އިންޑޮނީޝިޔާގައި ކުރިއަށްދާ ބައިނަލްއަގްވާމީ މުބާރާތެއްގައި، ރާއްޖޭގެ ބިސްބުރު ސްޕޯޓްސް ކުލަބުގެ އެކަޑަމީގެ ޓީމަކުން ބައިވެރިވެއްޖެއެވެ.

މުބާރާތުގައި ވާދަކުރުމަށް އެކަޑަމީގެ ޓީމު ވަނީ މިއަދު އިންޑޮނީޝިޔާއަށް ފުރާފައެވެ.

"އިންޑޮނީޝިޔާ ގްރާސްރޫޓް އިންޓަނޭޝަނަލް ޓޯނަމެންޓު 2026"ގެ ނަމުގައި ކުރިއަށްދާ މި މުބާރާތަކީ، ކުޑަކުދިންނަށް ވާދަވެރި މާހައުލެއްގައި، ބައިނަލްއަގްވާމީ މެޗުތަކެއް ކުޅުމުގެ ފުރުސަތު ހޯދައިދިނުމުގެ މަގްސަދުގައި ބާއްވާ މުބާރާތެއް ކަމަށް، ޕީއެސްއެމް ނިއުސް އާ ވާހަކަދައްކަމުން ބިސްބުރު އެކަޑަމީގެ ހެޑް ކޯޗު މުޙައްމަދު އިހުސާން ސަޢީދު (ލިއުބީ) ވަނީ ބުނެފައެވެ.

ބިސްބުރު އެކަޑަމީގެ ފަރާތުން 12 ކުއްޖަކު މި މުބާރާތުގައި ވާދަކުރާއިރު މުބާރާތުގައި ޖުމްލަ އަށް ޓީމު ވާދަކުރެއެވެ. އެއީ ފަސް ގައުމަކުންނެވެ. އެއީ ރާއްޖޭގެ އިތުރުން، އިންޑޮނީޝިޔާ، ތައިލެންޑް، ލާއޯސް އަދި ވިއެޓްނާމްގެ ޓީމުތަކުންނެވެ.

އިހުސާން ބުނީ މި މުބާރާތުގައި ކަނޑައަޅާފައިވާ ޓާގެޓަކީ މަދުވެގެން ދެ މެޗުން މޮޅުވުން ކަމަށެވެ.

އިހުސާން މައުލޫމާތު ދިން ގޮތުގައި މި މުބާރާތުގައި ބިސްބުރު އެކަޑަމީގެ ޓީމުން ބައިވެރިވަނީ ކުދިންގެ ބެލެނިވެރިންގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު، އެކަޑަމީން ޚަރަދުކުރާ ގޮތަށް ކަމަށެވެ.

މި މުބާރާތް ކުރިއަށްދާނީ ހަތަރު ދުވަހުގެ މުއްދަތަކަށް ކަމަށާއި، މުބާރާތަށްފަހު، އިންޑޯ ޕިޗުތަކެއްގައި ޓީމުން ފުޓްސަލް މެޗުތަކެއްވެސް ކުޅޭނެކަމަށް އިހުސާން ބުންޏެވެ.

އަދި އަށް އަހަރުން ދަށުގެ ކުދިންނަށް ޙާއްސަ މި މުބާރާތުގައި ބިސްބުރު އެކަޑަމީން ވާދަކުރާއިރު، ބޭނުންވަނީ ފުޓުބޯޅައިގެ އައު ޖީލެއް ބިނާުކުރުމަށް ބިސްބުރުން އަދާކުރާ ދައުރު ބޮޑުކުރަންކަމަށް އިހުސާން ބުންޏެވެ. ޙާއްސަ ގޮތެއްގައި އަށް އަހަރަކީ މި ކުޅިވަރަށް ކުދިން ހާނުވައި، ބިނާކުރުމުގައި މުހިންމު އުމުރުފުރައެއްކަމުން، މި އުމުރުގައި އެ ކުދިންނަށް ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ބިސްބުރުން ދޭން ބޭނުންވާކަން އިހުސާން ފާހަގަކުރިއެވެ.

ބިސްބުރު އެކަޑަމީގެ ޓީމެއް އިންޑޮނޭޝިޔާ މުބާރާތެއްގައި ވާދަކުރަނީ
ބިސްބުރު އެކަޑަމީގެ ޓީމެއް އިންޑޮނޭޝިޔާ މުބާރާތެއްގައި ވާދަކުރަނީ

އިހުސާން އިތުރަށް ބުނީ، ބިސްބުރު އެކަޑަމީއާ ގުޅިގެން ކުރިއަށްދާން ބޭނުންވާ ކޮންމެ ކުއްޖަކަށްވެސް އެ ފުރުސަތު އޮންނާނެ ކަމަށާއި އެކަމަށް އެ އެކަޑަމީން އަބަދުވެސް މަރުހަބާ ކިޔާނެ ކަމަށެވެ. އަދި މި ފުރުސަތު އޮތީ ހަމައެކަނި މާލޭގައި ދިރިއުޅޭ ކުދިންނަށް އެކަނި ނޫންކަން އިހުސާން ފާހަގަކުރިއެވެ.

ބިސްބުރަކީ ފާއިތުވީ ދުވަސްތަކުގައި ދިވެހި ފުޓުބޯޅައިގައި ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާ ޓީމެވެ. ބިސްބުރުގެ ސީނިއަރ ޓީމު ވަނީ ކުރިއަށް އޮތް ފުޓުބޯޅަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުގެ ޖާގައެއްވެސް ހޯދާފައެވެ. އެ ޓީމުން ފުރަތަމަ ޑިވިޝަންގެ ޖާގަ ހޯދީ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، އެފަހުން ކުޅުނު ޕްރިމިއަރ ލީގުގެ ކޮލިފިކޭޝަންގައި ދެވަނަ ހޯދައިގެންނެވެ.

ފާހަގަކޮށްލަން ޖެހޭ ގޮތުގައި އެ ޓީމު އެ ހިސާބަށް ގެންގޮސްދިނީ މިއަދު އެކަޑަމީގެ ހެޑް ކޯޗުކަމާ ހަވާލުވެ ހުރި އިހުސާންގެ ކޯޗުކަމުގެ ދަށުންނެވެ.