުކެމިނިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ޝަލާރް ގެލްޑެނަޒަރޮވް
- ބުރުކީނާ ފާސޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ޑޮކްޓަރ ޑޭޒީރޭ ބޯނީފާސް ސޯމޭ
- ރިޕަބްލިކް އޮފް އޮސްޓްރިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ޑޮކްޓަރ ރޮބަރޓް ޓްސީގް
- ކިންގްޑަމް އޮފް ބޫޓާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު، ޑަޝޯ ކާރމަ ހަމު ޑޯރޖީ
- ޕޯޗުގަލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު، ޖޮއާއޯ މެނުއަލް މެންޑެސް ރިބޭރޯ ޑި އަލްމީޑާ

ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ބޭފުޅުންގެ ފަތްކޮޅު ބަލައިގަނެ، އެ ބޭފުޅުންނަށް މަރުޚަބާ ދަންނަވާފައެވެ. އަދި ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތަށްފަހު، ސަފީރުންނާއި ވަކިވަކިން ބައްދަކުރައްވާ މުހިންމު މަޝްވަރާތަކެއް ކުރައްވާފައިވެއެވެ.
އެގޮތުން ރައީސުލްޖުމްހޫރިއްޔާއާއި ސަފީރު ވިތާޔާ ޒަޔާވޮންގ ވަނީ، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ ދާއިރާތަކުން އެއްބާރުލުން އިތުރު ކުރެއްވުމަށް މަޝްވަރާ ކުރައްވާފައެވެ. މީގެއިތުރުން، ދެ ޤައުމުން ގުޅިގެން ކުރެވިދާނެ އިތުރު މަސައްކަތްތައް ދެނެގަތުމަށް މަސައްކަތް ކުރެއްވުމުގެ ޢަޒުމުގައި ތިއްބެވިކަން ހާމަކުރައްވައި، އެ ކަންކަމާމެދު އެ ދެ ބޭފުޅުންވަނީ މަޝްވަރާ ކުރައްވާފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ޕޯޗުގަލް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު ޖޮއާއޯ މެނުއަލް މެންޑެސް ރިބޭރޯ ޑި އަލްމީޑާ ބައްދަލުކުރައްވަނީ
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު، ޕޯޗުގަލް ސަފީރާއި މަޝްވަރާކުރައްވާފައިވާ ކަންކަމުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތްކުރުން ހިމެނެއެވެ. މީގެއިތުރުން ފަތުރުވެރިކަން ކުރިއެރުވުމާއި، އަދި ބައިނަލްއަޤުވާމީ މައިދާނުގައި އެއްބާރުލުން އިތުރުކުރުން ފަދަ މުހިންމު ކަންކަން ހިމެނެއެވެ. އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ކުރިއަށް އޮތް އަހަރުތަކުގައި، އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެ ދެބޭފުޅުންވެސް ވަނީ ދެއްވާފައެވެ.


ރިޕަބްލިކް އޮފް އޮސްޓްރިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ ރޮބަރޓް ޓްސީގް، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުއަށް އަރުވަނީ
އޮސްޓްރިއާއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ޑޮކްޓަރ ރޮބަރޓް ޓްސީގްއާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރެއްވި މަޝްވަރާތަކުގެ ތެރޭގައި، ޑިޕްލޮމެޓިކް ތަމްރީނުތަކަށް ސްކޮލަރޝިޕުގެ ފުރުޞަތުތައް ފަހިކޮށްދިނުމާއި މެދު ޚިޔާލު ބަދަލުކުރެއްވިއެވެ. ހަމައެހެންމެ، މޫސުމަށް އަންނަ ބަދަލުތަކަށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމާއި، ފަތުރުވެރިކަން ކުރިއެރުވުމުގެ އިތުރުން ބައިނަލްއަޤުވާމީ މައިދާނުގައި އެއްބާރުލުން ދިނުމަށް މަޝްވަރާ ކުރެއްވިއެވެ.


ބޫޓާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވާފައިވާ ނޮން-ރެސިޑެންޓް ސަފީރު، ހަރ އެކްސަލަންސީ ޑަޝޯ ކާރމަ ހަމު ޑޯރޖީ އާއި ރައީސް ޑރ.މުހައްމަދު މުއިއްޒު ބައްދަލުކުރައްވަނީ
ބޫޓާން ސަފީރާއި ބައްދަލުކުރައްވައި ރައީސް ޑރ.މުއިއްޒު ވަނީ، ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ބައެއް ދާއިރާތަކުން މަޝްވަރާ ކުރައްވާފައެވެ. އޭގެތެރޭގައި ފަތުރުވެރިކަމާއި މެހްމާންދާރީގެ ދާއިރާއިން ތަޖުރިބާ ބަދަލު ކުރުމާއި މެދު މުހިންމު މަޝްވަރާތަކެއް ކުރެއްވިއެވެ. މީގެއިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކޮށް ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަޤީންކަން ދެބޭފުޅުންވެސް ވަނީ ދެއްވާފައެވެ.


ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަދި ތުރުކުމަނިސްތާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޝަލާރް ގެލްޑެނަޒަރޮވް
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާއާއި ތުރުކުމަނިސްތާނު ސަފީރު ވަނީ، އިޤުތިޞާދީ ތަރައްޤީގެ ދާއިރާއިން ފުޅާ ދާރިއާއެއްގައި އެއްބާރުލުންދިނުމަށް މަޝްވަރާ ކުރައްވާފައެވެ. އަދި ވުނަކުރުމުގެ ފުރުޞަތުތަކާއި، ދަތުރުފަތުރުގެ ދާއިރާ ހިމެނޭހެން، ދެ ޤައުމުން މަސްލަހަތު ހިއްސާކުރާ އަދި ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރުމާމެދު ދެ ބޭފުޅުން މަޝްވަރާ ކުރެއްވިއެވެ.


ބުރުކީނާ ފާސޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރު، ހިޒް އެކްސެލެންސީ ޑޮކްޓަރ ޑޭޒީރޭ ބޯނީފާސް ސޯމޭ
ބުރުކީނާ ފާސޯއިން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި ނޮން-ރެސިޑެންޓް ސަފީރާއި ބައްދަލުކުރައްވާ ރައީސް މަޝްވަރާކުރެއްވި ދާއިރާތަކުގެ ތެރޭގައި ފަތުރުވެރިކަމާއި، ޢުމްރާނީ ތަރައްޤީގެ އިތުރުން މަސްވެރިކަމުގެ ދާއިރާ ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ޤައުމުތަކާއިއެކު ކުރިއަށް އޮތްތަނުގައިވެސް ރަނގަޅު ގުޅުމެއް ބާއްވަވާނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.