ޔުނެސްކޯއިން ދޫކުރާ "ސުނާމީ ރެޑީ" ސެޓްފިކެޓް ހާސިލުކުރާ ރާއްޖޭގެ ފުރަތަމަ ރަށަށް ވުމަށް ކުޅުދުއްފުށި ސިޓީން މުހިންމު މަސައްކަތްތަކެއް ފަށައިފިއެވެ.
ކާރިސާތަކުން ރައްކާތެރިވުމަށާއި، ކުއްލި ނުރައްކަލުގެ ހާލަތްތަކަށް ތައްޔާރުވުމުގެ ގޮތުން ކުޅުދުއްދުށި ސިޓީގެ އެކި ސަރަހައްދުތަކުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ދަނީ ވަރުގަދަކުރަމުންނެވެ. އެގޮތުން، ކާރިސާއެއް ދިމާވާ ވަގުތު އަމަލުކުރާނެ ގޮތާއި، ރައްކާތެރި ސަރަހައްދުތައް އަންގައިދޭ ޗާޓުތައް ސިޓީގެ އެކި ސަރަހައްދުތަކުގައި މިހާރު ވަނީ ހަރުކުރަން ފަށާފައެވެ.
މި މަސައްކަތުގެ ދަށުން، ކާރިސާގެ ވަގުތުގައި މީހުން ހިމާޔަތް ހޯދާނެ ރައްކާތެރި މަރުކަޒުތަކެއްގެ ގޮތުގައި އެ ސިޓީގެ މިސްކިތްތަކާއި، ސްކޫލްތައް ފަދަ އާންމު އިމާރާތްތައް ވަނީ ކަނޑައަޅާފައެވެ. އަދި ކާރިސާއެއްގެ އިންޒާރު ލިބުމާއެކު، ވީހާވެސް އަވަހަކަށް ރައްޔިތުންނަށް އެ މައުލޫމާތު ފޯރުކޮށްދިނުމަށްޓަކައި، މިސްކިތްތަކުގެ ލައުޑްސްޕީކަރު މެދުވެރިކޮށް އިންޒާރުގެ މެސެޖުތައް ފޮނުވޭނެ ނިޒާމެއް ވެސް މިހާރު ވަނީ ގާއިމުކޮށްފައެވެ.
As Kulhudhuffushi City works towards becoming the Maldives' first@IocUnescoTsunami Ready certified community, key preparedness measures are being implemented, including the installation of 📍Tsunami Evacuation Assembly Point maps.
🕌 Designated assembly points including…pic.twitter.com/84ks1v8S7t— NDMA Maldives (@NDMAmv)July 15, 2026
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ކާރިސާތަކަށް ހޭލުންތެރިކޮށް، އަދި ކޮންމެ ވަގުތަކުވެސް ކުރިމަތިވެދާނެ ނުރައްކަލަކަށް ތައްޔާރުވެފައި އޮތް މުޖުތަމައެއް ބިނާކުރުމެވެ. ޔުނެސްކޯގެ "ސުނާމީ ރެޑީ" ސެޓްފިކެޓަކީ ވަކި މިންގަނޑުތަކަކަށް ފެތޭ ރަށްތަކަށް ދޫކުރާ ބައިނަލްއަގުވާމީ ޝަރަފެކެވެ.
މި މަސައްކަތް ކާމިޔާބުކަމާއެކު ނިމިގެންދާއިރު، ކުޅުދުއްފުށި ސިޓީ ވެގެންދާނީ ކާރިސާތަކުން ރައްކާތެރިވުމުގެ ނަމޫނާ ސިޓީއަކަށެވެ. މިއީ ރާއްޖޭގެ އެހެން ރަށްތަކަށްވެސް މިފަދަ ނިޒާމުތައް ގާއިމުކުރުމަށް ލިބޭ ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީގެ އަމާޒަކީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ 2030 އަންނަންވާއިރަށް ވިލުންވެރި ރާއްޖޭގެ ލަނޑުދަނޑި ހާސިލްކުރުމަށް، ރާއްޖޭގެ ހުރިހާ ރަށަކަށް ޔުނެސްކޯގެ ސުނާމީ ރެޑީ ރެކަގްނިޝަން ސެޓްފިކެޓް ހޯދައިދިނުމަށް މަސައްކަތް ކުރުމެވެ. އެހެން ކަމުން މިއީ ވިލުންވެރި ރާއްޖޭގެ ލަނޑުދަނޑި ހާސިލްކުރުމަށް ކުރަމުންދާ މަސައްކަތަށް ލިބިގެންދާނޭ މުހިއްމު ބައިނަލްއަޤުވާމީ ރަމްޒެކެވެ.