މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިން ސްކޫލު ބަންދު ދުވަސްވަރާ ދިމާކޮށް ސްކޫލު ކުދިންނަށް ޚާއްސަ ކޮށްގެން ކުރިޔަށްގެންދާ "ހޮލިޑޭ ކޭމްޕް" ފަށައިފިއެވެ. މިފަހަރުގެ ކޭމްޕް ކުރިޔަށް ދަނީ، މީޑިޔާ ދާއިރާގެ އައު 2 ވޯކްޝޮޕަކާއެކުއެވެ.
ސްކޫލު ބަންދާ ދިމާކޮށް ޕަބްލިކް ސަރވިސް މީޑިޔާ، ޕީއެސްއެމްގެ ދަށުން ހިންގާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް، އެމްއެމްއައިއިން ކުރިއަށްގެންދާ ކޭމްޕުގައި މިފަހަރުވެސް ތަފާތު ވޯކްޝޮޕްތައް ހިމަނާފައިވެއެވެ. މި ވޯކްޝޮޕްތައް މިމަހުގެ 18 އިން 23 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިޔަށް ދާނެއެވެ.
އެމްއެމްއައިން ވިދާޅުވީ، މިފަހަރުގެ ކޭމްޕުގައި ކުރިއަށްގެންދާ ވޯކްޝޮޕުތަކުގައި ޖުމްލަ 90 ކުދިން ބައިވެރިވެފައިވާ ކަމަށާއި، އެއީ 8 އަހަރާއި 17 އަހަރާއި ދެމެދުގެ އުމުރުފުރާގެ ކުދިން ކަމަށެވެ. މި ކޭމްޕުގައި ކުރިޔަށްގެންދާ ވޯކްޝޮޕުތައް އަންނަ ބުރާސްފަތި ދުވަހާއި ހަމަޔަށް ކޮންމެ ދުވަހެއްގެ ހެނދުނު 11:00 އިން އިރުއޮއްސި 7:30 ހަމައަށް ކުރިއަށްދާނެ ކަމަށާއި، ވޯކްޝޮޕުތަކުގައި ބައިވެރިވުމަށް 500 ރުފިޔާގެ ފީއެއް ނަގާނެ ކަމަށް އެމްއެމްއައިން މައުލޫމާތުދެއްވައެވެ.
އެމްއެމްއައިން މިފަހަރުގެ ކޭމްޕުގައި އަލަށް ތަޢާރަފުކުރި 2 ކޯސް ކަމުގައިވާ އެޑިޓްކުރަން ދަސްކޮށްދޭ ފޮޓޯ ފަންލެބު ކޯހާއި، އެނިމޭޝަން ދަސްކޮށްދޭ އެނިމޭޓަރ ޖޫނިއަރ ވޯކްޝޮޕުގައިވެސް މިފަހަރު ކުދިން ބައިވެރިވެފައިވާ ކަމަށް އެ އިންސްޓިޓިއުޓުން މައުލޫމާތުދެއްވައެވެ. މީގެއިތުރުން ކޮންމެ ބަންދެއްގައިވެސް ކުރިޔަށްގެންދާ ހެދުން ފަހައި ޑިޒައިންކުރަން ދަސްކޮށްދޭ ކޯސް މިފަހަރުވެސް ކުރިޔަށްގެންދާނެއެވެ.
އެމްއެމްއައިން ވިދާޅުވީ، ހޮލިޑޭ ކޭމްޕުގައި ކުރިޔށްގެންދާ ވޯކްޝޮޕުތަކުގެ ތެެރެއިން އެންމެ ތަރުހީބު ބޮޑީ އެހެން އަހަރުތަކެކޭވެސް އެއްގޮތަށް ޕްރެޒެންޓިން އަދި ހޮސްޓިންގ ވޯކްޝޮޕުތަކަށް ކަމަށެވެ.
އެމްއެމްއައިއިން ކޭމްޕުގައި ހިންގާ ވޯކްޝޮޕްތައް:
- ޓީވީ ޕްރެޒެންޓިން
- ރޭޑިއޯ ޕްރެޒެންޓިން
- ހޯސްޓިން އެންޑް ޕަބްލިކް ސްޕީކިން
- އެޑިޓްކުރަން ދަސްކޮށްދޭ ފޮޓޯފަން ލެބު
- އެނިމޭޝަން ހަދަން ދަސްކޮށްދޭ، އެނިމޭޓް ޖޫނިއަރ ވޯކްޝޮޕް
- ހޭންޑް އެމްބްރޮއިޑަރީ ނުވަތަ ފަހަން ދަސްކޮށްދޭ ވޯކްޝޮޕް
- ލަވަ ކިޔަން ދަސްކޮށްދޭ ވޯކްޝޮޕް
- ސްމާޓްފޯނު ފިލްމް ޝޫޓިން
- ޕެއިންޓް އެންޑް ކްރާފްޓް
- ޔަންގް ޖާނަލިސްޓް ވޯކްޝޮޕް
ސްކޫލު ޗުއްޓީއާ ދިމާކޮށް އެމްއެމްއައިއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ ވޯކްޝޮޕުތަކަށް ބެލެނިވެރިންގެ ފަރާތުންވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބޭ ކަމަށް އެމްއެމްއައިން ވިދާޅުވެއެވެ. އަދި މި ކޭމްޕުތަކުގެ ސަބަބުން ކުދިންނަށް މީޑިޔާގެ ދާއިރާއިން ތަފާތު ހުނަރުތައް ދަސްވެ، މީޑިއާގެ މުހިންމުކަމާއި މީޑިޔާގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ދަސްވާކަން އެމްއެމްއައިއިން ފާހަގަކުރައްވައެވެ.
އެމްއެމްއައިއިން އަންނަނީ، މީޑިޔާގެ ދާއިރާއަށް ކުދިންގެ ހިތުގައި ޝައުޤުވެރިކަން އިތުރު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން، ސްކޫލް ކުދިންނަށް އެކިއެކި ތަމްރީންތައް ދިނުމާއި، ޕްރެޒެންޓިންގެ ދާއިރާއަށް މީހުންގެ ޝައުޤުވެރިކަން އިތުރު ކުރުމަށް އެމްއެމްއައިއިން އަންނަނީ، ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.