ނިއުޔޯކް ނިއުޖަރޒީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާ ފީފާ ފޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވާލެއްވުމަށް މެކްސިކޯގެ ރައީސާ ކްލައުޑިއާ ޝެއިންބައުމް ވަޑައިގެންނަވާނެކަމަށް ހާމަކުރައްވައިފިއެވެ.

މެކްސިކޯގެ ރައީސާ މިކަން ހާމަކުރައްވާފައިވަނީ ސޯޝަލް މީޑިއާގައި އާންމު ކުރެއްވި ވީޑިއޯއެއް މެދުވެރިކުރައްވައެވެ. މެކްސިކޯގެ ރައީސާ ވިދާޅުވިގޮތުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްވަނީ އެކަމަނާއަށާއި ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީއަށް ވޯލްޑްކަޕްގެ ފައިނަލް މެޗަށް ދައުވަތު ދެއްވާފައިވާކަމަށެވެ. އަދި މިފަހަރުގެ މުބާރާތް ތިން ޤައުމުން ގުޅިގެން ބާއްވާއިރު ތިން ޤައުމުގެ އިސްވެރިން ފައިނަލް މެޗުގައި ބައިވެރިވަޑައިގެންނެވުމަކީ މުހިންމުކަމެއްކަމަށް ދެކެވަޑައިގަންނަވާތީ އެމެރިކާގެ ރައީސްގެ ދައުވަތު ގަބޫލް ފުޅު ކުރައްވާފައިވާނެކަމަށް ޝެއިންބައުމް ވިދާޅުވިއެވެ.

ޝެއިންބައުމް ވިދާޅުވީ އެކަމަނާގެ މި ދަތުރުފުޅުގެ ސަބަބުން މެކްސިކޯއާއި އެމެރިކާގެ ސަރުކާރުގެ މެދުގައި އޮތް ގާތް ގުޅުން ހާމަވެގެންދާނެކަމަށެވެ. އަދި ވޯލްޑް ކަޕްގެ ފައިނަލް ނިންމަވާލެއްވުމަށްފަހު ހޯމަދުވަހު އެނބުރި ޤައުމަށް ވަޑައިގަންނަވަނެކަމަށްވެސް އެކަމަނާ ވިދާޅުވެއެވެ.

ފީފާއިން އިންތިޒާމް ކޮށްގެން އެމެރިކާ، މެކްސިކޯ އަދި ކެނެޑާގައި ބާއްވަމުންދާ ވޯލްޑް ކަޕްގެ ފައިނަލް މެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު މިތިން ޤައުމުގައިވެސްވަނީ މުބާރާތުގެ މެޗުތައް ކުޅެފައެވެ. މިގޮތުން މެކްސިކޯގެ ތިން ސިޓީއެއްގައި 13 މެޗު ކުޅުނު އިރު ކެނެޑާގެ ދެސިޓީއެއްގައިވަނީ 13 މެޗު ކުޅެފައެވެ. އަދި 104 މެޗުގެ ތެރެއިން ބާކީ 77 މެޗު މިހާރުވަނީ އެމެރިކާގެ 11 ސިޓީއެއްގައި ކުޅެފައެވެ. އަދި މިރޭ ކުޅޭ ފައިނަލް މެޗާއެކު އެމެރިކާގައި ކުޅޭ މެޗުތަކުގެ އަދަދު 78 އަށް އަރާނެއެވެ.