އީރާނުން ދިން ވަރުގަދަ ޙަމަލާތަކެއްގައި އުރުދުންގައި ތިބޭ އެމެރިކާގެ އިސްތިޢުމާރީ ސިފައިންގެ ތެރެއިން ދެ މީހުން މަރުވުމާ ގުޅިގެން އެ ކަމުގެ ބަދަލުހިފުމުގެ ގޮތުން އެމެރިކާގެ އަސްކަރިއްޔާއިން އީރާނަށް ދެމުންދާ ޙަމަލާތައް އިތުރަށް ވަރުގަދަކޮށްފިއެވެ. މިއީ، އެމެރިކާއިން ޖެހިޖެހިގެން އީރާނަށް ޙަމަލާ ދީފައިވާ އަށްވަނަ ދުވަހެވެ. ޙަމަލާ ބަދަލުކުރުން ހުއްޓައިލުމަށް ސޮއިކޮށްފައިވާ ޞުލްޙައިގެ އިބުތިދާއީ އެއްބަސްވުން އުވިފައިވާއިރު، މިހާރު ބަދަލު ކުރަމުންދާ ޙަމަލާތައް ވަނީ ނުރައްކާތެރި މިންވަރަކަށް ވަރުގަދަވެފައެވެ.

އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، އެންމެ ފަހުގެ ޙަމަލާތައް ކުރިއަށް ގެންގޮސްފައި ވަނީ ސީދާ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އިރުޝާދުގެ ދަށުން ކަމުގައެވެ. އަދި، އުރުދުނުން މަރުވި އެމެރިކާ ސިފައިންގެ ދެ މީހުންގެ ބަދަލުހިފުމުގެ އިތުރުން ޙަމަލާތަކުގެ އަމާޒަކީ ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރާ ވިޔަފާރި އުޅަނދުފަހަރަށް އައިއާރްޖީސީން ކުރިމަތި ކުރަމުންދާ ނުރައްކާ ނައްތައިލުން ކަމުގައެވެ. އުރުދުނަށް އީރާނުން ދިން ޙަމަލާތަކުގައި އެމެރިކާ ސިފައިންގެ ތިންވަނަ މީހަކު ގެއްލިފައިވާ ކަމުގައި ވެސް އެމެރިކާގެ މަޞްދަރުތަކުން ބުނެއެވެ. އެމެރިކާގެ ޙަމަލާތަކުގައި ހޮރްމުޒްގާންގައި ހުންނަ އަސްކަރީ މަރުކަޒުގެ އިތުރުން ވައިގެ ދިފާޢީ ވަސީލަތްތަކާއި، މަދަނީ ބިނާރުގެ ތެރެއިން ބުރިޖުތަކާއި ޓަނަލްތަކަށް ގެއްލުންވެފައިވާއިރު، އެންމެ ފަހުގެ ޙަމަލާތަކުގައި ތިން މީހުން ޝަހީދުކޮށްލައި އިތުރު އަށް މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.

ބަދަލުގައި އީރާނުން ވަނީ ކުވައިތުގެ ކޭމްޕް ޢަރްފިޖާންއާއި ޢަލީ އަލް-ސާލިމް އަސްކަރީ ވައިގެ ބަނދަރުގެ ރާޑަރު ނިޒާމަށް ޙަމަލާދީ، ތެޔޮ ކާރުޚާނާތަކަށް ވެސް ޙަަމަލާތައް އަމާޒުކޮށްފައެވެ. އެ ޙަމަލާތަކުގައި ޢާންމުންގެ ބަޔަކަށް އަނިޔާވި ކަމުގައި ކުވައިތުގެ މަޞްދަރުތަކުން ބުނެއެވެ. މީގެ އިތުރުން، ބަޙްރައިންގެ ޝައިޚް ޢީސާ އަސްކަރީ ވައިގެ ބަނދަރާއި، އުރުދުންގެ އަލް-އަޒްރަޤު އަސްކަރީ ވައިގެ ބަނދަރަށް ދިން ޙަމަލާތަކުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތަކަކަށް ގެއްލުންވިއެވެ. އަދި، ސަޢޫދީ ޢަރަބިއްޔާގެ އަލް-ޚަރްޖަށް ވެސް އީރާނުން ވަނީ މިސައިލް ޙަމަލާތަކެއް ދީފައެވެ. ޢިރާޤުގައި ކުުރުދީން އުޅޭ ސަރަޙައްދުތަކަށް ވެސް އީރާނުން ޙަމަލާތައް އަމާޒުކުރިއެވެ.

އެމެރިކާއިން މިހާރު ހިންގަމުންދާ ޖަރީމާތަކާ ގުޅޭގޮތުން އީރާންގެ އިސް މުރުޝިދު އާޔަތުالله ސައްޔިދު މުޖުތަބާ ޙުސައިނީ ޚާމަނާއީ ވިދާޅުވީ، ވޮޝިންގޓަނުގެ އަގު ވެއްޓިފައިވާ ކަމަށާއި، ބަހުގައި އެއްވެސް އިތުބާރެއް ނެތް ކަމުގައެވެ. ފާއިތުވި ދުވަސްތަކުގައި އެމެރިކާގެ އަސްކަރިއްޔާއިން ދިން ޙަމަލާތަކުގައި އީރާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު ވަނީ 50 އަށް އުފުލިފައެވެ. އަދި، އިތުރު 500 އެއްހާ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. މެދުއިރުމަތީގެ މަސްރަޙު އަލުން ނުތަނަވަސްވެގެން ދިޔުމާއެކު ގަލްފް ކޯޕަރޭޝަން ކައުންސިލާއި (ޖީސީސީ) ވިލާތުގެ އިއްތިޙާދުން (އީޔޫ) ވަނީ މި ކަމާމެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި، ހުރްމުޒް އަލުން ބަންދުކުރުން ކުށްވެރިކޮށް، ޙަމަލާތައް މެދުކަނޑައިލުމަށް ގޮވައިލާފައެވެ.