15 އަހަރުންދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމަށް ކުޅުންތެރިން ހޮވުމަށް ބާއްވާ ޓްރައިއައުޓްސްގައި ރަޖިސްޓްރީވުމަށް މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަނުން ހުޅުވާލައިފިއެވެ.
ބާސްކެޓްބޯޅަ އެސޯސިއޭޝަނުން މީސްމީޑިއާއަށް ދޫކޮށްލާފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ހުނަރުވެރި އައު ޖީލެއް ބާސްކެޓްބޯޅައިން ނެރުމަށްޓަކައި 15 އަހަރުންދަށުގެ ގައުމީ ބާސްކެޓްބޯޅަ ޓީމެއް އެކުލަވާލުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ.


އެމްބީއޭއިން ކުރިއަށް ގެންދިޔަ މުބާރާތެއްގެ ތެރެއިން-- ފޮޓޯ: ޕީއެސްއެމް ނިއުސް
އަންހެން އަދި ފިރިހެން ގައުމީ ބާސްކެޓް ޓީމެއް އެކުލަވާލުމަށް ހަމަޖެހިފައިވާއިރު، ކުޅުންތެރިން ހޮވުމަށް ބާއްވާ ޓްރައިއައުޓްސްގައި ބައިވެރިވުމަށް ނަން ނޯޓްކުރުމުގެ ފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ. އެފުރުސަތު މިމަހުގެ 30 ވަނަ ދުވަހުގެ މެންދުރު 02:00 އާއި ހަމައަށްވަނީ ހުޅުވިފައެވެ. އަދި ގައުމީ ސްކޮޑަށް ކުޅުންތެރިން ހޮވުމަށް ބާއްވާ ޓްރައިއައުޓްސް އޮންނާނީ އަންނަ އޮގަސްޓަމަހުގެ 2 އިން 6 ގެ ނިޔަލަށެވެ.
ބާސްކެޓް ކުޅުމުގެ ހުނަރާއި ޝައުގުވެރިކަން ހުރި، ކޮންމެ ކުއްޖަކަށް މިފުރުސަތު ހުޅުވިފައިވާކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުންވަނީ ބުނެފައެވެ. އަދި މި ސްކޮޑަކީ މުސްތަގުބަލުގައި ބައިނަލްއަގްވާމީ މައިދާނުގައި ގައުމު ތަމްސީލުކުރާނެ ސްކޮޑަށްވާއިރު، މި ޝަރަފު ހޯދުމުގެ ފުރުސަތު ކޮންމެ ކުއްޖަކަށްވެސް މިމަހުގެ 30 ވަނަ ދުވަހާއި ހަމައަށް ހުޅުވިފައިވާކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ބުނެއެވެ.