ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 32 ބިދޭސީއަކު އިމިޤްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އިމިގްރޭޝަނުން ވިދާޅުވީ ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ތިލަފުށީގައި ކުރިއަށްދިޔަ ރެއިޑް އޮޕަރޭޝަނެއްގައި 836 ބިދޭސީއަކު ބަލައި ފާސްކޮށްފައިވާކަމަށެވެ. އަދި މި ރެއިޑުގެ ތެރެއިން 32 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށްގެނެސްފައިވާ ކަމަށެވެ.

ރާއްޖޭގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ޙައްލުކުރުމަށް ސަރުކާރާއި މޯލްޑިވްސް އިމިޤްރޭޝަން ގުޅިގެން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތަކުގެ ދަށުން ތަފާތު އެކި ޕްރޮގްރާމްތައް ދަނީ ހިނގަމުންނެވެ.

ތިލަފުއްޓަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރަމުންދާ ތަނެކެވެ. އިމިގްރޭޝަނުން ދަނީ ބިދޭސީން މަސައްކަތްކުރާ ތަންތަނަށް އަމާޒުކޮށް މިފަދަ ރެއިޑު އޮޕަރޭޝަންތައް ކުރިއަށްގެންދަމުންނެވެ. އެގޮތުން މިމަހުގެ 6ވަނަ ދުވަހު ވަނީ ގިނަ އަދަދަކަށް ގަވާއިދާ ހިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީން ހަރަކާތްތެރިވާކަމަށް ފާހަގަކުރެވިފައިވާ، މާލޭ ހުޅަނގު ބަނދަރު ފުޑް ކޯޓުތަކަށް ހާއްސަކޮށް، ރެއިޑް އޮޕަރޭޝަނެއް ހިންގާފައެވެ، މި އޮޕަރޭޝަނުގެ ތެރެއިން ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުންވަނީ އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޮޕަރޭޝަން ކުރަނގީގެ ނަމުގައި ބިދޭސީންގެ މަޢުލޫމާތު އެއްކުރުމުގެ ހަރަކާތެއްވަނީ ފަށާފައެވެ. މިއޮޕަރޭޝަން ކުރިއަށް ގެންދަނީ ކައުންސިލްތަކުގައިވެސް ބައޯމެޓްރިކްސް ނެގޭނެ ނިޒާމް ޤާއިމްކޮށްގެންނެވެ.

މި ދައުރު ނިމޭއިރު ބައިނަލްއަޤްވާމީ ފެންވަރުގައި އެންމެ ރަނގަޅަށް ބިދޭސީ މަސައްކަތްތެރިންގެ ކަންކަން ބަލަހައްޓާ އެއް ޤައުމަށް ރާއްޖެ ވެގެންދާނެކަމަށްދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.