ދުނިޔޭގެ ފުޓްބޯޅައިގެ އެންމެ ޝަރަފުވެރި އަދި އެންމެ ބޮޑު ފުޓްބޯޅަ މުބާރާތް ކަމުގައިވާ ފީފާ ވޯލްޑްކަޕްގައި އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ހޯދާފައިވާ ކާމިޔާބީތައް ހޯދުމަކީ އެހެން ކުޅުންތެރިއަކަށް ކައިރި މުސްތަގުބަލެއްގައި ހޯދިދާނެ ކާމިޔާބީތަކެއް ނޫނެވެ.

އެމެރިކާ އާއި މެކްސިކޯގެ އިތުރުން ކެނެޑާގައި މިހާރު ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ކުއާޓަރ ފައިނަލުގައި މިރޭ ސްވިޒަލޭންޑާއި ދެކޮޅަށް އާޖެންޓީނާ ނިކުންނައިރު މެސީ ވަނީ ވޯލްޑްކަޕްގެ ތާރީޚުގައި މިހާތަނަށް 21 ލަނޑު ޖަހާ މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ޝަރަފު ހޯދާފަ އެވެ.

ޖަރުމަންގައި 2006 ވަނަ އަހަރު ބޭއްވި ވޯލްޑްކަޕް އިން ފެށިގެން މިހާތަނަށް ބޭއްވި ހަ ވޯލްޑްކަޕްގައި ވެސް ކުޅެފައިވާ ލިއޮނެލް މެސީ ވަނީ ވޯލްޑްކަޕްގައި މިހާތަނަށް ޖުމްލަ 31 މެޗު ކުޅެ ވޯލްޑްކަޕްގައި އެންމެ ގިނަ މެޗު ކުޅުނު ކުޅުންތެރިޔާގެ ރެކޯޑްވެސް ހޯދާފަ އެވެ. މެސީ ކުޅުނު 31 މެޗުގެ ތެރެއިން 13 މެޗުގައި އޭނާ ވަނީ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާ އެންމެ ގިނައިން މި ޝަރަފުވެސް ހޯދާފަ އެވެ.

ފީފާ ވޯލްޑްކަޕްގެ ތާރީޚުގައިވެސް މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ދެ ފަހަރު މަތިން ހޯދާފައިވާ ހަމައެކަނި ކުޅުންތެރިއަކީވެސް އުމުރުން 39 އަހަރުގެ މެސީ އެވެ. އޭނާ ވަނީ 2014 ވަނަ އަހަރު ބްރެޒިލްގައި ބޭއްވި ވޯލްޑްކަޕްގެ އިތުރުން 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދާފަ އެވެ.

މިހާރު ކުރިއަށްދާ މުބާރާތުގައިވެސް މިހާތަނަށް އާޖެންޓީނާ ކުޅުނު ފަސް މެޗުގައި އޭނާ ވަނީ ޖުމްލަ 8 ލަނޑު ޖަހާފަ އެވެ.

2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑްކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު މެސީ ވަނީ އެ ޓީމުން ކުޅުނު ހަތް މެޗުގައި ޖުމްލަ 7 ލަނޑު ޖަހާ ތިން އެސިސްޓް ކޮށްފަ އެވެ. އުމުރުން 39 އަހަރު ވީ ނަމަވެސް މި ފަހަރުގެ މުބާރާތުގައި އޭނާ ދައްކަމުންދާ ކުޅުމާއިއެކު މި މުބާރާތުގައި އޭނާ ވަނީ ހުރިހާ ގޮތަކުންވެސް އަދަދުތައް އިތުރުކޮށްފަ އެވެ.