އުފާވެރި ޗުއްޓީއެއް ހޭދަކުރުމުގައި ދުޅަހެޔޮ ސިއްޙަތަށް ސަމާލުކަން ދެއްވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން އިލްތިމާސް ކުރައްވައިފިއެވެ. ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެޗްޕީއޭއިންވަނީ، ޗުއްޓީ ދުވަސްވަރު ސިއްޙަތަށް ސަމާލުވުމަށް ކުރެވިދާނެ 5 ކަމެއް ހިއްސާކުރައްވާފައެވެ.
ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، ދަރިވަރުންގެ ޗުއްޓީ މިހާރު މިވަނީ ފަށާފައެވެ. ޗުއްޓީ ދުވަސްވަރަކީ، އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކޮށްލުމަށް ލިބޭ މަދު ދުވަސްތަކެކެވެ. މިއީ، ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަރާމުކޮށްލުމަށް ލިބޭ ދުވަސްތަކެކެވެ.
އެހެންނަމަވެސް، މި ދުވަސްތަކުގައި އާއިލާއާއި ރައްޓެހިންނާއެކު ހޭދަކުރާ ވަގުތުތަކުގައި ސިއްޙަތަށް ދޭންޖެހޭ ސަމާލުކަން ކުޑަވެއެވެ. ދުޅަހެޔޮ ސިއްޙަތަކީ، މާތްﷲ އަޅުގަނޑުމެންނަށް ދެއްވާފައިވާ ވަރަށް ބޮޑު ނިޢުމަތަކަށް ވާއިރު، ޗުއްޓީގެ އުފާވެރިކަން ފުރިހަމަވާނީ ސިއްޙަތަށްވެސް ބަލައިގެން އުޅުމުންނެވެ.


އުސްފަސްގަނޑުގައި ގުޑިއެރުވުން:ފޮޓޯ/ޕީއެސްއެމް ނިއުސް
އާއިލާއާއެކު އުފާވެރި ޗުއްޓީއެއް ހޭދަކުރުމުގައި ދުޅަހެޔޮ ސިއްޙަތެއްގައި ހުރުމަށް ސަމާލުކަން ދޭންވީ ކަންތައްތަކާއި ގުޅޭގޮތުން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި އެޗްޕީއޭއިން ވިދާޅުވީ، ދުޅަހެޔޮކަން ދެމެހެއްޓުމަށް އެންމެ އިސްކަންދޭންޖެހޭ އެއްކަމަކީ ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިވުން ކަމަށެވެ.
ދުންފަތަކީ އޭގެ ސަބަބުން ހަށިގަނޑުގެ އެތައް ގުނަވަނަކަށް ގެއްލުންދީ، ނުރައްކާތެރި ބަލިތަކަށް މަގުފަހިކުރުވާ އެއްޗެކެވެ. ރައްޓެހިންނާއެކު ހޭދަކުރާ ވަގުތުތަކުގައި މިފަދަ ކަންކަމުން ރައްކާތެރިވުމަށް ސަމާލުކަން ދޭންޖެހެއެވެ.
ޚާއްސަކޮށް ޗުއްޓީގެ ދުވަސްވަރުގައި ޢާއިލާއާއި، ރައްޓެހިންނާއެކު ހޭދަކުރާ ވަގުތުތަކުގައި ދުންފަތުގެ އިސްތިއުމާލު ކުރުމަކީ، ތިމާގެ އިތުރުން ގާތުގައި ތިބޭ އާއިލާގެ މެންބަރުންނާއި ކުޑަކުދިންނަށްވެސް އޭގެ ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ.

As we gather with family and friends this holiday, let’s put health first. Small healthy choices today can help build a healthier tomorrow.#HealthyHolidays#PublicHealthpic.twitter.com/EaxmD2wKQJ
— Health Protection Agency (@HPA_MV)July 17, 2026
ޗުއްޓީގެ ދުވަސްވަރަކީ އާންމުކޮށް ތަފާތު މީރު ކާނާތަކާއި، ފޮނި އެއްޗެހި ގިނައިން ބޭނުންކުރެވޭ ދުވަސްވަރެކެވެ. ނަމަވެސް، ކެއުންބުއިމުގައި މިންހެޔޮ ކާނާއަށް އިސްކަންދިނުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އެގޮތުން ކޮންމެ ދުވަހެއްގެ ކެއުމުގައި ތަރުކާރީއާއި، މޭވާގެ ބާވަތްތައް ހިމަނައި ހަކުރާއި ލޮނު އަދި ޓްރާންސް ފެޓް ގިނަ ކާނާއާއި ބުއިންތައް ބޭނުން ނުކުރުމަށް ވަނީ އެދިފައެވެ.
މީގެ އިތުރުން، ބަރުދަން ހުންނަންޖެހޭ މިންވަރުގައި ހިފެހެއްޓުމަށް މަސައްކަތް ކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ. އެގޮތުން ސްމާޓްފޯނާއި، ޓެބްލެޓް ފަދަ ސްކްރީންތަކުގެ ކުރިމަތީގައި ހޭދަކުރާ ވަގުތު މަދުކުރަން ޖެހެއެވެ.

ކުދިންތަކެއް ފޯނު ބޭނުންކުރަނީ / ފޮޓޯ: ސޯޝަލް މީޑިއާ
އަދި ޗުއްޓީ ދުވަސްވަރު ގިނަ ވަގުތު އެއްތަނެއްގައި އިށީނދެގެން ތިބުމުގެ ބަދަލުގައި، ހަށިގަނޑަށް ކަސްރަތު ލިބޭ ފަދަ ހަރަކާތްތަކުގައި ބައިވެރިވުން މުހިންމެވެ. ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށް މޫދަށް އެރުމާއި، ހިނގާލަން ދިއުމާއި، އާއިލާއާއެކު ކުޅިވަރު ކުޅުންފަދަ ކަންކަމުގައި ޝާމިލްވެ އުޅުން މުހިންމެވެ.
ދަރިވަރުންގެ ފުރަތަމަ ޓާމުގެ ކިޔެވުން ނިމި، މިހާރު ޗުއްޓީ ފެށިފައިވާއިރު، ޗުއްޓީއަށްފަހު ދެވަނަ ޓާމުގެ ކިޔެވުން ފަށާނީ އޮގަސްޓް 2ގައެވެ. އެހެންކަމުން ފުރަތަމަ ޓާމުގެ ބަންދަށް ދަރިވަރުންނަށް 16 ދުވަހުގެ ޗުއްޓީއެއް ލިބޭނެއެވެ.