42 ރަށެއްގައި ގާއިމުކުރާ ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަށް ބޭނުންވާ ސާމާނު ހޯދުމަށްޓަކައި ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްގެ ދަށުން ރާއްޖެއާއި އިންޑިއާއާ ދެމެދު ފަހުމުނާމާގައި ސޮއިކޮށްފިއެވެ.
ޚާރިޖީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ސަރުކާރުގެ ފަރާތުން އެ ފަހުމުނާމާގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމްއެވެ. އަދި އިންޑިއާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަންއެވެ.
އަދި މި މަޝްރޫއު ތަންފީޒުކުރާ ސަރުކާރުގެ މުއައްސަސާގެ ފަރާތުން ސޮއިކުރެއްވީ ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިއުއެވެ.


ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް:ފޮޓޯ/ޕީއެސްއެމް ނިއުސް
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް ވިދާޅުވީ، މިސެންޓަރުތަކަށް ސާމާނު ފޯރުކޮށްދިނުމަކީ ރަށްރަށުގެ ރައްޔިތުންގެ ސިއްހަތާއި ދުޅަހެޔޮކަމަށް ކުރެވޭ މުހިންމު އިންވެސްޓްމަންޓެއް ކަމަށެވެ.
އަދި މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ ދިރިއުޅުމެއް އާލާކުރުމަށް މަގުފަހިވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މިއީ އަންހެނުން ބާރުވެރިކުރުވުމަށާއި، އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމަށް ލިބޭ ކުރިއެރުމެއް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މި މަޝްރޫއުގެ ސަބަބުން ދުޅަހެޔޮ އަދި ހަރަކާތްތެރި ދިރިއުޅުމެއް އާލާކުރުމަށް މަގުފަހިވެ، ފެންވަރު ރަނގަޅު ދުޅަހެޔޮ ސިއްހަތެއް ލިބޭނެ މަގު ފުޅާވެގެންދާނެ. އަދި މިއީ އަންހެނުން ބާރުވެރިކުރުވުމަށާއި، ހަމަހަމަކަމާއި، އިޖުތިމާއީ ބައިވެރިވުން އިތުރުކުރުމަށް ލިބޭ ކުރިއެރުމެއް." ވަޒީރު ވިދާޅުވިއެވެ.


ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިއު:ފޮޓޯ/ޕީއެސްއެމް ނިއުސް
ޒުވާނުން ބާރުވެރިކުރުވުމާއި ކުޅިވަރާއި ހަށިހެޔޮކަމާބެހޭ ވަޒީރު ޢަބްދުﷲ ރާފިއުގެ ވާހަކަފުޅުގައި، ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ، މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މުހިންމު މަރުކަޒުތަކަކަށް ވެގެންދާނެކަމަށް ވިދާޅުވިއެވެ. އަދި މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ރެކްރިއޭޝަނަލް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ފުޅާވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ފިޓްނަސް އަދި ރެކްރިއޭޝަން ސެންޓަރުތަކަކީ ދުޅަހެޔޮ ދިރިއުޅުމަކަށް މަގުފަހިކޮށްދޭ، އިޖުތިމާއީ ގުޅުން ބަދަހިކޮށްދޭ އަދި މުޖުތަމައުގެ ދުޅަހެޔޮކަމަށް މަސައްކަތްކުރާ މުހިންމު މަރުކަޒުތަކަކަށް ވެގެންދާނެ. އަދި މި މަޝްރޫއުގެ ސަބަބުން ހުރިހާ އުމުރުފުރައެއްގެ މީހުންނަށް، ހާއްސަކޮށް އަންހެނުންނާއި ޒުވާނުންނަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތު ފުޅާވެ، ރައްޔިތުންގެ ދުޅަހެޔޮކަމާއި ހިތްވަރުގަދަކަން އިތުރުވެގެންދާނެ." ވަޒީރު ވިދާޅުވިއެވެ.


އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން:ފޮޓޯ/ޕީއެސްއެމް ނިއުސް
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން ވިދާޅުވީ، އިންޑިއާއާއި ރާއްޖެއާއިދެމެދު ވެވުނު މި އެއްބަސްވުން ބިނާވެފައިވަނީ ދެގައުމުގެ ދެމެދުގައިއޮތް ޒަމާންވީ ގުޅުމުގެ މައްޗަށްކަމަށެވެ.
އަދި ކުޅިވަރުގެ ދާއިރާއިން ހިންގޭ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން އަތޮޅުތެރޭގައި ދިރިއުޅޭ ފަރާތްތަކަށްވެސް ކުޅިވަރު ކުޅެވޭނެ ފަސޭހަ އިންތިޒާމުތައް ހަމަޖެހިގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއަދު ސޮއިކުރެވުނު މި ފަހުމުނާމާއިންވެސް ދައްކުވައިދެނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުން. މި ޕާޓްނަރޝިޕް ބިނާވެފައި ވަނީ އިތުބާރާއި އެކުވެރިކަމުގެ މައްޗަށް. ކުޅިވަރުގެ ދާއިރާއިން ހިންގާ މިފަދަ މިފަދަ މަޝްރޫޢުތަކުގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށުގައި އުޅޭ ފަރާތްތަކަށްވެސްބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެ." ސަފީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދެ ވަޒީރުންވެސްވަނީ އިންޑިއާ ސަރުކާރުން ދެއްވާ ދީލަތި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައި، މި އެހީތެރިކަމަކީ ދިވެހި މުޖުތަމައުތަކަށް ބޮޑެތި ހެޔޮ ބަދަލުތަކެއް ގެނުވާނެ ކަމެއްކަން ފާހަގަކުރައްވާފައެވެ.