ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި މި ތަކެތި އަތުލައިގެންފައިވަނީ 18 ޖޫން 2026 ވީ ބުރާސްފަތި ދުވަހުއެވެ. މި ޝިޕްމަންޓް ބަލައި ފާސްކުރިއިރު، އޭގެ ތެރެއިން ފެނިފައިވަނީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ސިންތެޓިކް ކެތިނޯން" އެވެ.


މި މައްސަލާގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނުގައި 3610 ގްރާމް (3.6 ކިލޯ) ހުރި ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު 5 މިލިޔަން ދިވެހި ރުފިޔާއަށް ވުރެ އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް އެ އިދާރާއިން ވިދާޅުވެފައެވެ.

މި މައްސަލަ އިތުރަށް ތަހުގީގު ކުރުމަށްޓަކައި، އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ދިވެހި ފުލުހުންގެ ހިދުމަތާ ހަވާލުކުރެވިފައެވެ.

ސަރުކާރުން މަސްތުވާތަކެއްޗާ ދެކޮޅަށް ކުރަމުންދާ މަސައްކަތްތައް ވަރުގަދަކޮށްފައިވާއިރު، ރާއްޖޭގެ ބޯޑަރުތައް ބެލެހެއްޓުމުގައި ކަސްޓަމްސްއިން އަންނަނީ ޚާއްޞަ ސަމާލުކަމެއް ދެމުންނެވެ.