މި ޖުލައި މަހު ރާއްޖެއިން ޢުމްރާގެ އަޅުކަމަށް 4،000 އަށްވުރެ ގިނަ މީހުން ފުރާފައިވާކަމަށް އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މި ދުވަސްވަރު ރާއްޖެއިން ޢުމްރާގެ އަޅުކަމަށް ދިޔަ މީހުންގެ އަދަދު އިތުރުވެފައިވަނީ މިއީ ސްކޫލް ޗުއްޓީއަށް ވުމުގެ ސަބަބުންނެވެ.

ރާއްޖެއިން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރަންދާ މީހުންގެ އަދަދު މިފަހުން ވަނީ ވަރަށް ބޮޑަށް އިތުރުވާން ފަށާފައެވެ. ޚާއްސަކޮށް ސްކޫލް ޗުއްޓީއާއި އަދި ރަމަޞާންމަސް ފަދަ މަސްތަކުގައި ޢުމްރާގެ އަޅުކަން އަދާކުރާ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުންނެވެ.

އެގޮތުން މި ސްކޫލް ބަންދުގައިވެސް ގިނަ އަދަދެއްގެ މީހުން ވަނީ ޢުމްރާގެ އަޅުކަމަށް ގޮސްފައެވެ. އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ދުވަސްކޮޅު އެކި އެކި ޖަމާޢަތްތަކުގައި ޢުމްރާއަށް ގޮސްފައިވާ ދިވެހިންގެ އަދަދު 4 ހާހަށް ވުރެ ގިނަކަމަށެވެ. އަދި މި އެންމެންގެ ޙާލު ވެސް ރަނގަޅުކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އާންމުގޮތެއްގައި ރާއްޖެއިން ޢުމްރާގެ އަޅުކަމަށްދާ މީހުން ދަނީ 2 ވަރަކަށް ހަފްތާގެ މުއްދަތަކަށެވެ. އަދި މި ފަހަކަށް އައިސް ޢުމްރާގެ އަޅުކަމަށް މީހުން ގެންދާ ގްރޫޕްތަކުގެ އަދަދުވެސް ވަނީ އިތުރުވެފައެވެ.

ޖުލައި ޢުމްރާއަށް 4،000 އަށްވުރެ ގިނަ ދިވެހިން
ޖުލައި ޢުމްރާއަށް 4،000 އަށްވުރެ ގިނަ ދިވެހިން

ރާއްޖޭގައި އުމްރާއަށް މީހުން ގެންދާ ކުންފުނިތަކުން އަމަލުކުރަންޖެހޭ އުސޫލެއް ވަނީ ހަދާފައެވެ. އެ އުސޫލުގައިވާ ގޮތުން ކޮންމެ ކުންފުންޏަކުންވެސް އުމްރާގެ ދަތުރުތަކަށް ފައިސާ ނެގުމަށްފަހު އެ ފައިސާ ޚަރަދު ކުރަން ޖެހޭނީ އުމްރާގެ ކަންކަމުގައި އެކަންޏެވެ. އެ ފައިސާ އިތުރު ކަމަކަށް ބޭނުން ކުރުމާއި، އިންވެސްޓް ކުރުންވެސް މަނާ ކަމަށް އުސޫލުގައިވެއެވެ.

އުމްރާއަށް މީހުން ގެންދިއުމުގައި ޢަމަލު ކުރުމަށް ގެޒެޓްކޮށްފައިވާ އުޞޫލުތަކާއި، ކުންފުނިތަކުން އެ ވުޒާރާއާއެކު ވެފައިވާ އެއްބަސްވުންތަކާއި ޚިލާފްވާ ފަރާތްތަކަށް ނުވަތަ އެއަށް އަމަލު ނުކުރާ ފަރާތްތަކަށް ޤަވާޢިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާނެ ކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.