އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގައި ހުރި ނޭޗަރ ޕާކުތައް މަރާމާތުކޮށް، އަލުން ތަރައްޤީކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ތައްޔާރުވެއްޖެއެވެ.

އެވުޒާރާއިން ވަނީ އެތަންތަނުގެ ފެންވަރު މަތިކުރުމަށް ހިންގުމަށް ހަމަޖެހިފައިވާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމުގެ ކުރިން ބާއްވަންޖެހޭ ހާއްސަ ތަމްރީނު ޕްރޮގްރާމެއް ބާއްވާފައެވެ.

މިތަމްރީނުތަކުގައި އައްޑޫ އަދި ފުވައްމުލަކު ނޭޗަރ ޕާކުގެ މުވައްޒަފުންނާއި، ދެސިޓީގެ ކައުންސިލްތަކުގެ އިސް ބޭފުޅުންނާއި، މަޝްރޫއުގެ ކޮންޓްރެކްޓަރުންގެ އިތުރުން މިމަސައްކަތުގައި ހިއްސާވާ އެކި ބައިވެރިން ވަނީ ބައިވެރިވެފައެވެ. މިތަމްރީނަކީ އެންވަޔަރަންމަންޓަލް އެންޑް ސޯޝަލް މެނޭޖްމަންޓް ޕްލޭން އަދި ގްރީވަންސް ރެޑްރެސް މެކޭނިޒަމް ތަންފީޒުކުރުމާ ގުޅޭގޮތުން ބޭއްވުނު ތަމްރީނެކެވެ.

ތަމްރީނުތަކުގެ މައިގަނޑު ބޭނުމަކީ ނޭޗަރ ޕާކުތައް ތަރައްގީކުރުމުގެ މަޝްރޫއު ކުރިއަށްދާއިރު، ތިމާވެއްޓާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމެވެ. މަޝްރޫއުގެ ތެރެއިން ކަމާގުޅޭ ފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމާއި، މަސައްކަތުގެ ތެރޭގައި ދިމާވެދާނެ ޝަކުވާތައް ހުށަހަޅައި، އެކަންކަން ހައްލުކުރާނެ ނިޒާމެއް ހަރުދަނާކޮށް މަޝްރޫއުގެ ތެރޭގައި ބޭނުންކުރުން ހިމެނޭކަމަށް ވިދާޅުވިއެވެ. މިމުހިންމު މަސައްކަތަކީ ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި، ގްލޯބަލް ފަންޑް ފޯ ކޮރަލް ރީފްސް އަދި އޮސްޓްރޭލިއަން އެއިޑްގެ ދީލަތި އެހީތެރިކަމާއެކު ކުރިއަށްގެންދާ މަސައްކަތެކެވެ.

މިމަޝްރޫއުގެ ސަބަބުން އައްޑޫ އަދި ފުވައްމުލަކުގެ ގުދުރަތީ ރީތިކަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކުރުމަށާއި، އެތަންތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބޭ ޚިދުމަތްތައް އިތުރަށް ފުރިހަމަވެގެންދާނެ ކަމަށް ބެލެވެއެވެ. މިމަސައްކަތަކީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް، ގުދުރަތީ މާހައުލުތަކުން ނަފާ ހޯދުމަށް ކުރެވޭ މުހިންމު މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ނޭޗަރ ޕާކް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިމަސައްކަތުގެ ތެރެއިން 10 ރަށެއްގައި ނޭޗަރ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ވަނީ ފަށާފައެވެ.